ކުރަނީ މުޒާހަރާތަކެއް ނޫން، މިއީ އެމެރިކާއާއި އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ހަނގުރާމައެއް: އީރާން

އީރާނުގައި ކުރަމުން އަންނަ މުޒާހަރާތައް: އެ ގައުމުން ބުނީ މިއީ އެމެރިކާއާއި އިސްރާއީލުން ކުރާ ޓެރަރިޒަމްގެ ހަނގުރާމައެއް ކަމަށް -- ފޮޓޯ/ އޭޕީ

ތެހެރާން (12 ޖަނަވަރީ 2026): މީގެ ދެ ހަފުތާ ކުރިން އީރާނުގައި ފެށި މުޒާހަރާތަކަކީ ހަގީގީ ސަބަބުތަކެއް ހުރެގެން ރައްޔިތުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް ފެށި ސުލްހަވެރި މުޒާހަރާތަކެއް ކަމަށާއި ނަމަވެސް އެ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއާއި އިސްރާއީލުގެ އެޖެންޓުން ވަދެ، ދެ ގައުމުން އީރާނާ ދެކޮޅަށް ފެށި ޓެރިޒަމްގެ ހަނގުރާމައަކަށް އެ މުޒާހަރާތައް ބަދަލުވެފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އިރަގްޖީ ވިދާޅުވެއްޖެއެވެ.

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން މިއަދު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ސައްޔިދު އައްބާސް އިރަގްޖީ ވިދާޅުވީ، އީރާނުގައި ވެސް ރަނގަނޅުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެ ކަންކަމާ ގުޅިގެން ސަރުކާރާ ދެކޮޅަށް ޝުއޫރުތައް ފާޅުކުރުމަށްޓަކައި ސުލްހަވެރި މުޒާހަރާތައް ކުރުމަކީ ގާނޫނުތައް ހުއްދަކުރާ އަދި ސަރުކާރުން އެކަމަށް ފުރުސަތު ވެސް ދޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން މުޒާހަރާތަކުގެ އިސް ފަރާތްތަކާ ވާހަކަދައްކައިގެން އެ މީހުންގެ ބޭނުންތައް އަޑުއަހައި އެކަންކަން ރަނގަނޅުކުރަން މަސައްކަތް ކުރަމުން ގެންދަނިކޮށް ތޫނުކުރި ދަނގަނޑުބުރިތަކާއި ވައިޓް ވެޕަންސް ހިފައިގެން އެމެރިކާއާއި އިސްރާއީލުގެ އެޖެންޓުންގެ ގޮތުގައި ޓެރަރިސްޓުންގެ ބައިގަނޑުތަކެެއް މުޒާހަރާތަކުގެ ތެރެއަށް ވަދެ، ވެހިކަލްތަކާއި އިމާރާތްތަކާ އަދި އާންމުންގެ ގެދޮރާއި މިސްކިތްތައް ފަދަ ތަންތަނުގައި ހުޅުޖަހައި ފުހުލުންނަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލުތައް ހިންގަން ފެށީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެެމެރިކާ ސްޕޮންސާކުރި ޓެރަރިޒަމްގެ މި އަމަލުތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ޓެރަރިސްޓުންގެ ގިނަ ބަޔަކު ހައްޔަރުކޮށް، ފިލަން ދުވި މީހުންގެ ގަޔަށް ބަޑިޖަހައި މަރައި، އަމަންއަމާންކަން ގާއިމުކުރަން މަޖުބޫރުވިކަމަށް އިރަގްޖީ ވިދާޅުވިއެވެ.

އިރަގްޖީ ވިދާޅުވި ގޮތުގައި އީރާނުގައި ހިންގާ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތަކުގެ ފަހަތުގައިވަނީ އެމެރިކާއާއި ޔަހޫދީ އިސްރާއީލެވެ. ބޭނުމަކީ އީރާނުގެ މިހާރުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރަނީ އިސްރާއީލާއި އެމެރިކާއަށް އަމާންދީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ރޫޅާލައި ބަލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓުވާނެ އަދި އީރާނުގެ ތެލާއި ގޭސް އަދި ރަނާއި އަގުބޮޑު މައުދަންތަކުގެ ސެކްޓަރުތައް އެމެރިކާގެ ކުންފުނިތަކަށް ދޭނެ ޕަޕެޓް ސަރުކާރެއް އީރާނުގައި ގާއިމުކުރާށެވެ.

އީރާނުގައި ތަންތަނުގައި ހުޅުޖަހައި ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ އެމެރިކާއާއި އިސްރާއީލު ކަމަށް އެގައުމުން ތުހުމަތު ކުރޭ

އިރަގްޖީ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ޓެރަރިޒަމް ހިންގައި އަދި ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ދެ ގައުމަކީ އެމެރިކާއާއި އިސްރާއީލެވެ. މިކަން ކުރަނީ އެ ދެ ގައުމުގެ ޖާސޫސީ އިދާރާތަކުންް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިރަގްޖީ ވިދާޅުވި ގޮތުގައި ޓެރަރިސްޓުން މެދުވެރިކޮށް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން މިގެންދަނީ މިދިޔަ ޖުލައި މަހު އީރާނަށް ބޮންއަޅައިގެން ހިންގި އުދުވާނުގެ ދެވަނަ ބައެވެ.

އިސްރާއީލުން އެޅި ބޮމުގެ ރައްދު އިސްރާއީލުން ހީކުރިވަރަށް ވުރެ މާ ބޮޑަށް އީރާނުން އިސްރާއީލަށްދީ، އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އިތުރުން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ އެތައް ބަޔަކު މަރުވުމުން ސީދާ ގޮތެއްގައި އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫންކަން އިސްރާއީލަށް ޔަގީންވި ކަމަށާއި ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ކިބައިން އިސްރާއީލުން އެދުނީ އެ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި، ދެން އިރާނަށް ހަމަލާދީފިނަމަ އީރާނުން ދޭނެ ރައްދު މާ ބޮޑުވާނެކަން ކަށަވަރުވާތީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ ޚާއިނުންނާއި ޓެރަރިސްޓުން މެދުވެރިކޮށް މުޒާހަރާގެ ނަމުގައި މި ފެށީ އީރާނުގެ އެތެރޭގައި ޓެރަރިސްޓް ހަނގުރާމައެއް ކަމަށް އިރަގްޖީ ސިފަކުރެއްވިއެވެ.

ނަމަވެސް، މި ހަނގުރާމައިގައި ވެސް އީރާނުން އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ނަސްރު ހޯދާނެ ކަމަށާއި އެ ދެ ގައުމުގެ އެޖެންޓުންނާއި ޓެރަރިސްޓުންގެ ގިނަ ބަޔަކު މަރުވެ، އަނެއް ބަޔަކު ހައްޔަރުކޮށްފައިވާއިރު މިހާރު ގައުމުވަނީ ހަމައަކަށް އެޅުމުގެ މަގުމަތީގައި ކަމަށް އިރަގްޖީ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުން ޣައްޒާގައި ޝަހީދުކުރަމުން ގެންދާ މީހުންގެ މަތިން ހަނދާން ނައްތާލެއްވުމަށް ފަހު އަދި އެމެރިކާގެ ފުލުހުން އެމެރިކާގެ ކަޅުނަސްލުގެ މީހުން މަރަމުން ގެންދާ މައްސަލައަށް އޮއްބާލެއްވުމަށް ފަހު، އީރާނުގައި ހަމަނުޖެހުން އުފައްދާ މީހުންގެ ފުރާނައާ މެދު ކަންބޮޑުވެވަޑައިގެން އެ މީހުން މަރާނަމަ އެކަން ހުއްޓުވަން އީރާނަށް ހަމަލާދޭނެކަމުގެ ބިރުދައްކަވާފައެވެ.

https://sun.mv/216087

ބައިނަލްއަގުވާމީ ކޯޓުން ހައްޔަރުކުރަން ބޭނުންވެގެން އަމުރު ނެފައިވާ ޔަހޫދީ ބޮޑުވަޒީރަށް މަރުހަބާ ކިޔުމަށް ފަހު، ޓްރަމްޕް ވަނީ ކުށެއް ސާބިތުނުވާ ވެނެޒުއެލާގެ ރައީސް ހައިޖެކްކޮށް ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފައެވެ.

