ގަލޮޅު ސިޓީ ޕާކު މި ހަފުތާގައި ހުޅުވަނީ

ގަލޮޅު ސިޓީ ޕާކުގައި މޭޔަރު އާދަމް އާޒިމް: އެ ޕާކު މި ހަފުތާގައި ހުޅުވާނެ ކަމަށް މޭޔަރު ވިދާޅުވި --- ފޮޓޯ/ އެކްސް، ޝަތުފާ

ގަލޮޅު ސިޓީ ޕާކު މި ހަފުތާގައި ހުޅުވޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެ ޕާކު ހެދުމުގެ މަސައްކަތް ފެށީ، މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން، ޑިސެމްބަރު އަށެއް، 2024ގައެވެ. އޭގެފަހުން، މިދިޔަ ސެޕްޓެމްބަރު އަށެއްގައި ސިޓީ ކައުންސިލުން ބުނީ، މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ ޕާކުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު، މޭޔަރު 'ސަން'އަށް ވިދާޅުވީ، މި މަހުގެ ތެރޭގައި ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި، ތާރީޚެއް ދެއްވަން ދަތި ކަމަށް މޭޔަރު އޭރު ވިދާޅުވިއެވެ.

އެ ޕާކުގައި ހުންނަވައި، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، މި ހަފުތާގައި އެ ޕާކު ހުޅުވޭނެ ކަމަށެވެ. އެގޮތުން، މާދަމާ ނުވަތަ އަންނަ އަންގާރަ ދުވަހު އެ ޕާކު ބޭނުން ކުރަން ފެށޭނެކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

އިރާދަކުރެއްވިޔާ ހަމަ [މި މަހު] 12، 13 ހިސާބުގައި މި ތަނަށް އައިސް ހަމަ ބޭނުން ކުރަން ފަށަންވީ،މާލޭގެ މޭޔަރު އާދަމް އާޒިމް

މޭޔަރު ވިދާޅުވި ގޮތުގައި، އެ ޕާކު ހެދުމަށް ގާތްގަނޑަކަށް ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ވަރު ޚަރަދުވިއެވެ. އަދި، ޕާކު ހެދުމަށް ހޭދަވީ، އަށް ވަރަކަށް މަސް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/216321

އެ ޕާކުގައި ވަނީ، ކުޑަކުދިންނަށް ކުޅެވޭހެން ސީސޯއަކާއި ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް ވެސް ހަދާފައެވެ. އެކި އުމުރުފުރާތަކަށް ބޭނުން ކުރެވެހޭން ހަދާފައިވާ މި ޕާކުގައި، އިށީނދެ ތިބެވޭހެން ގޮނޑިތައް ބަހައްޓާފައި ހުރިއިރު، ހިޔާދޭ ބޮޑެތި ގަސްތައް ވެސް ހުއްޓެވެ.

ގަލޮޅު ސިޓީ ފާކު ތަރައްގީކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން، ހިތްފަސޭހަ، ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރަމުންދާ ގިނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރާ މަސައްކަތެއް ކަމަށް ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް