އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ "ސްޕޭސް ފޯޖް" އިން ފަޒާގައި ސެމީކޮންޑަކްޓަރު އުފެއްދުމަށް ކުރި ފުރަތަމަ ވިޔަފާރި ޓެސްޓު ކާމިޔާބުކޮށް، ތާރީޚީ ރެކޯޑެއް ހޯދައިފިއެވެ.
މިއީ ދުނިޔެއިން ބޭރުގައި، ވިޔަފާރި އުސޫލުން މިފަދަ އުފެއްދުމެއް ތައްޔާރުކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތެވެ.
މި ތާރީޚީ މަސައްކަތް ކޮށްފައިވަނީ ޖޫން 2025 ގައި ލޯންޗުކުރި އެ ކުންފުނީގެ ކުޑަ ސެޓެލައިޓެއް ކަމަށްވާ "ފޯޖްސްޓާ-1" ގައެވެ. މި ސެޓެލައިޓުގައި ހަރުކޮށްފައިވާ ޚާއްސަ އަލިފާން ދަގަނޑެއް (ފާނޭސް) ބޭނުން ކޮށްގެން، މިދިޔަ ޑިސެމްބަރު މަހު ވަނީ 1,000 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިކޮށް، "ޕްލާޒްމާ" އުފައްދާފައެވެ. މިއީ ފަޒާގެ ބަރުދަން ނެތް މާހައުލުގައި ސެމީކޮންޑަކްޓަރު ކްރިސްޓަލް އުފެއްދުމަށް ބޭނުންވާ އެންމެ މުހިންމު މަރުހަލާއެވެ.
ސްޕޭސް ފޯޖުން ބުނާ ގޮތުގައި، ފަޒާގެ "މައިކްރޯ ގްރެވިޓީ" ނުވަތަ ދަމާބާރު ކުޑަ މާހައުލަކީ ސެމީކޮންޑަކްޓަރު ކްރިސްޓަލް އުފެއްދުމަށް އެންމެ އެކަށީގެންވާ ތަނެވެ. ދުނިޔޭގައި މިފަދަ ތަކެތި އުފައްދާއިރު ދަމާބާރުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ފަޒާގައި ނުހުންނާތީ، އެތަނުގައި އުފައްދާ ކްރިސްޓަލްތައް ދުނިޔޭގައި އުފައްދާ ތަކެއްޗަށްވުރެ އެތައް ހާސް ގުނައެއް ސާފުވެފައި ފެންވަރު ރަނގަޅުވާނެއެވެ.
މި އާ ހޯދުމުގެ ސަބަބުން ކުރިމަގުގެ އިލެކްޓްރޯނިކްސް ސާމާނުތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސައިންސްވެރިން ދެކިލައްވައެވެ.
ފަޒާގައި އުފައްދާ "ގަލިއަމް ނައިޓްރައިޑް" ނުވަތަ "ސިލިކަން ކާބައިޑް" ފަދަ މާއްދާތައް ބޭނުންކޮށްގެން އުފައްދާ ޗިޕްތަކުގެ ސަބަބުން، އިލެކްޓްރޯނިކްސް އާލާތްތަކުން ހަކަތަ ބޭނުންކުރާ މިންވަރު 60 އިންސައްތައާ ގާތްކުރާ މިންވަރަކަށް ކުޑަ ކުރެވޭނެއެވެ.
ސްޕޭސް ފޯޖުގެ މުސްތަގުބަލުގެ ޕްލޭނަކީ ފަޒާގައި މިފަދަ ކްރިސްޓަލްތަކުގެ "އޮށް" (ސީޑްސް) އުފެއްދުމަށްފަހު، އެ ތަކެތި އަނބުރާ ދުނިޔެއަށް ގެނެސް، އޭގެ އެހީގައި ފެންވަރު ރަނގަޅު ޗިޕްތައް ދުނިޔޭގައި އުފެއްދުމެވެ.
މިހާރު ކުރިއަށްދާ "ފޯޖްސްޓާ-1" މިޝަން ނިމުމުން، އެ ސެޓެލައިޓް ޖައްވުގެ ތެރޭގައި އަންދާލުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި މިޝަނުން ލިބޭ މައުލޫމާތުގެ އެހީގައި ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އިތުރަށް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.