ހުއްދަ ނެތި ސަފާރީގައި ބަނގުރަލުގެ ވިޔަފާރިކުރުން: ހައްޔަރުކުރި ލަންކާ ދެ މީހުން ޝަރުތަކާ ނުލައި ދޫކޮށްލައިފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީން ހައްޔަރު ކުރި މީހުން: ހައްޔަރުކުރި ލަންކާ ދެ މީހުން ވަނީ ޝަރުތަކާ ނުލައި ކޯޓުން ދޫކޮށްލާފައި -- ފޮޓޯ/ ފުލުހުން

އާ އަހަރާ ދިމާކޮށް، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ކަމަށް ބުނެ ހައްޔަރު ކުރި ގްރޫޕުގައި ހިމެނޭ ލަންކާ ދެ މީހުން، ފުލުހުން އަމަލު ކުރި ގޮތުން ކޯޓުން ދޫކޮށްލައިފިއެވެ.

ޑިސެމްބަރު 31 ވަނަ ދުވަހު، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކުން ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.

https://www.sun.mv/216196

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ) އާއި ރަސެލް މިއާ، ބަންގްލަދޭޝް (35އ) އާއި ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ) އާއި ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ) އަދި ހ. ބިންމަތީއާގެ / މާލެ، މުޙައްމަދު މަނިކު (52އ) އެވެ.

މި އެންމެން ވެސް ފުރަތަމަ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހިއެވެ.

އެކަމަކު، ފުލުހުން އަމަލު ކުރި ގޮތުން، މި ގްރޫޕުގެ ލަންކާ ދެ މީހުން ކޯޓުން ވަނީ އެއްވެސް ޝަރުތެއް ނެތި މިނިވަންކޮށްފައެވެ. އެކަމަކު އިންޑިއާ މީހާއާ، ބަންގްލަދޭޝް މީހާގެ ބަންދު މުއްދަތު ފަހުން އިތުރު ކުރިއެވެ. ނަމަވެސް ދިވެހި މީހާގެ ބަންދާ މެދު ފަހުން ނިންމި ގޮތެއް ސާފެއް ނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ބިދޭސީން ނުގަވައިދުން ވިޔަފާރި ކުރާ މައްސަލަ ރާއްޖޭގައި ވަނީ، ހައްދުން ނައްޓާފައެވެ. އެ ފަދަ ވިޔަފާރިތައް އާންމުކޮށް، ބިދޭސީން ކުރަނީ ވިޔަފާރިތަކަށް ދިވެހީން ނަގާފައިވާ ހުއްދައިގެ ދަށުންނެވެ.

އެ ފަދައިން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމުން ދިވެހި ހައެއްކަ ވަކީލުން ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ކަމަށާއި ދިވެހީން ވަޒީފާއަށް ގެންނަ ބިދޭސީން އުޅެނީ ވިޔަފާރިކޮށްގެން، ދިވެހި މީހާ މުވައްޒަފަކަށް ހަދައިގެން ކަމަށް އިމިގްރޭޝަންސްގެ ކޮންޓްރޯލަރު އަހުމަދު ފަސީހް ވަނީ މި ފަހުން ވިދާޅުވެފައެވެ.

އެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުުރުމެވެ.

comment ކޮމެންޓް