ސަރުކާރުގެ ކުންފުނިތައް ހިންގަން އައްޔަނުކުރަނީ، އެ ތަން ހިންގަމުން 'ބައި އަޅާނެ' މީހެއް ކަމަށާއި ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންތައް ހިންގަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.
ޗެނަލް ތޭރައިގެ ޕްރޮގްރާމެއްގައި، އުމަރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ބޭނުމަކީ ވައްކަން ކުރުން ކަމަށެވެ.
އެގޮތުން، ކުންފުނިތަކަށް މީހުން އައްޔަނުކުރަނީ، އެތަނެއް ހިންގަމުން 'ބައި އަޅާނެ' މީހެއް ކަމަށް އުމަރު ވަނީ ތުހުމަތުކުރައްވާފައެވެ. އެ ފަދަ ވައްކަންތައް ކުންފުނިތަކުގެ ތެރޭގައި ކުރަނީ، އަމިއްލަ މީހާގެ ފައިދާއަށް އެކަނި ނޫންކަން އުމަރު ފާހަގަކުރެއްވިއެވެ.
[ސަރުކާރު ކުންފުނިތަކުގެ ވެރިން] އެ މީހުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ބައި އަޅާނެ. ޕާޓީއަށް ވެސް ބައި އަޅާނެ. އަދި އެ މީހުންގެ އަމިއްލަ ނަފުސަށް ވެސް ބައެއް އަޅާނެކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭނާ ވަނީ، ރައީސްގެ އިރުޝާދުގެ ދަށުން ކުންފުނިތައް ހިންގަން ލަނީ 'ބައި އަޅާނެ' މީހުން ކަމަށް ތުހުމަތުކުރައްވާފައި -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އޭގެއިތުރުން، އުމަރު ވަނީ، ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންތައް ހިނގާއިރު، އެ ކަމެއް ފަޅާއެރުމުން ވާނެ ގޮތް ކިޔައިދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސަށް ނުވަތަ ޕާޓީއަށް އަޅަން ޖެހޭ ބައި ނާޅައިފިނަމަ ނުވަތަ ފަޅާއަރައިފިނަމަ، އެ މީހަކު ލާނީ ޖަލަށް ކަމަށެވެ. އެހެން ނޫންނަމަ، އެ މީހަކު ހުރި ކުންފުނީގެ މަގާމު ބަދަލުކުރާނީ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ތުހުމަތުކުރެއްވި ގޮތުގައި، ކުންފުނިތަކުގައި ހުރިހާ ކޮރަޕްޝަނެއް ހިންގަނީ، ރައީސް މުއިއްޒަށް އެނގިވަޑައިގެން ހުރެ، ދުރާލާ ރާވައިގެނެވެ.
[ކުންފުނިތަކުގައި] މި ހިނގާ ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެން، ރައީސުލްޖުމްހުރިއްޔާގެ އިރުޝާދުގެ ދަށުން ހިންގާ ކަންކަން. އަދި، ރައީސުލްޖުމްހޫރިއްޔާއަށް ބައި އެޅިގެން ހިންގާ ކަންކަން. ސިޔާސީ ޕާޓީއަށް ބައި އެޅިގެންކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އެ ވާހަކައިގެ ތެރެއިން، އުމަރު ވަނީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ހުޅުވި އާ އޮފީހާ ގުޅުވައި ވާހަކަދައްކަވަފާއެވެ. އެގޮތުން، އެ އޮފީސް އަޅަން ރުފިޔާ ހޯދީ، ކޮން ތަނަކުންތޯ ސުވާލު އުފައްދަވައި، މީގެ ކުރިން ޖަގަހައެއް ހެދިފައެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި، އެ ކަމަށް ޚަރަދުކުރީ 'ވައްކަމުން' ހޯދި ރުފިޔާ ކަމަށް އުމަރު ތުހުމަތުކުރެއްވިއެވެ.
ކޮރަޕްޝަނާ ގުޅުވައި އުމަރު ވާހަކަދެއްކެވިއިރު، ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަން ހިންގާ ކަމުގެ އަޑުތަކަކީ، އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެކަމަކު، މި ފަހުން ހިނގި، ކަންތައްތަކާ ގުޅިގެން އެ އަޑުތައް އިތުރަށް ވަނީ ގަދަވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ސްޓެލްކޯގެ އެމްޑީ ކަމުން އިއްޔެ ވަކި ކުރެއްވި ސަމާހާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އެގޮތުން، ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއަށް މި ސަރުކާރުން އައްޔަންކުރި ދެވަނަ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު ވަކިކުރި މައްސަލައިގައި، އެ ކުންފުނީގެ ތެރޭ ހިންގި ކޮރަޕްޝަނާއި ޝަމާޙް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯގެ މައްސަަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވެސް މީގެ ކުރިން ވަކިކުރި ޝަމާޙް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމުގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އޭނާގެ މައްސަލައެއް ބަލަމުން އަންނަކަން މިއަދު ހާމަކޮށްފައެވެ.
ޝަމާޙް އިއްޔެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރިއިރު، ސޯޝަލް މީޑިއާގައި ޝަމާޙް ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯގައި، އޭނާ ކުންފުނީގެ އެތެރޭގައި 'ކުރަން އުޅުނު ކަންތައްތައް' އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ.
އެހެން އެކަން އޮއްވާ އަޒްހަދު ވެސް ވަނީ އިއްޔެ މަގާމުން ދުރުކޮށްފައެވެ. އެ މަގާމުން ދުރުކުރި ނަމަވެސް، އޭނާ ސްޓެލްކޯއަކުން ވަތްކެއް ނުކުރެއެވެ.
އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ޝަމާޙް ރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށާއި، ދައުރުވަނީ ފޭކު އޯޑިއޯއެއް ކަމަށެވެ.