ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީއާއި ފިރިމީހާ ރާޖް ކުންދްރާއާ ދެކޮޅަށް ދާދި ފަހުން އިންޑިއާގެ ހައިކޯޓަށް ހުށަހަޅާފައިވާ މަކަރާއި ހީލަތުގެ މައްސަލައާ ގުޅިގެން ފުރަތަމަ ފަހަރަށް ބަތަލާ ވާހަކަދައްކައިފިއެވެ.
މި މައްސަލަ މުމްބާއީގެ ހައި ކޯޓަށް ހުށަހެޅިތާ މިހާރު ތިން ވަރަކަށް މަސްވެފައިވާއިރު މިހާތަނަށް ޝިލްޕާގެ ދެމަފިރިންގެ ފަރާތުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް, ދާދިފަހުން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބަތަލާ ބުނެފައިވަނީ، ފިރިމީހާ ރާޖާ ދެ މީހުންގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށް ބުނެ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ތުހުމަތުތަކެއް ނޫން ކަމަށެވެ. އެފަދަ ތުހުމަތުތަކަށް އެ މީހުން އިންކާރުކުރާ ކަމަށް ވެސް ޝިލްޕާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޝިލްޕާ ޝެޓީ އިންސްޓަގްރާމްގައި ނެރެފައިވާ ބަޔާން--ފޮޓޯ/ބޮލީވުޑްހަންގާމާ
މީޑިއާތަކުން އެ ޚަބަރުތައް ރިޕޯޓުކޮށްފައިވާއިރު ޝިލްޕާގެ ދެމަފިރިން ސިފަކޮށްފައިވަނީ ގާނޫނީ ކުށްވެރިންގެ ގޮތުގައި ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. ޤާނޫނީ ގޮތުން ޝިލްޕާއާއި ރާޖާ ދެކޮޅަށް އެއްވެސް މައްސަލައެއްގައި ގޮތެއް ނިންމާފައިނުވާއިރު އެފަދަ ގޮތަކަށް ބަތަލާގެ ނަން ބޭނުންކޮށްގެން ރިޕޯޓުތައް ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ނޫސް އެޖެންސީތަކާ ދެކޮޅަށް ޕެޓިޝަނެއް މިހާރު ހުށަހަޅާފައިވާ ކަމަށް ބަތަލާގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޝިލްޕާއާއި ރާޖާ ދެކޮޅަށް ހައި ކޯޓުގައި ހިނގާ މައްސަލައަށް އެ ދެމަފިރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި އެ މައްސަލައިގައި އެ މީހުންގެ ކުށެއް ނެތްކަން ވަރަށް އަވަހަށް ސާބިތުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ހަމައެއާއެކު އިންޑިއާގެ ޖުޑީޝަލް ސިސްޓަމަށް ޝިލްޕާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި މައްސަލަ ވަކިގޮތަކަށް ނިމެންދެން މީޑިއާތަކުން ހަގީގަތާ ޚިލާފު ޚަބަރު ނުފެތުރުމަށް ޝިލްޕާ ވަރަށް އަދަބުވެރިކަމާ އެކު އެދޭ ކަމަށް މި ބަޔާނުގައި ބަތަލާ ވަނީ ބުނެފައެވެ.
ޝިލްޕާއާއި ފިރިމީހާ ރާޖްގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް، އެ މައްސަލަ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީ ކިޔާ މީހެކެވެ. ދީޕަކް ބުނެފައިވާ ގޮތުގައި ޝިލްޕާގެ ދެމަފިރިންނާ ގުޅިގެން ވިޔަފާރިއަކަށް އިންވެސްޓް ކުރަން ހޯދި 60.4 ކްރޯޑް ރުޕީސް (6.9 މިލިއަން ޑޮލަރު)އަށް އެ މީހުން ޚިޔާނަތްތެރިވެ އަމިއްލަ ބޭނުންތަކަށް އެ ފައިސާ ވަނީ ބޭނުންކޮށްފައެވެ.