ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ކައުންސިލިން ދޭނެ މީހަކު ހޯދަނީ

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް, މެންޓަލް ހެލްތް ކައުންސިލަރެއް ހޯދުމަށް މިއަދު އިއުލާން ކޮށްފިއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި, ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ އެކު އެއްބަސްވުމެއް ހެދީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

މިއީ ކިތަންމެ މުހިންމު ޚިދުމަތެއް ނަމަވެސް މިއީ ރާއްޖޭގެ މަސައްކަތު މާހައުލުން އާއްމުކޮށް ލިބޭ ޚިދުމަތެއް ނޫނެވެ.

https://www.sun.mv/205585

ޕީޖީ އޮފީހުން މިއަދު ވަނީ މަހު މުސާރައަށް 16,205 ރުފިޔާ ދޭ ގޮތަށް ކައުންސިލަރެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ އޮފީހުގެ މުވައްޒަފުން ބޭނުންވެއްޖެ ހިނދެއްގައި ސައިކޮސޯސަލް ސަޕޯޓާއި ބޭނުންވާ ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އިންޓަވެންޝަން ހަދަން ޖެހޭހާލަތްތަކުގައި އަދި ރިފަރަލް ހަދަންޖެހޭ ހާލަތްތަކުގައި ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާ ހޯދައިގެން އެކަންކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ސްޓްރެސް މެނޭޖްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ނަފްސާނީ-އިޖްތިމާޢީ ދުޅަހެޔޮކަމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމަށް ސެޝަންތަކާއި ވޯކްޝޮޕްތައް ރާވައި ހިނގައި ބެލެހެއްޓުމަކީ ވެސް އެ މަގާމުގެ މަސްއޫލިއްޔަތެކެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ޚާއްސަ އިސްކަމެއް ދިނުމުގެ މަގުސަދަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އަޅާލުމުގެ ސަގާފަތެއް އާލާކުރުމާއި، މުވައްޒަފުންގެ މަސައްކަތާއި، ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި އެ އޮފީހުގެ މުވައްޒަފުންނަކީ ވަރަށް ހައްސާސް މަސައްކަތްތަކެއް ކުރާ ބަޔަކަށްވެފައި، އެ މުވައްޒަފުން ކުރާ ގާނޫނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކޮށް މުވައްޒަފުންގެ ވިސްނުމުގެ ގާބިލުކަމާއި، ބުންވަރާއި، ފެންވަރު އިތުރުކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް