އޮފީހުގައި ހެދުން އެޅުމުގެ މިންގަނޑު ވަނީ މުވައްޒަފުގެ އަހުލާގާ ގުޅިފައި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ރޭ ބުނެފިއެވެ.
ސީއެސްސީން ވަނީ މި ފަހުން, މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ގަވާއިދުގައި، އަންހެން ސިވިލް ސާވަންޓުން ހެދުން އެޅުމުގެ މިންގަނޑުތައް ވަނީ ތަފުސީލުކޮށް ބަޔާންކޮށްފައެވެ. މިގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި، އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކުލަޖެއްސުން މަނާކޮށްފައިވެއެވެ.
މިއީ އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަނުން ކަމަށް ބުނެ, އިދިކޮޅު އެމްޑީޕީއާއި ބައެއް އެހެން ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ މި ގަވާއިދަށް އަމާޒުވެފައެވެ. ހަމައެއާއެކު މި ގަވާއިދަށް ތާއީދުކޮށް ވެސް އެތައް ބަޔަކު ވަނީ ވާހަކަދައްކާފައެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ސީއެސްސީގެ ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު ވިދާޅުވީ، ސިވިލް ސާވިސްގެ ގަވާއިދުގެ ކޯޑް އޮފް ކޮންޓެކްޓްގައި ބަޔާންކޮށްފައި އޮންނަ ގޮތުން ހެދުން އެޅުމަކީ މުވައްޒަފުންގެ އަހުލާގުގެ ބައެއް ކަމަށެވެ. އެހެންކަމުން ހެދުން އަޅާ ގޮތަކުން މުވައްޒަފަކާ މެދު ފިޔަވަޅެއް އަޅާނަމަ އެއީ ކޯޑް އޮފް ކޮންޓެކްޓާ ހިލާފު ވެގެން އަޅާ ފިޔަވަޅަކަށް ވާނެ ކަމަށެވެ.
"މި ބާވަތުގެ ކަންކަމުގައި އާއްމު އުސޫލުން މި އޮންނަނީ ފުރަތަމަ މުވައްޒަފުންނަށް އިރުޝާދު ދީ, މުވައްޒަފުންނަށް މަގު ދެއްކުން. އެއަށް ފަހުގައި އެކަންކަން އިސްލާހު ނުވާނަމަ އިތުރު ފިޔަވަޅަކާ ހަމައަށް ދާން މި ޖެހެނީ," އިބްރާހީމް ވިދާޅުވިއެވެ.
ގަވާއިދަށް މި ފަހުން ބަދަލު ގެނެސްފައިވަނީ ކުރިން ވަރަށް "ޖެނެރަލް"ކޮށް އޮތް ގަވާއިދު އިތުރަށް ތަފުސީލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޮފީހުގެ މަސައްކަތާ ގުޅުވައިގެން ހެދުމުގެ މިންގަނޑު ކަނޑައެޅުމުގައި ސިވިލް ސާވިސްއިން ހުރަހެއް ނާޅާ ކަމަށެވެ. ނަމަވެސް، ކޮންމެ އޮފީހަކުން ވެސް މިހާރު ހެދުން އެޅުމުގެ މިންގަނޑު ކަނޑައަޅަން ވާނީ މި ފަހުން ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
އާ ގަވާއިދުގެ ދަށުން ވަކި ގޮތަކަށް ހެދުން އެޅުމުގެ އިތުރުން, އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަކަމެއް ކަމަށް ގަވާއިދުގައިވަނީ ބުނެފައެވެ. އަދި، އިސްތަށިގަނޑު ހުންނަންވާނީ ރީތިކޮށް ކަމަށް ވެސް ވެއެވެ.
ނަމަވެސް، އިސްތަށިގަނޑު ކަޅުކުރުން ފިޔަވައ،ި ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ މަނާ ކަމެއްކަމަށް ގަވައިދުގައިވެއެވެ.
އިސްލާހުކޮށްފައިވާ ގަވައިދަށް ވަނީ ދެ މާއްދާއެއް އިތުރުކޮށްފައެވެ. އެއް މާއްދާއަކީ ފިރިހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް އިތުރުކުރި ތަފުސީލުތަކެކެވެ. އެއާއެކު އަންހެން ސިވިލް ސާވަންޓުން އަޅާ ހެދުމުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.
އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަންވީ ގޮތުގެ ތަފުސީލު ދިންއިރު، މި އިސްލާހުގައި ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ބަހައްޓަންވީ ގޮތުގެ ވާހަކައެއް ހިމަނާފައި ނެތެވެ.
އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނައި މީގެ ހަފުތާތަކެއް ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކުރި ފަހުންނެވެ.