ބޭބެއާ ސިޔާސީގޮތުން ޚިޔާލު ތަފާތުވީއިރު ވެސް އާޒިމް ހުންނެވީ އެމްޑީޕީއާއެކު: ސަމީރު

ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަމީރު --

އަމިއްލަ އެއްބަނޑުއެއްބަފާ ބޭބެއާ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ ހުންނަވަންޖެހުނު އިރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމް ހުންނެވީ ދެގޮތެއް ނުވެ އެމްޑީޕީ މެންބަރުންނާއެކު ކަމަށާއި، ހޮވަން ބޭނުންވާ އެމްޑީޕީގެ ހަގީގީ މެންބަރަކީ އެއީކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަމީރު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ، ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގައި އުޅުއްވައި، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އަލީ އާޒިމާއި، މިދިޔަ އެމްޑީޕީ ސަރުކާރުގައި ސަރުކާރު ކުންފުނިތައް ހިންގަވަން އިސްކޮށް އުޅުއްވި އާދަމް އާޒިމެވެ.

މިރޭ އޮތް އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ އާޒިމަށް ތާއީދުކުރައްވަނީ އާޒިމްގެ ބޭބޭ، މިހާރުގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތުމުން ވެސް، އޭނާއަށް ތާއީދުނުކުރައްވާ، ބަދުބަހެއް ވެސް ރައްދު ނުކުރައްވާ އެމްޑީޕީއާއެކު ވީ ގޮތެއް ވާން ހުންނެވުމުން ކަމަށެވެ.

"މިއީ ނޫންތޯ އެމްޑީޕީ މެންބަރުންނަކީ. މިއީ ނޫންތޯ ނަމޫނާ އެމްޑީޕީ މެންބަރުންނަކީ....އާދަމްގެ އަނބިކަނބަލުންނަކީ އަދި އެހެން ދިމާއަކަށް ސިޔާސީ ގޮތުން ގުޅިފައި ހުރި ބޭފުޅެއް. އެކަމު ބައިބައިވެގެން ދިޔައިރު ވެސް އާދަނަކަށް ބަދަލެއް ނައި. ތިބޭފުޅުންނަށް ހީވަނީތޯ އެ ފުރުސަތު އާދަނަށް ނުލިބޭނެހެން. ނުލިބޭނެތޯ. ނުބުނާނެތޯ އަންނާށެކޭ. އެކަމު އާދަނު ނުގޮސް ހުރީމާ އެއީ ނޫންތޯ އެމްޑީޕީ މެންބަރަކީ،" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ ބައިއިލެކްޝަނުން އާޒިމް ކާމިޔާބު ހޯއްދެވިއިރު އެމްޑީޕީ ކައުންސިލަރުންތަކެއް ތިބި ނަމަވެސް އެ ކައުންސިލަރުން ވަކި ހިސާބަކުން އެމްޑީޕީ ދޫކޮށް ދިޔައީ ކަމަށެވެ.

"ދެން އަނެއްކާ އެނބުރި އައިމާ އަޅުގަނޑުމެން ބުނަންވީތޯ މާޒީ ހަނދާން ނައްތައިލާށޭ. ނޫން އެހެނެއް ނުވާނެ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އާޒިމަކީ، އެމްޑީޕީ މެންބަރުން އެކަނިކޮށްފައި ދާނެ ބޭފުޅަކަށް ނުވާނެ ކަމަށެވެ. އަދި އާޒިމާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ވެސް ގޮތުގައި ހިފަހައްޓާނެ ބައެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

comment ކޮމެންޓް