ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ގުރު ނެގުން ފަށައިފި

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ގުރު ނެގެން ކުރިއަށް ދަނީ ---- ފޮޓޯ/ ޕީއެސްއެމް

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ގުރު ނެގުން މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް އެ ތަނުން ގޯތި ލިބުނު ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންވެ، މިއަދު ގުރު ނަގަނީ، އެ ބަދަލާ ގުޅިގެން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ޙަވާލުކޮށްފައިވާ މީހުންގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ގުރު ނަގަނީ، ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހި: އެ ތަނުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން ވަނީ ފަށާފައި --- ފޮޓޯ/ އެމްއޭސީއެލް

އެހެންކަމުން، އެ ވަގުތު ހޯލަށް ވަދެވޭނީ އެ ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، އެ ގުރު ނެގުން ކުރިއަށް ދާއިރު، ޕްލޮޓް އެލޮކޭޓު ކުރެވޭ މީހުންނަށް ވަގުތުން ލިބުނު ޕްލޮޓް ނަމްބަރު އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

އެއާއެކު، އެ މިނިސްޓްރީން ބުނީ، ގޯތިލިބޭ މީހުންގެ ގުރު ނެގުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި ބިން ލިބޭ މީހުންނާ އެކު ހަދާ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު ފަހުގެ ތާރީޚެއްގައި ހިއްސާކުރާނެ ކަމަށެވެ. އަދި، އެ ތަނުގެ ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ މީހުންނާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކާއި އެ ތަންތަނުގެ ބޮޑުމިން:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާއިރު މިހާރު ވަނީ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ހިއްކައި ނިންމައިފައެވެ.

https://sun.mv/215277

ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭ އެ މަސައްކަތް ނިމޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލުން މައުލޫމާތު ދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސްވަނީ، ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައެވެ.

comment ކޮމެންޓް