މުސާރައަށް ގެނައި ބަދަލާއެކު ލީގަލް އޮފިސަރުންގެ މުސާރަ، އެލަވަންސް ލައިގެން ވެސް ކުޑަވި ކަމުގެ ޝަކުވާ

ސިވިލް ސާވިސް ކޮމިޝަން: މުސާރައަށް ގެނައި ބަދަލުން ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވުމުން ކަންބޮޑުވުން ފާޅުކުރަނީ -- ފޮޓޯ/ ވީނިއުސް

ޕޭހާމަނައިޒޭޝަންގެ ސަބަބުން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނާއި އިދާރާތަކުގެ ލީގަލް އޮފިސަރުންގެ މުސާރަ, އެލަވަންސް ލައިގެން ވެސް ކުޑަވިކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑު ކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. އެގޮތުން ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން، ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުން ހިމެނޭހެން، 20،000 މުވައްޒަފުންގެ މުސާރަ ބޮޑުކުރީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހެވެ.

https://sun.mv/214338

'ސަން'އަށް އެނގިފައިވާ ގޮތުގައި، މުސާރައަށް ގެނައި ބަދަލާ ގުޅިގެން، ކައުންސިލްތަކާއި މިނިސްޓްރީތަކާއި އެހެން އިދާރާތަކުގެ ލީގަލް އޮފިސަރުން ބަދަލުވީ، ޕަބްލިކް ޕޭ ފްރޭމް ވޯކްގެ ލީގަލް ޕްރޮފެޝަނަލުންގެ ޕަބްލިކް ސާވިސް ރޭންކު ހަތަކަށެވެ.

ނަމަވެސް، ލީގަލް މުވައްޒަފުންގެ މުސާރަ ކުރިއަށްވުރެ ވަނީ ކުޑަވެފައެވެ. އެހެންވެ، މައިގްރޭޝަން އެލަވަންސް ހަމަޖައްސައިދިނެވެ. އެގޮތުން، މި އެލަވަންސަކީ، މުސާރައިގެ ކުރިއެރުން ލިބުނަސް އުނިކުރާ އެއްޗެކެވެ. އެކަމަކު، އެލަވަންސް ހިމަނައިގެން ވެސް ކުރިން ލީގަލް އޮފިސަރުންނަށް ކުރިން ލިބޭ މުސާރަ ނުލިބޭކަން ވަނީ އެނގިފައެވެ.

ހާމަނައިޒޭޝަންގެ ތެރެއިން، މުސާރައަށް ބަދަލު ގެނައުމުގެ ކުރިން، ސީއެސް9-2 ގެ ރޭންކްގައި ހުރި ކައުންސިލް ލީގަލް އޮފިސަރަކަށް މަހަކު، ޕެންޝަނަށް ކަނޑާފައި 18،465 ރުފިޔާ މުސާރައަށް ލިބެއެވެ.

ނަމަވެސް، މިހާރު ގެނައި ބަދަލާއެކު އެޓެންޑެންސް އެލަވަންސް އިތުރުކޮށްގެން މުސާރަ ހިސާބުކުރާތީ، މިދިޔަ ނޮވެންބަރު އެކެއްގެ ކުރިން ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެމުން އައި ވަރު، އެ ލީގަލް އޮފިސަރުންނަށް ނުލިބޭކަން 'ސަން'އަށް އެނގިފައިވެއެވެ. އެގޮތުން މިހާރު ގެނައި ބަދަލުން މުސާރައަށް ޖެހެނީ، ކުރިން ލިބެމުންދިޔަ އަދަދަށްވުރެ ދަށްކޮށް އެކި މަހު އެކި ވަރަށެވެ. އެގޮތުން، އެޓެންޑެންސް އެލަވަންސް ލައިގެން މުސާރަ ހިސާބު ކުރާތީ، ޗުއްޓީގައި ހުންނަ މަހެއްގައި 15،188.75 ރުފިޔާއަށް މުސާރަ ކުޑަވެއެވެ.

އޭގެއިތުރަށް، މިދިޔަ ދެމަހެއްހާ ދުވަހު، އެކަން ހައްލުކުރުމަށް ގިނަ ލީގަލް އޮފިސަރުންތަކެއް ނެޝަނަލް ޕޭ ކޮމިޝަނަށާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް މައްސަލަ ހުށަހެޅިއެވެ.

މިކަމާ ގުޅިގެން ޕޭ ކޮމިޝަނުން އެ މުވައްޒަފުންނަށް ފޮނުވި ޖަވާބުގައި ވަނީ،
ލީގަލް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސްއަށް އެއްވެސް ބަދަލެއް ގެންނަނަމަ، އެ ބަދަލާއެކު، ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށެވެ. އަދި، އެހެނިހެން އިދާރާތަކުން ވެސް އެދެވޭ ޖަވާބެއް އެ މުވައްޒަފުންނަށް ލިބިފައެއް ނުވެއެވެ.

https://sun.mv/214373

އެހެންވެ، އެ މުވައްޒަފުން އަންނަނީ، އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމުގައި ހައްލެއް ނުލިބި ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެ މުވައްޒަފުން ބުނެއެވެ.

ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ ޖުޑީޝަރީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން މިފަހުން ވަނީ އިހުތިޖާޖުކުރަން ކަޅު ހެދުމުގައި އޮފީހަށް ވެސް ހާޒިރުވެފައެވެ.

comment ކޮމެންޓް