ވިއްސާރަ އަލިވެ، ދުބާއީ އެއާޕޯޓު އޮޕަރޭޝަންތައް އާންމު ހާލަތަކަށް އައިސްފި

ދުބާއީ އަށް ފެންބޮޑުވެފައި އޮތުމުން ޕަމްޕް ޖައްސައިގެން ފެން ހިއްކަނީ. ފޮޓޯ/ދަ ނޭޝަނަލް

މެދުއިރުމަތީގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ދުބާއީއަށް ކުރަމުންދާ ވިއްސާރަ ކޮންމެވެސް ވަރަކަށް އަލިވެ، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަކަށް އައިސްފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ގިނަ އަދަދެއްގެ ފްލައިޓް މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށާއި ޝެޑިއުލްއަށް އޮޕަރޭޓް ނުކުރެވި ހުރީ މަދު އަދަދެއްގެ ކަނެކްޓިން ފްލައިޓްތަކެއް ކަމަށް ވެސް އެ އެއާޕޯޓުން ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓްތައް ލަސްވެ، ކެންސަލްވެދާނެ ކަމަށް ދުބާއީ އެއާޕޯޓުން މިއަދު ވަނީ އިއުލާންކޮށްފައެވެ. މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޓްރެފިކަށް ބުރޫއަރާނެ ކަމަށް ބެލެވޭތީ، ކުރިއާލާ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ވިއްސާރަ އަލިވުމުން، ގޮޑުދޮށްތަކާއި އާންމު ޕާކުތައް އަދި އާންމުން ގޮސްއުޅޭ އެހެން ތަންތަން ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

އަބޫދާބީއަށް މޫސުން ގޯސްވެފައި. ފޮޓޯ/ޓައިމްއައުޓް އަބޫދާބީ

ވިއްސާރައާހެދި މުޅި ދުނިޔޭގެ ވެސް އެންމެ ބާރުބޮޑު އިންޓަނޭޝަނަލް އެއާ ހަބް ކަމަށްވާ ދުބާއީ އެއާޕޯޓުން ފުރަން އޮތް 13 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.

ފްލައިޓްތައް ނުފުރި ގިނަ އިރުތަކެއް ވުމުން، ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވާ ބައެއް ފްލައިޓްތައް ވެސް ވަނީ ޑިލޭ ވެފައެވެ.

އަބޫދާބީގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އެހެން ސަރަހައްދުތަކަށް ވެސް ގަދަވަޔާއެކު ވިއްސާރަކޮށްފައިވެއެވެ.

މިއަދު ހެނދުނު ދުބާއީގެ ތިރި މަގުތަކުގައި ފެން ފެންބޮޑުވެފައިވާއިރު، ރޭ އަބޫދާބީއަށްވަނީ ބޯކޮށް ވާރޭ ވެހިފައެވެ.

ދުބާއީ ސަރުކާރުން ވަނީ ސަރުކާރު ހުރިހާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގައި އަމިއްލަ ކުންފުނިތަކުން ވެސް އެގޮތަށް އަމަލު ކުރުމަށް ވަރަށް ބޮޑަށް އެދިފައެވެ. އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުން ގޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

ދުބާއީގެ މަގެއްގައި ފެންބޮޑުވެފައި. ފޮޓޯ/ދަ ނޭޝަނަލް

ބޯކޮށް ވާރޭވެހި ދުބާއީ އާއި އަބޫދާބީގެ ބައެއް ހިސާބުތަކުގައި މިދިޔަ އަހަރު ވެސް ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވާން ދިމާވާ އެންމެ ބޮޑު މައްސަލައަކީ މެދުއިރުމަތީގެ ގައުމުތަކަކީ އާންމުކޮށް ވާރޭ ނުވެހި ހަނަފަސްކޮށް އޮންނަ ގައުމުތަކެއް ކަމުން ފެން ހިންދާ ނިޒާމުތައް ވެސް ހަނަފަސް ހާލަތްތަކަށް ބަލައި ފަރުމާކޮށްފައިވުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް