ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ދަށުން މިދިޔަ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތަކަށް މި ސަރުކާރުން ނަގަން ނިންމި ޑިޕޮސިޓަށް ފައިސާ މިހާރު ދައްކައިފައިވާނަމަ، ޑިޕޮސިޓުން ކުޑަވި ބައި ކުލިން ކެނޑޭގޮތަށް ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ ޑިޕޮސިޓް ކުޑަކުރުމުގެ ސަބަބުން، ކުރިން އެ ދައްކައި ނިންމައިފައިވާނަމަ، އެ ފައިސާއިން ކުޑަވި އަދަދު އުނިކުރާނީ ދެން ދައްކަންޖެހޭ މަސްތަކުގެ ކުލިން ކަމަށެވެ.
މި ސަރުކާރުން ނިންމީ ދެ ކޮޓަރީގެ އެޕާޓްމަންޓަށް ނަގާ ކުލި 7،000 ރުފިޔާއަށް ބޮޑުކުރުމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް ނަގާ ކުލި 9،000 ރުފިޔާއަށް ބޮޑުކުރުމަށެވެ. އެއީ ކުރީ ސަރުކާރުން ކަނޑައެޅި އަގަށް 2،000 ރުފިޔާ އިތުރުކޮށެވެ.
ދެ ކޮޓަރީގެ ފްލެޓަށް މެއިންޓެނެންސްގެ ގޮތުގައި 1،000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ނަގަން ވެސް ނިންމިއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ނަގާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާ ނަގަން ނިންމިއެވެ.
ނަމަވެސް މިކަމާ ގުޅިގެން އެ ފްލެޓް ލިބުނު މީހުންގެ ޝަކުވާއާއި ކަންބޮޑުވުންތައް ހިއްސާކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްފަހުން ރޭ ރައީސް ނިންމެވީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭ މަހު ކުލި 10،500 ރުފިޔާ 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރުމަށެވެ.
އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަންޖެހޭ މަހުކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއް މަހުގެ ކުލި ކަމަށްވާ 6،000 ރުފިޔާއަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.