ދާދި ފަހުން ސީކުއަލްއެއް އުފައްދާނެކަން އިއުލާނުކުރި ބޮލީވުޑްގެ ފިލްމު "3 އިޑިއަޓްސް"ގެ ސީކުއަލް ފިލްމުގެ ނަމަކީ "4 އިޑިއަޓްސް" ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ޚަބަރާ އެކު އާ ފިލްމަށް އިތުރު ކެރެކްޓާއެއް އިތުރުވާނެ ކަމަށާއި އެއީ ކޮން އެކްޓަރެއްކަން ބަލާލަން ކެތް މަދުވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މުޅިން އާ ކެރެކްޓާއެއް "3 އިޑިއަޓްސް"ގެ ދެވަނަ ބަޔަށް އިތުރުވާނެއިރު ފުރަތަމަ ފިލްމުގެ މުހިއްމު ތަރިންނަކީ ބޮލީވުޑްގެ މަގުބޫލު އެކްޓަރުން ކަމަށްވާ އާމިރު ޚާން، އާރް މާދަވަން، ޝަރުމަން ޖޯޝީ އަދި ކަރީނާ ކަޕޫރު ޚާނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި "3 އިޑިއަޓްސް"ގެ ދެވަނަ ބައިގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަރުހަލާ ފެށިފައިވާއިރު ދެވަނަ ބައިގެ ސްކްރިޕްޓް ތައްޔާރު ކުރަނީ ވެސް "4 އިޑިއަޓްސް"ގެ ނަމުގައެވެ.

އާމިރު ޚާން އަދި ކަރީނާ ކަޕޫރު ފިލްމު "3 އިޑިއަޓްސް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
ރިޕޯޓުތައް ބުނާގޮތުން އާމިރު ޚާންގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމުގެ ދެވަނަ ބަޔަށް ގެންނަ އާ އެކްޓަރަކީ ފިލްމު އިންޑަސްޓްރީގެ ސުޕަ ސްޓާއެކެވެ. އޭގެ ސަބަބުން އެ ކެރެކްޓާއަކީ އައިކޮނިކް ކެރެކްޓާއަކަށްވެފައި ފިލްމަށް ލިބޭ މުއްސަނދިކަން އިތުރުވާނެ ކަމަށް "3 އިޑިއަޓްސް"ގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ޕިންކްވިލާއިން ވަނީ ބުނެފައެވެ.
ފިލްމު "3 އިޑިއަޓްސް" އަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ 2009 ވަނަ އަހަރު ގެނެސްދިން ފިލްމެކެވެ. ވިދޫ ވިނޯދު ޗޯޕްރާ ޕްރޮޑިއުސްކުރި މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗޭތަން ބަގަތުގެ ވާހަކަ "ފައިވް ޕޮއިންޓް ސަމްވަން: ވަޓް ނޮޓް ޓު ޑޫ އެޓް އައިއައިޓީ"އަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ޖުމްލަ 55 ކްރޯޑު ރުޕީސް (6.0 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 400.61 ކްރޯޑު ރުޕީސް ( 48 މިލިއަން ޑޮލަރުގެ) އާމްދަނީ ލިބިފައެވެ.