ސަރުކާރުން ކުރިއަށް ގެންދާ, ފަސް މިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް އެއް މިލިއަން ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން، ފަސް މިލިއަން ގަސް އިންދަނީ ފެށީ، މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން ފަހެއް، 2024ގައެވެ.
އޭގެފަހުން، އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، އެ ޕްރޮގްރާމުގެ ތެރެއިން އެއް މިލިއަން ގަސް މިހާތަނަށް އިންދިފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.
މިހާތަނަށް އެއް މިލިއަން ގަސް އިންދިއިރު، އެ ޕްރޮގްރާމަށް އެހީވުމަށް ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުން ވަނީ ގަސް އިންދުމުގެ ޕްރޮގްރާމުތައް ފަށާފައެވެ. އޭގެތެރޭގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސްޓެލްކޯ ހިމެނެއެވެ.
އޭގެއިތުރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީއާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނާސަރީއެއް ހަދާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.