އަންހެނެއްގެ މޫނު ބުރުގާ ދަމައި ތިރިކުރި މައްސަލައިގައި، ބިހާރުގެ ސީއެމްއަށް ޒާއިރާގެ ފާޑުކިޔުން

އިންޑިއާގެ ކުރީގެ ބަތަލާ ޒާއިރާ ވާސިމް އަދި ބިހާރުގެ ޗީފް މިނިސްޓަރު--ފޮޓޯ/އެކްސް

ދާދިފަހުން އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި ހަފުލާއެއްގައި އިންޑިއާގެ ބިހާރުގެ ޗީފް މިނިސްޓަރު ނިތިޝް ކުމާރު، މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެއްގެ މޫނު ބެލުމަށް އެ މީހާގެ މޫނު ބުރުގާ ތިރިކުރި މައްސަލަ ހޫނުވެއްޖެއެވެ.

ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ޗީފް މިނިސްޓަރު ނިތިޝް ކުމާރަށް އަމާޒުވެފައިވާއިރު ބޮލީވުޑްގެ ކުރިގެ ބަތަލާ ޒާއިރާ ވާސިމް ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޓަނެޓުގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ ބިހާރުގެ ޗީފް މިނިސްޓަރު ހަފުލާއެއްގައި މޫނު ބުރުގާ އަޅައިގެންހުރި އަންހެނަކާ ސެޓްފިކެޓް ހަވާލުކުރާ މަންޒަރެވެ. ސެޓްފިކެޓް ހަވާލު ކުރުމަށް ނިތިޝް ކުމާރު ވަނީ އެ އަންހެންމީހާ މޫނުގައި އަޅާފައިވާ ނިގާބް ދަމާލުމަށްފަހު އޭނާގެ މޫނު ބަލައި ހީލާފައެވެ.

އިންޑިއާގެ ޕަޓްނާގައި ހިނގި މި ހާދިސާއާ ގުޅިގެން ޗީފް މިނިސްޓަރު ނިތިޝް ކުމާރު އެ އަންހެންމީހާގެ ކިބައިން މަޢާފަށް އެދެން ޖެހޭނެ ކަމަށް ގޮވައި، އަންހެނެއްގެ އިއްޒަތާއި ކަރާމާތަކީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް ޒާއިރާ ވަނީ ބުނެފައެވެ.

އިންޑިއާގެ ކުރީގެ ބަތަލާ އަދި ބިހާރު ސީއެމްގެ ވައިރަލް ވެފައިވާ ވީޑިއޯގެ މަންޒަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މުސްލިމު އަންހެނެއްގެ ހައިސިއްޔަތުން އަނެއް މުސްލިމު އަންހެނާގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި އަންހެނެއްގެ ނިގާބު ނަަގައި އެ އަންހެންމީހާގެ މޫނު ކަޝްފު ކުރުމަކީ އާދައިގެ ކަމެއް ކަމަށް ދުށުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ޒާއިރާ ވަނީ ބުނެފައެވެ.

ސަރުކާރުގެ ކިތަންމެ އިސް މަގާމެއް އަދާކުރި ނަމަވެސް އަންހެނެއްގެ ހައްޤަށް އަރައިގަތުމުގެ ހުއްދަ އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ފިލްމު "ޑަންގަލް" އަދި "ސުޕަސްޓާ"ގެ ބަތަލާ ވަނީ ބުނެފައެވެ.

ބިހާރުގެ ޗީފް މިނިސްޓަރުގެ މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން އިންޑިއާގެ ވެސް ވަރަށް ގިނަ ބަޔަކު ވަނީ ޗީފް މިނިސްޓަރު ނިތިޝް ކުމާރުއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލާފައެވެ.

ބޮލީވުޑްގައި ވަރަށް ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު ލިބުނު ޒާއިރާ ވަނީ 2019 ވަނަ އަހަރު ފިލްމު އިންޑަސްޓްރީ ދޫކޮށް އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި ދިރިއުޅުން ކުރިއަށް ގެންދަން ނިންމިކަން އިއުލާނުކޮށްފައެވެ.

ފިލްމީ ދާއިރާ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރުމަކީ އިސްލާމްދީން ނަހީކުރާ ކަމެއްކަމަށް ބުނެ ބަތަލާ ވަނީ ވަރަށް ޕްރައިވެޓް ދިރިއުޅުމެއް އުޅެން ޚިޔާރުކޮށްފައެވެ. ޒާއިރާ އެންމެފަހުން ބެލުންތެރިންނަށް ފެނުނީ ޝޮނާލީ ބޯސް ގެނެސްދިން ފިލްމު "ދަ ސްކައި އިޒް ޕިންކް"އިންނެވެ.

ކަޝްމީރުގެ ޖައްމޫއަށް ނިސްބަތްވާ 25 އަހަރުގެ ޒާއިރާ ދާދިފަހުން ޒަވާޖީ ހަޔާތެއް ފެށިކަން އިއުލާނުކޮށްފައިވާއިރު އޭނާ މިހާރު ބޮޑަށް މަސައްކަތް ކުރަނީ އިސްލާމްދީނާ ގުޅޭ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދީ ދީނާ ގުޅޭ މައުލޫމާތަށް އާއްމުން ހޭލުންތެރި ކުރުވުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު