ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ހަތަރު މީހުން ހައްޔަރުކުރި ނަމަވެސް ކޯޓުން ބަންދު މުއްދަތު ޖެހީ ދެ މީހަކަށެވެ. އެއީ މާލެ ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު، ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) އެވެ. މި މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް ދެމީހުން، ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
އަނެއް ދެ މީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.