މަރުވެފައި އޮއްވައި ފެނުނީ ޗައިނާ މީހެއް، އޭނާ ކަނޑަށް ވެއްޓުނީ ލޯންޗަކަށް އަރަން އުޅެނިކޮށް

ކޯސްޓްގާޑުން މީހުން ސަލާމަތް ކުރުން: -- ފޮޓޯ/ އެމްއެންޑީއެފް

މުދާ ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލުނު މީހަކު މަރުވެފައި އޮއްވައި އިއްޔެ ފެނުނުއިރު, އެއީ ޗައިނާ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވައި އިއްޔެ ފެނުނު މީހާގެ ވަނަވަރު ހާމަ ކުރަމުން ފުލުހުން މިއަދު ބުނީ އެއީ, ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި, އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

https://www.sun.mv/215507

އެ ވަގުތު އޭނާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ކޯސްޓްގާޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ 13:32 އެހައިކަންހާއިރެވެ.

ފާއިތުވި ހަފުތާތަކުގައި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައިވެއެވެ.

ރާއްޖޭގައި ހިނގައިފައިވާ ބައެއް ހާދިސާތަކުގައި ކަނޑަށް މީހުން ގެއްލި، ބައެއް މީހުން ނުފެނި އެތައް ދުވަހެއްވެ، ހޯދުމުގެ މަސައްކަތް ހުއްޓާލާ ހިސާބަށް ވެސް ގޮސްފައިވެއެވެ.

comment ކޮމެންޓް