ޖުމުލަ 391 މީހުންގެ މެދުގައި ނެގި ސާވޭއިން 62 އިންސައްތަ މީހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތް 'އެޕްރޫވް'ކުރާ ކަމަށް ނުވަތަ އެ މަނިކުފާނަށް ތާއީދުކުރާ ކަމަށް ބާނި ސެންޓަރު ފޯ އިންޓަނޭޝަނަލް ޕޮލިސީން ޖަމިއްޔާއިން މިއަދު ބުނެފިއެވެ.
މިއީ ރައީސްގެ އެޕްރޫވަލް ރޭޓިން ނުވަތަ ތާއީދު ހުރި މިންވަރު ވަޒަންކުރި ނެގި ސާވޭއެކެވެ.
ބާނި ޖަމިއްޔާގެ ސާވޭގައި ވާގޮތުން އެ މީހުން ވަނީ 9،916 ނަންބަރަކަށް ގުޅަން މަސައްކަތްކޮށްފައެވެ. އެކަމަކު، އޭގެ ތެރެއިން ސާވޭގައި ބައިވެރިވެ، ޖަވާބު ދިނީ އެންމެ 391 މީހުންނެވެ. އަދި، 1،480 މީހުން ސާވޭގައި ބައިވެރިވާން ދެކޮޅު ހެދިއިރު 4،016 ނަންބަރުން ފޯނެއް ނުނަގައެވެ. ބާކީ ނަންބަރުތަކަކީ ބޭނުންނުކުރާ ނަންބަރުތައް ކަމަށް އެ ސާވޭ ރިޕޯޓުގައިވެއެވެ.
މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 23 އިން ފަށައިގެން މި މަހު އެއްވަނަ ދުވަހާ ހަމައަށެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އަންދާޒާގައި ވާގޮތުން ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 274،000 ކަމަށާއި އެހެންވެ 384 މީހުންގެ ޖަވާބުން 95 އިންސައްތަ ޔަގީންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ރިޕޯޓުގައިވެއެވެ.
ސާވޭގައި ވާގޮތުން، ބައިވެރިވި 391 މީހުންގެ ތެރެއިން 21 އިންސައްތަ މީހުން ވަނީ ރައީސްގެ ވެރިކަން 'ސްޓްރޯންގްލީ އެޕްރޫވް'ކުރާ ކަމަށް ނުވަތަ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. އެންމެ ގިނަ ބަޔަކު، 41 އިންސައްތަ މީހުން ބުނީ 'އެޕްރޫވް' ނުވަތަ ހިތްހަމަޖެހޭ ކަމަށެވެ. އެހެންވެ، ޖުމުލަ 62 އިންސައްތަ މީހުން ރައީސް މުއިއްޒާ މެދު ހިތްހަމަޖެހޭ ކަމަށް އެ ސާވޭގައިވެއެވެ.
އެ މަނިކުފާނާ މެދު ހިތްހަމަނުޖެހޭ ކަމަށް ނުވަތަ 'ޑިސްއެޕްރޫވް'ކުރީ 19 އިންސައްތަ މީހުން ކަމަށް އެ ސާވޭގައިވެއެވެ. އަދި، ބާކީ 19 އިންސައްތަ މީހުން ވަނީ ވަރަށް ބޮޑަށް ދެކޮޅުކަން ހާމަކޮށްފައެވެ. އެހެންވެ، 38 އިންސައްތަ މީހުން ރައީސް މުއިއްޒަށް ތާއީދުނުކުރާ ކަމަށް ސާވޭގައިވެއެވެ.
ސާވޭގައި ވާގޮތުން ރަށްރަށުގައި ރައީސް މުއިއްޒަށް އޮތް ތާއީދު ބޮޑެވެ. އެ ގޮތުން، ރަށްރަށުގެ 64 އިންސައްތަ މީހުން ތާއީދުކުރާއިރު ސިޓީތަކުގައި އެ އަދަދު ހުރީ 58 އިންސައްތައިގައި ކަމަށް ސާވޭގައިވެއެވެ. އަދި، ދުވަސްވީ މީހުންގެ މެދުގައި ރައީސަށް ތާއީދު އޮތްއިރު ޒުވާނުންގެ މެދުގައި މަގުބޫލުކަން ކުޑަކަމަށް ރިޕޯޓުގައިވެއެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނަށް މިދިޔަ ރިޔާސީ އިންތިޚާބުގައި 54 އިންސައްތަ ވޯޓު ލިބުނު --- ސަން ފޮޓޯ/ މޫސާ ނަދީމް
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ 129،000 މީހުންގެ ވޯޓާ އެކުގައެވެ. އެއީ 54 އިންސައްތައެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވޯޓުދެއްވީ 109،000 މީހުންނެވެ. އެއީ، 46 އިންސައްތައެވެ. ޖެހިގެން އައި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވެސް 75 ގޮނޑިއާ އެކު ސުޕަ މެޖޯރިޓީއެއް ޕީއެންސީން ކާމިޔާބުކުރިއެވެ. އެމްޑީޕީއަށް ކާމިޔާބުވީ އެންމެ 12 ގޮނޑިއެވެ.
އެކަމަކު، އޭގެ ފަހުން ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
އެ ގޮތުން، މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމް/ޕީއެންސީ ލީޑްކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސަރުކާރުގެ ވަރަށް ކުރީކޮޅު އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެ މަނިކުފާނު މިހާރު ގެންދަވަނީ ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަމުންނެވެ.
އަދި، އޭރު އެމްޑީޕީން ވަކިވެ ސަރުކާރަށް ދެކޮޅަށް މަސައްކަތްކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން ވެސް މިހާރު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ވެސް އޮންނާނެއެވެ. ސަރުކާރު ހިންގާ ޕީއެންސީން ވެސް އެ އިންތިޚާބަށް ވަރަށް ބޮޑަށް ތައްޔާރުވާއިރު، އެމްޑީޕީގެ ތެރޭގައި ވެސް އެ އިންތިޚާބުގެ ފޯރި ގަދައެވެ. އަދި، ޕީއެންއެފުން ވެސް ވަނީ ބައެއް މުހިންމު ގޮނޑިތަކަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.