ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެތި ހޯދައި ތިން ބިދޭސީ ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މާލޭގެ ދެ އެޕާޓްމަންޓެއްގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެެ. އެ ދެ ތަން ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި ފަސް ލީޓަރުގެ ތިން ފުޅި އަދި 12 ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓިނޯ ގަނެސަން (27އ) އާއި އަރުޖުން ކުއްޕަން (25އ) އަދި އަނީޝް ޕުޝްޕަކަރަން (33އ) ކަމަށް ފުލުހުން ބުންޏެވެ. މި ތިން މީހުންނަކީ ވެސް އިންޑިއާ ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ވަރަށް އާންމެވެ. އޭގެ ތެރެއިން ބަނގުރާ ވިއްކާ ބިދޭސީންގެ މައްސަލަ ވެސް ފެންމަތިވެއެވެ. މީގެ ދެ ހަފްތާ ކުރިން ވެސް 72 ބިޔަރު ދަޅު ފޮރުވަން އުޅުނު ބަންގްލަދޭޝް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވި ގޮތުގައި 202،000 ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި، ދެ އަހަރު ތެރޭ 9،697 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.