މިރޭ ވެސް އެކި ހިސާބަށް ވިއްސާރަވެ، ކަނޑުތައް ގަދަވާނެ

ވިއްސާރަވެ ކަނޑުގަދަވުން: މިރޭ ވެސް އެކި ހިސާބަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

މެޓުން މިއަދު ބުނީ، މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. މިގޮތުން، ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް، ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރިއެވެ.

އެ އިދާރާއިން ބުނި ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލު ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެއެވެ.

މާލެ އަށް ބޯކޮއް ވާރޭ ވެހެމުން ދާއިރު، ބަޔަކު މަގުމަތީ މަޑުކޮއްލައިގެން: މިރޭ ވެސް އެކި ހިސާބަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުރިހާ ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރިއެވެ.

އެއާއެކު، މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގެ ކަނޑުތަކުގައި ތިން ފޫޓާ ހަ ފޫޓާ ދެމެދަށް ރާޅު ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ.

https://sun.mv/215544

މެޓުން އިއްޔެ ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް މެދުރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ހޯމަ ދުވަހުގެ ފަހުން ވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ވާނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް