ބޮޑު ތުހުމަތާއެކު ރައީސަށް: ސަރުކާރުގެ އައިނު ފިހާރައިން ފައިދާ ނަގަނީ ލަންކާ ބައެއް!

އައިޖީއެމްއެޗް އައިނު ފިހާރަ ހުޅުވައި ދެއްވުމަށް ފަހު ރައީސް އެތަން ބައްލަވާލައްވަނީ: އެ ފހާރައިން ފައިދާ ނަގަނީ ލަންކާ ކުންފުންޏަކުން ކަމަށް ތުހުމަތު ކުރޭ-- ފޮޓޯ: ރައީސް އޮފީސް

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، ސަރުކާރުން ނަންބަރު އައިނު ވިއްކުމުގެ ޚިދުމަތް ފަށާފައިވާއިރު, އެ ވިޔަފާރި ކުރަނީ ސްރީ ލަންކާގެ ކުންފުންޏަކާ ގުޅިގެން ކަމަށާއި އެ ފައިދާ ނަގަނީ އެ ކުންފުނިން ކަމަށް ތުހުމަތުކޮށް, ރައީސަށް ޝަކުވާ ހުށަހަޅައިފިއެވެ.

ސަރުކާރު މައި ހޮސްޕިޓަލް, އައިޖީއެމްއެޗްގެ ތެރޭގައި, އައިނު ފިހާރައެއް މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ހުޅުވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އަމިއްލަ މީހުން ކުރާ ކުދި އަދި މެދުފަންތީގެ މިފަދަ ވިޔަފާރިތަކަށް ސަރުކާރުން ވަންނާތީ އޭރުވެސް އޮތީ ފާޑު ކިޔުން އަމާޒުވެފައެވެ.

ހަަތަރު މަސް ތެރޭ، އެ ފިހާރައިން އައިނު ހެއްދުމަށް މުޅި ޖުމްލަ 47 މިލިއަން ރުފިޔާ, ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

https://www.sun.mv/214399

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް "ސަން" އިން ތައާރަފްކޮށްފައިވާ "ފާށާރު" ޕޯޓަލަށް ވެސް އެ ފިހާރައާ ގުޅޭ ޝަކުވާތައް ވަނީ ލިބިފައެވެ. އެގޮތުން އެ ވިޔަފާރީގެ ފައިދާ ނަގަނީ ލަންކާ ބަޔަކު ކަމަށާއި، ކިތަންމެ ހެޔޮ އަގުގައި ހެއްދެން އޮތް އައިނެއް ވިޔަސް ހައްދަނީ 2،000 ރުފިޔާގެ އަގެއް ނަގައިގެން ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރޭ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އައިނު ދެ ފިހާރަ ހިންގާ ވިޔަފާރިވެރިއެއް ކަމަށްވާ, އަޙްމަދު ނަސީމް ވަނީ ސަރުކާރު އައިނު ފިހާރަ ހިންގާ ގޮތާ ގުޅޭ ކަންބޮޑުވުންތަކެއް ފާޅު ކޮށްފައެވެ. އައިޖީއެމްއެޗްގައި އައިނު ފިހާރަ ހެދުމަކީ މައްސަލައެއް ނޫން ކަމަށާއި ވާދަ ކުރާނެ ބަޔަކު އައުމަކީ ކުރިއެރުމެއް ކަމަށް ނަސީމް ބުންޏެވެ. ނަމަވެސް އާސަންދައިގެ ދަށުން ވަރަށް ގިނަ ބަޔަކު އައިޖީއެމްއެޗްއިން އައިނު ހައްދާއިރު އެ ފައިދާ މިހާރު ނަގަނީ ލަންކާ ކުންފުންޏަކަށް ކަމަށް އޭނާ ބުންޏެވެ.

"އެ ހުރިހާ ފައިސާއެއް ލަންކާއަށް އުސޫލުން [ފައިދާވާހެން] އޮތީމަ އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ހިތާމަވެރި ކަމެއްހެން. ކުރިއަށް އޮތް ތަނުގައި ސަމާލުކަން ދީގެން އިސްލާހު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ،" ނަސީމް ބުންޏެވެ.

ނަސީމް ބުނީ މީގެ ކުރިން އާސަންދައިގެ ދަށުން އައިނު ހައްދަން ދެނީ 1،000 ރުފިޔާއަށްވާއިރު ރައްޔިތުން އަމިއްލަ އަތުން ފައިސާގެ އަދަދެއް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު އާސަންދައިން 2،000 ރުފިޔާ ދޭތީ އަމިއްލަ މީހުންގެ އައިނު ފިހާރަތަކުން ވެސް އަތުން އެއްޗެއް ނުދައްކައި ބައެއް ކަހަލަ އައިނު ހެއްދޭނެ ކަމަށް އޭނާ ބުންޏެވެ.

ނަސީމް ވަނީ ކުއްލިއަކަށް ސަރުކާރުން އައިނު ވިއްކަން ފެށިއިރު އެ ވިޔަފާރި ކުރާ ދިވެހި ވިޔަފާރިތަކާ މަޝްވަރާކޮށް، 2،000 ރުފިޔާއަށް އައިނު ވިއްކާނެ އިންތިޒާމު އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ހަމަޖައްސަން މަޝްވަރާ ނުކުރެއްވީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.

ހަމައެހެންމެ ލަންކާ ބަޔަކަށް އެ ވިޔަފާރި ދެއްވުމުގެ ބަދަލުގައި ރާއްޖޭގައި އެ ވިޔަފާރި ކުރާ ދިވެހި ތަޖުރިބާކާރު ކުންފުންޏަކަށް އައިޖީއެމްއެޗްގެ ތެރެއިން އެ ފުރުސަތު ދިނުން މާ ރަނގަޅު ނޫންތޯ އޭނާ ސުވާލު އުފެއްދިއެވެ.

މި ތުހުމަތުތަކާ ގުޅިގެން ރައީސް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭގެ ބަދަލުގައި ވިދާޅުވީ އައިނު ވިއްކާ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތައް ބައްލަވައި ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް