ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރްޔަމް ޒުބައިރު (މަންދީ) އަރައިގަތް ކަމަށް ނިންމައި، އެމްޑީޕީ ހިންގަވާ ފަރާތުގެ ހައިސިއްޔަތުން އެ ޕާޓީގެ އޭރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ޒިންމާވާން ޖެހޭނެ ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މިދިޔަ މާރިޗު މަހުގެ 12، 13 އަދި 14ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި މަންދީ ވަނީ މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށް ވާހަކަދައްކައިފައެވެ. އެހެންވެ، މި މައްސަލަ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ހުށަހަޅުއްވައިފައެވެ.
އެ މައްސަލައިގައި ފެމިލީ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ މަންދީ، ފައްޔާޒު އަދި އެމްޑީޕީގެ ފަރާތުންނެވެ. މިދިޔަ ހަފުތާގައި ހައިކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ފެމިލީ ކޯޓުން އެ މައްސަލައިގައި ކުރި ހުކުމްގައި ވަނީ އުމައިރަށް ގާނޫނުއަސާސީންނާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ހައްގުތަކާއި، ކަރާމާތާއި ރައްކާތެރިކަން ނަގާލާފައިވާ ކަމަށެވެ. އަދި، އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ވެސް ކޯޓުގެ ހުކުމްގައިވެއެވެ.
ވަކިވަކިން ކުރިއަށް ގެންދިޔަ ދެ މައްސަލައިގައި ފެމިލީ ކޯޓުން ފާހަގަކޮށްފައިވަނީ އެމްޑީޕީގެ އެއްވުމުގައި މަންދީގެ އިތުރުން އަހްމަދު ސަލީމް (މާޒް ސަލީމް) ވާހަކަދެއްކީ ރައީސްގެ 18 އަހަރުނުފުރޭ ދަރިފުޅަށް ކަމަށް ކޯޓަށް ސާބިތުވާ ކަމަށާއި އެ ވާހަކަތަކުގެ ސަބަބުން އޭނާގެ ރައްކާތެރިކަމާއި ކަރާމާތް ގެއްލިފައިވާ ކަމަށެވެ.
މަންދީއާއި، އެމްޑީޕީއާއި، ފައްޔާޒުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް އެބައޮތް ކަމަށް ކަނޑައަޅައި ކޯޓުން ކުރި ހުކުމްގައި އިތުރަށް ބުނީ، މަންދީއާއި ސަލީމް ދެއްކި ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެ ވާހަކަތަކަށް ފައްޔާޒު ހިތްވަރުދީފައިވާކަން ކޯޓުގައި ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި މަންދީއާއި އެމްޑީޕީގެ ފަރާތުން ބަދަލު ހޯދާނެތޯ ނުވަތަ ނޫންތޯ 'ސަން'އިން ސުވާލުކުރުމުން ރައީސްގެ އާއިލާ ތަމުސީލުކުރެއްވި ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ބަދަލު ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
"ގެއްލުމުގެ ބަދަލު ހޯދާކަށް ރައީސް އަދި އަނބިކަނބަލުންގެ ފަރާތްޕުޅުން ހުށަނާޅުއްވާނެ. ސިވިލް ކޯޓުން ވެސް ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅާފައި. އެކަމަކު ގެއްލުމުގެ ބަދަލު ހޯއްދެވެމުގެ މަސައްކަތެއް ނުކުރައްވާ. މިއީ އެއްވެސް ހާލެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެއްވި ދައުވާއެއް ނޫން،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި އެއީ ދަރިކަލުންގެ ރައްކާތެރިކަން ގެއްލޭ ހިސާބަށް ދިޔުމުން ކުރެއްވި ދައުވާއެކެވެ. އަދި، ސިޔާސީ ހަނގާކުރުމާއި، ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރެއްވުމަށް ކުރެއްވި ދައުވާއެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.
މިދިޔަ ޖުލައި މަހުގެ 20ވަނަ ދުވަހު ސިވިލް ކޯޓުން ވެސް ވަނީ ރައީސްގެ ދަރިކަލުންގެ ކަރާމާތަށް މަންދީ އަރައިގަތްކަން ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން އެ ދުވަހު ކުރި ހުކުމުގައި ވަނީ އެ މައްސަލައިގައި ފައްޔާޒާއި އެމްޑީޕީ ޒިންމާ ނަގަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް، މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ކަރާމާތަށް ގެއްލުންވިކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ.
ސިވިލް ކޯޓުން ވަނީ އެ ވާހަކައިގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިފައެވެ. ސާޖިދާގެ ފަރާތުން ވަނީ އެ މައްސަލައިގައި މާފަށް އެދުމަށް އަމުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް، ސިވިލް ކޯޓުން ނިންމީ މާފަށް އެދުމަށް އަމުރުކުރާނެ ގާނޫނީ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
މަންދީއާއި އެމްޑީޕީއާއި ފައްޔާޒަށް ދައުވާކުރާނެކަން ރައީސްގެ އާއިލާގެ ފަރާތުން އިއުލާންކުރެއްވީ މާރިޗު 15 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާއެވެ. އެ ބައްދަލުވުމުގައި އާޒިމާ ވަނީ ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ.
އެ ބަޔާނުގައި ވަނީ ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައް ވެސް ދައްކައި ފަތުރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި، މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭ ފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައި ކަމަށް ވެސް ސާޖިދާ ވިދާޅުވެފައިވެއެވެ.