މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން ކަމަށްވާއިރު، އިއްޔެގެ ނިޔަލަށް އެ ގައުމުން 14،638 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެގެ ނިޔަލަށް ވަނީ، 79،0004 ފަތުރުވެރިން އައިސްފައެވެ. އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ، 69،553 ފަތުރުވެރިންނެވެ. އެހެންވެ، މި އަހަރު ފެނުނީ، 13.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު، 14،638 ފަތުރުވެރިން ޒިޔާރަތްކޮށްގެން ލިސްޓުގެ އެއްވަނައިގައި އޮތީ، ރަޝިއާއެވެ. އެ ގައުމަކީ، މިދިޔަ އަހަރު ފެށުނުއިރު ވެސް މާކެޓުގެ އެއްވަނައިގައި އޮތް ގައުމެވެ. މިދިޔަ އަހަރުގެ ޖަނަވަރީ 11ގެ ނިޔަލަށް ރަޝިއާއިން ޒިޔާރަތްކުރީ، 11،367 ފަތުރުވެރިންނެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ -- ފޮޓޯ/ އެމްއޭސީއެލް
ހަމައެއާއެކު އިޓަލީން 10،298 ފަތުރުވެރިން އައިއިރު، އިނގިރޭސި ވިލާތުން ވަނީ، 5،959 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ހަތަރުހާސް އަށްހާހެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްގެން، މާކެޓުގެ ހަތަރުވަނައިގައި އޮތީ، ޖަރުމަނެވެ. އަދި، މިދިޔަ އަހަރުގެ އެއްވަނަ މާކެޓު ކަމަށްވާ ޗައިނާ އޮތީ، ލިސްޓުގެ ފަސްވަނައިގައެވެ. އިއްޔެގެ ނިޔަލަށް އެ ގައުމުން އައީ، 3،637 ފަތުރުވެރިން ކަމަށްވާއިރު، އިންޑިއާއިން ވަނީ، 2،566 ފަތުރުވެރިން އައިސްފައެވެ.
ސަރުކާރުގެ މި އަހަރުގެ 2.4 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް، މިދިޔަ އަހަރު 2.3 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ކަނޑައެޅިޔަސް، އެ އަހަރު އައިސްފައިވަނީ 2.25 މިލިއަން ފަތުރުވެރިންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ.
ދެ ގައުމުގެ ގުޅުން ގޯސްވީ، ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުންނެވެ.
އެކަމަކު، އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރުގެ ދިވެހި މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި، އެ ފަހުން ގުޅުން ރަނގަޅުކުރަން ދެ ގައުމުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.