އަނެއްކޮޅުން ޣައްޒާގެ 70،000 އަށް ވުރެ ގިނަ އާންމުން ޝަހީދުކޮށް، އެ މީހުންގެ ލެއިން ފެންވަރައިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުންގެންދާ މި ޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫ ވެސް ވަނީ އީރާނުގައި ހަމަނުޖެހުން ހިންގާ މީހުން އީރާނުގެ ފުލުހުންގެ އަތްދަށުން މަރުވެދާނެތީ، އެ މީހުންގެ ފުރާނައާ މެދު ކަންބޮޑުވެ އީރާނަށް އިންޒާރުތައް ދީފައެވެ.

އިރަގްޖީ ވިދާޅުވި ގޮތުގައި އީރާނުން ކަންބޮޑުވަނީ އެމެރިކާއާއި އިސްރާއީލުން ތަމުރީންކޮށްފައިވާ ޓެރަރިސްޓުން އީރާނުގެ އެތެރޭގައި ހިންގަފާނެ ޓެރަރިޒަމްގެ އަމަލުތަކަށެވެ. އީރާނުގެ އެތެރޭގައި އުޅޭ އެމެރިކާއާއި އިސްރާއީލުގެ ޓެރަރިސްޓުންގެ ނުރައްކާ އެ ދެ ގައުމުން އީރާނަށް ދީފާނެ ހަމަލާތަކަކަށް ވުރެ މާ ނުރައްކާ ކަމަށް އިރަގްޖީ ވިދާޅިވިއެވެ.

އީރާނަށް ބޮންއަޅައި އަސްކަރީ ގޮތުން އަރައިގެންފާނެ ކަމަށް ބުނެ، އެމެރިކާއާއި އިސްރާއީލުން ދޭ އިންޒާރުތަކަކީ އީރާނުގެ ގައުމީ ސަލާމަތާބެހޭ މަސްއޫލުވެރިން މާ ސީރިއަސްކޮށް ނަގާ މައްސަލައެއް ނޫންކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ސަބަބަކީ ރައްދު ދެވޭނެކަމުގެ ޔަގީންކަން ކުރިއަށް ވުރެ މާ ބޮޑަށް އީރާނަށް ލިބިފައިވުމެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އިރަގްޖީ

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވި ގޮތުގައި އިސްރާއީލުން އީރާނަށް ބޮންއަޅައިފިނަމަ އީރާނުން މިދިޔަ ޖުލައި މަހު އިސްރާއީލުގެ ސިޓީތަކަށް ހައިޕާސޮނިކް މިސައިލުން ހަމަލާދީގެން ދިން ރައްދަށްވުރެ ތިންގުނަ ބާރުގަދަ ރައްދެއް އީރާނުން އިސްރާއީލަށް ދޭނެއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދީނަމަ މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާ ދޭނެއެވެ. އަދި، ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ވެސް އީރާނަށް ވަރަށް ފަސޭހަ ކަމެކެވެ. އީރާނަށް ކިތަންމެ ބިރެއް ދެއްކިޔަސް އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީ ވެސް އަދި ބަލަސްޓިކް ޓެކްލޮޖީ ވެސް ވަރަށް ބާރަށް ތަރައްގީކުރަމުން ގެންދާކަމަށް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް އުދުވާނީ ހަމަލާތައްދިންއިރު އީރާން އޮތް ހާލަތަށްވުރެ އަސްކަރީ ބާރުވެރިކަމާއި ރައްދު ދިނުމުގެ ގާބިލުކަން އީރާނުގައި މިހާރު އެތަށް ގުނައެއް ބޮޑުވާނެ ކަމަށް އަސްކަރީ ރިޕޯޓްތައް ވެސް ބުނެއެވެ. އީރާނުން ބަލިސްޓިކް މިސައިލް އުފައްދާވަރު އިތުރުކޮށްފައިވާއިރު ޗައިނާއާއި ރަޝިއާގެ ވަރަށް ގިނަ ޒަމާނީ ހަތިޔާރު ފާއިތުވި ފަސް މަސް ތެރޭގައި އީރާނަށް ލިބިފައިވާ ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް