ޓްރެފިކް ގަވާއިދަށް އަމަލުކުރުމަކީ ވާޖިބެއް ކަމަށް ބުނެ، އެ ގަވައިދުތަކަށް އިހުތިރާމު ނުކުރާނަމަ އަމިއްލަ ނަފުސާއި އެހެން މީހުންނަށް ގެއްލުމެއް ލިބިދާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ޚުތުބާގައި އަލިއަޅުވާލީ، ތިމާއާއި އަނެކުންގެ ރައްކާތެރިކަމުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، އަމިއްލަ ނަފުސާއި އެހެން މީހުންގެ ރައްކާތެރިކަމަށް ސަމާލު ވެވޭނީ ﷲ އަހަރެމެނަށް ދެއްވާފައިވާ ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށެވެ. އެ ގޮތުން، އެކަލާނގެ އަހަރެމެނަށް އެތައް ނިއުމަތްތަކެއް ދެއްވާފައިވާއިރު، އެ ހުރިހާ ކަންކަމަށް އަހަރެމެން ޝުކުރުވެރިވާން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެއެވެ.

ދުވަސްވީ މީހުންތަކެއް މަގުމަތީގައި ހިނގަނީ: ޓްރެފިކް ގަވައިދަށް އަމަލުކުރުމަކީ ވާޖިބެއް، ޚިލާފުވެއްޖެނަމަ، އެހެން މީހުންނަށް ގެއްލުމެއް ވެދާނެ ކަން ޚުތުބާގައި ހަނދާންކޮށްދިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަހަރެމެނަށް ﷲ ދެއްވާފައިވާ ނިއުމަތްތަކުގެ ތެރޭގައި، ބުއްދިއާއި ފެނުމުގެ ބާރު ހިމެނެއެވެ. އެ ކަންކަމަށް ޝުކުރުވެރިވުމަކީ، ހެޔޮ ގޮތުގައި އެ ބާރުތައް ނުވަތަ ނިއުމަތްތަކުގެ ބޭނުން ހިފުންކަން ޚުތުބާގައި އެންމެނަށް ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، މަގުމަތީގެ ގަވައިދުތަކަށް އިހުތިރާމު ނުކުރާ މައްސަލައަށް ވެސް ޚުތުބާގައި އަލިއަޅުވާލިއެވެ.
"އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން ޖެހެއެވެ. އެއްގަމު އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭނެއެވެ. މަގުހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ" ޚުތުބާގައި ފާހަގަކުރިއެވެ.
ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މިސާލު ނަންގަވައި ޚުތުބާގައި ބުނީ، އެ ޒަމާނުގައި ޓްރެފިކް ގަވާއިދުތައް ނެތް ނަމަވެސް، މަގު ބޭނުންކުރާ މީހުންގެ ހައްގުތަކާއި ތަބާވާން ޖެހޭ ވާޖިބުތަކާއި އުސޫލުތައް ހުންނަ ކަމަށެވެ. މިގޮތުން، އެ އުސޫލުތަކުގެ ބޭނުމަކީ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

17 އަހަރުގެ ކުއްޖަކު މަރުވި އެކްސިޑެންޓެއްގެ ހެކި ހޯދަން ފޮރެންސިކުން ހަރަކާތްތެރިވަނީ: ޓްރެފިކު ގަވައިދާ ޚިލާފުވެއްޖެނަމަ، އެހެން މީހުންނަށް ގެއްލުމެއް ވެދާނެ ކަމަށް ޚުތުބާގައި ބުނޭ -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ކަމަށް އިޝާރަތްކޮށް، ޚުތުބާގައި ވަނީ މިއަދުގެ ހާލަތާ އެ ކަން ގުޅުވާފައެވެ. އެކި ހިސާބުތަކުގައި ޓްރެފިކް ގަވާއިދުތަކަށް ތަބާނުވުމުގެ މައްސަލަތައް ބޮޑެވެ. ޚާއްސަކޮށް، މާލެ ސަރަހައްދުގައި މި މައްސަލަ ފާހަގަވާ މިންވަރު އިތުރެވެ.
ޚުތުބާގައި ބުނީ، ރަސޫލާގެ ހަޔާތްޕުޅަށް ބަލާއިރު ޓްރެފިކް ގަވައިދުތަކަކީ އިސްލާމީ ޝަރީއަތާ ޚިލާފު އެއްޗެއް ނޫން ކަމަށާއި އެއާ އެއްގޮތަށް އަމަލުކުރުމަކީ ވާޖިބެއް ކަމަށެވެ. އެއީ، އެ ގަވައިދުތަކަކީ އާންމު މަސްލަހަތާއި މީހުންގެ މުދަލާއި އެންމެންގެ ރައްކާތެރިކަމަށް ހެދިފައިވާ އެއްޗަކަށް ވާތީކަން ޚުތުބާގައި ފާހަގަކުރިއެވެ.
ހަމައެހެންމެ، އިސްލާމް ދީނުގައި މީހަކަށް ގެއްލުމެއް ލިބުމެއް ނުވަތަ ލިބިދިނުމެއް ނުވާ ކަމަށް ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ބަސްފުޅަށް އިޝާރަތްކޮށް، ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. " ޓުރެފިކް ޤަވާޢިދާ ޚިލާފުވުމަކީ، އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި، އެހެން މީހުންނަށާއި މުދަލަށް ގެއްލުން ލިބިދާނޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ،" ޚުތުބާގައި ބުންޏެވެ.
ގަވައިދާ ޚިލާފުވެގެން މަގުމަތީގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވެސް މަދެއް ނޫނެވެ. އެ ފަދަ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި ހުރިއިރު، މީހުންގެ މުދަލަށް އެތައް ގެއްލުމެއް ގިނަ ފަހަރަށް ލިބެއެވެ.
ހިސާބުތަކުން އެނގޭ ގޮތުގައި، މިއަހަރުގެ މިހާތަނަށް ވެސް ފުލުހުންނަށް ވަނީ، 2،934 ޓްރެފިކު އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އެހެންވެ، މި ބިންމަތީގައި ހިނގާ ބިނގާވެ އުޅޭއިރު، ކިބުރުވެރިކަމާއި ބޮޑާކަމާއި ކަންނުދެއްކުމަށް ޚުތުބާގައި އެންމެނަށް ވަސިއްޔަތްކުރިއެވެ.