ފުރަތަމަ ހަ ދުވަހު ރިސޯޓުތަކަށް 29,982 ފަތުރުވެރިން، ގެސްޓްހައުސްތަކަށް 11,166

ފަތުރުވެރިއެއް އައްޑޫގައި: ފުރަތަމަ ހަ ދުވަހު ގެސްޓްހައުސްތަކަށް 11,166 ފަތުރުވެރިން ގޮސްފައިވޭ -- ފޮޓޯ/ އައްޑޫ ނޭޗާ ޕާކް

މި އަހަރުގެ ފުރަތަމަ ހަ ދުވަހު ރިސޯޓުތަކަށް 30،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 11،000އަށް ވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، އަހަރުގެ ފުރަތަމަ ހަ ދުވަހު 43،481 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 14.6 ޕަސެންޓުގެ އިތުރުވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 37،928 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 9،137 ފަތުރުވެރިންނެވެ. އެ ގައުމަށް ފަހު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ:

  • އިޓަލީ - 7,047 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 2,859 ފަތުރުވެރިން
  • ޖަރުމަނު - 2,411 ފަތުރުވެރިން
  • އެމެރިކާ - 1،480 ފަތުރުވެރިން

މި އަހަރު އައި ފަތުރުވެރިންގެ ތެރެއިން 42،828 ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތް ހޯދައިފައިވާއިރު، 653 ފަތުރުވެރިން ރާއްޖޭގެ އެހެން އެއާޕޯޓުތަކުން ވެސް ޚިދުމަތް ހޯދައިފައިވެއެވެ. އެގޮތުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 200 ފަތުރުވެރިން ގޮސްފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 165 ފަތުރުވެރިން ޚިދުމަތް ހޯދިއެވެ.

ފަތުރުވެރިންތަކެއް ރާއްޖެ އައުން: މި އަހަރުގެ ފުރަތަމަ ހަ ދުވަހު 43،481 ފަތުރުވެރިން އައިސްފައިވޭ -- ފޮޓޯ/ އެމްއޭސީއެލް

މީގެ އިތުރުން އެ ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، 29,982 ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށެވެ. އަދި 11,166 ފަތުރުވެރިން ގެސްޓްހައުސްތަކަށް ދިޔައިރު، 1،364 މީހުން ތިބެފައިވަނީ ހޮޓެލްތަކުގައެވެ.

މި ދުވަސްވަރަކީ އަހަރުގެ ފަހުކޮޅު ލިބޭ ޗުއްޓީއާ ދިމާކޮށް، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި 179 ރިސޯޓާއި 973 ގެސްޓްހައުސް ހިންގަމުންދެއެވެ. އަދި 16 ހޮޓަލާއި 168 ސަފާރީން ވެސް ޚިދުމަތް ދެމުންދެއެވެ. އެ ހުރިހާ ތަނެއްގެ ޖުމްލަ އެނދުގެ އަދަދު 67،641އަށް އަރާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

https://sun.mv/216221

މިދިޔަ އަހަރު 2.3 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ކަނޑައެޅި ނަމަވެސް، އެ އަހަރު އައިސްފައިވަނީ 2.25 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތައް ފާހަގަކޮށް، ވިޒިޓް މޯލްޑިވްސްއިން ވަނީ އެ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެ، 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފައިވާ ކަމަށް، މަރުކަޒީ ބޭންކު އެމްއެމްއޭއާ ހަވާލާދީ ބުނެފައެވެ.

ސަރުކާރުން ވަނީ މި އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް