"ތިބާގެ ދުވަސްތައް ބާއްޖަވެރިވާނީ ދިމާވާ މައްސަލަތަކަށްވުރެ ދެއްވާފައިވާ ނިއުމަތްތަކަށް ސަމާލުކަން ދިނުމުންނެވެ. ނިއުމަތްތަކަށް ޝުކުރުވެރިވާ މީހަކަށް ވާށެވެ."

***

ހަޔާ ކަޅުކުލައިގެ އަބާޔާއެއް ލައިގެން ޝޯލް އޮޅާލައިގެން ގޮސް ލޯގަނޑުކުރިމަތީގައި ހުއްޓުނެވެ. ބުރުގާ އަޅާފައި ހުރުމުން އިސްތަށިގަނޑު ފޮރުވިފައި އޮތުމުން މާޒީއަށް ފިލައިގެން އުޅެވިދާނެކަމަށް އޭނަ ގަބޫލުކުރެއެވެ. އޭނަގެ އެންމެޚާއްސަ ސިފައަކީ އިސްތަށިގަނޑެވެ.އަދި ލޮލެވެ.

"އަހަރެންގެ ހިތް ހަލާކުކޮށްލާފައި އެ ފިރިހެނާ ކޮބައިތަ؟ އެވަރަށް މީހަކަށް މީހަކު ދެރަކޮށްލެވޭނީ؟ އެވަރުގެ ބޮޑު ލަނޑެއް....އެވަރުގެ ބޮޑު ލަދެއް ދުވަހަކު ނުގަނޭ...."

ކުއްލިއަކަށް "އަޔާ"ގެ ނަން ސިކުނޑީގެ ކަނެއްގައި ކޮށްޓައިލިއެވެ.

"އޭރު ޔަލްވީ ހަޒްބެންޑްގެ ނަމަކަށް ބުނީ އަޔާހެން ހީވޭ..އަޔާދު އަޔާޒު، އަޔާން. އަޔާމް. ނޫނީ އަލްޔާން ފަދަަ ނަމަކަށްވެސް ވެދާނެ...ދެ އެކުވެރިންގެ ދިރިއުޅުމަށް ހަމަ އެ އަޔާ އަތުވެއްޖެއްޔާ އެއީ ކޮންފަދަ ބޮޑު އިއްތިފާގެއް..އޭރުންވާނީ ބޮޑު ޒަލްޒަލާއަކަށް...އެހެނެއްނުވާނެ އިންޝާﷲ....އަޔާގެ ނަން އިވުނީމަ އަނެއްކާ އެ ހަނދާންތައް.....ކިހާ ދެރަ..."

ހަޔާ ކުޑަދޮރުން ބޭރަށް ބަލަން ހުރިއިރު ކުރިމަތިން ފެންނަން އޮތީ ސަހަރާއެވެ. އޭނައަށް އެތަން ފެންނަނީ ބަގީޗާއެއްގެ ގޮތުގައެވެ. އެންމެ ކަމުދާ އެއް މަންޒިލްގެ ގޮތުގައެވެ. އެމަގުން ދާ ކޮންމެ ފަހަރަކު ހުއްޓި ބަލަން ހުރެވޭއިރު ލޯ ތެމެއެވެ. އެއީ އޭނަ އެމީހަކުދެކެ އެންމެ ލޯބިވީ ފަރާތް އަބަދަށްޓަކާ ނިދާފައިވާ ބިމެވެ.

ހަޔާ ދޮރު ލައްޕައިލުމަށްފަހު ނުކުތީ ކޮފީއެއް ހަދައިލުމަށެވެ.

ކޮފީތަށި ހިފައިގެން އައިސް ޔަލްވީއަށް ގުޅަން އުޅުނީ ފިރިމީހާގެ ނަން އަހައިލުމަށެވެ.

"ސާބަސް ހަޔާ...ތީ ގޯހެއް. އެއްވެސް މީހެއްގެ ޒާތީ ދިރުއުޅުމުގެ ތެރެއަށް ވަންނާނެކަމެއްނެތް...ޔަލްވީގެ ފިރިމީހާގެ ނަން އެހީމަ ކޮން ފައިދާއެއްވާނީ؟އެންމެ ރަަގަޅުވާނީ އެނަން ހަނދާންނައްތާލިއްޔާ...ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި އިންސްޕަޔާ ވާކަހަލަ އެއްޗެއް ބަލައިލިޔަސް ނޫނީ އިލްމު އުގެނެން އުޅުނަސް މާ ރަގަޅުވާނެ..އެންމެ ރަގަޅުވާނީ ލެކްޗަރެއް ބެލިއްޔާ...ﷲ ދެއްވާފައިވާ އެތައް ނިއުމަތަކާއިމެދު ޝުކުރުވެރިވެބަލަ ހަޔާ...ދިރިއުޅުމުގައި އައި އެންމެ ކަޅު ދުވަހަކަށްޓަކާ ހިތާމަކުރުމުގެ މާނައެއްނެތް. އެކަހަލަ ފިރިހެނުންގެ ކިބައިން ސަލާމަތްވެވޭތީ އުފާކުރަން ޖެހެނީ....ހަޔާއަށް ނުފެންނަ ކަންތައް ﷲ ތައާލާ ދެކެދެނެވޮޑިގެންވޭ......."

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭހެން ހީވެގެން ގޮސް ދޮރު ހުޅުވައިލުމާއެކު ސިހުނެވެ. ދޮރުމަތީގައި ހުރީ އޭނަގެ މަންމަ ތަގުވާއެވެ.

"ސައިބޯން އެއްޗެއް ހިފައިގެން މިއައީ..ދޮންތަމެން ކިހިނެއް؟" ތަގުވާ އެތެރެއަށް ވަނެވެ.

މަންމަ ހެދުން އަޅަނީ ސާދާކޮށެވެ. މުޅިން ކަޅުކުލައިގައެވެ. ރާއްޖޭގައި އުޅޭތާ އެތައް އަހަރެއްވެފައިވުމުން ހަމަށް ރަންކުލަ އަރާފައިވިޔަސް އެލޮލުގައި ހުންނަ ރީތި ފެހިކުލައަކަށް ބަދަލެއްނާދެއެވެ. ދިވެއްސެކޭ ތަފާތެއްނެތެވެ. ދިވެހި ބަހަށް އެހާ ފަރިތައެވެ. އޭނައަށް މަންމަގެ ފަރާތުން ރަންކުލައިގެ ބުޅި އިސްތަށިގަނޑާއި އަޅިކުލައިގެ ލޯ ވާރުތަވެފައިވެއެވެ. މާމަ އަބަދުވެސް ބުނާނީ ލޮލަށް އެސްފީނާ ޖެހިދާނެކަމުގައެވެ. ވިހަ ލޯތައް އަމާޒުވާނެކަމަށެވެ. އެހެންވެ އޭނަ އާއްމުކޮށް އުޅެނީ އަވިއައިނު އަޅައިގެންނެވެ.

"މިހާރު އަނެއްހެން އޯކޭ..މަންމަ ސައިބޮއިފިންތަ؟"ހަޔާ އެހިއެވެ.

"ހޫމްމމް..."

ހަޔާ ކޮތަޅުން ލަޒާނިއާއާއި ޕިއްޒާ އަދި ފޮނި އެއްޗެހި ނަގާފައި ތަށިތަކަށް އަޅަންފެށިއެވެ.

"މަންމަވެސް ބަލައިގެން އުޅެން ޖެހޭނީ މި ދުވަސްކޮޅު....ކާރުގައި އައީ؟"

"އާނ. ޑްރައިވަރާއެކު އައީ.."

"އޭނަވެސް އިންފެކްޓްވެފައި ހުރެދާނެ...ސޭފްނުވާނެ އެއްވެސް ވަރަކަށް...."

"އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ ބުނާތި...މާމަ ނެތީމަ...."

"ހުރިހާކަމެއް އަދި ރަގަޅު..."ހަޔާ ހިނިތުންވެލިއެވެ.

އޭނައާއި މަންމަގެ އޮތް ގުޅުން ރަގަޅުކުރާން ކިތަންމެ މަސައްކަތްކުރިޔަސް އެކުވެރިއެއްފަދައިން ވާހަކަދައްކައިލާ ސަމާސާކުރާކަށް ނުކެރެއެވެ. މަންމައަކީ އެންމެ ގާތް އެކުވެރިޔާއަށްވުމުގެ ޝަރަފުލިބޭ އަންހެންކުދިންގެ ތެރޭގައި އޭނަ ނުހިމެނެއެވެ. މަންމަގެ ފިރިމީހާއާއި އާއިލާއާއި ބެހޭ މައުލޫމާތެއްވެސް އޭނައަށް އެނގިފައެއްނުވެއެވެ. އެނގެނީ މުއްސަދި އާއިލާއެއްކަމެވެ. ސްކޯލާޝިޕް ލިބިގެން ރާއްޖެއިން ބޭރަށް ފުރިފަހުން އަހަރަކު އެއްފަހަރު އޭނައަށް މަންމައާއި ބައްދަލުވުމުގެ ނަސީބު ލިބުނެވެ. އަމިއްލަ ރަށުގައި އުޅުނުއިރުވެސް ހަމަ ދިމާވަނީ އިނގިލިން ގުނައިލެވޭހާ މަދުންނެވެ.

"އިންޓާންޝިޕް ފަށަނީ ކޮންއިރަކުން؟"

"ލޭކްވިއުއަށް އެޕްލައިކޮށްފައި އޮތީ. އެއީ ރަގަޅު ހޮސްޕިޓަލެއްވީމަ...ރާއްޖެ މިއާދެވުނީ ޕެންޑެމިކްއެއްގެ ތެރޭ......."

"ކިޔަވާ ނިމުނުކަން ނަސީބެއްނު....މަންމަގެ ދޮންދަރިވެސް މެޑިސިން ހަދައިގެން އައީ.........."

ތަގުވާ ދުވަހަކުވެސް އާއިލާއާއި ބެހޭގޮތުން ވާހަކައެއް ނުދައްކައެވެ. ދޮންދަރިއެއްގެ ވާހަކަދައްކަން ފެށުމުން ހަޔާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅެއް އުފަންވިއެވެ.

"ޔާﷲ....ޕްލީޒް...ހިތް ސާފުކުރައްވާދޭވެ..." ހިތާހިތުން އޭނަ ދުއާއެއްކޮށްލިއެވެ.

މަންމަގެ އަނެއް އާއިލާގެ ވާހަކަ އަހަން އޭނަގެ ހިތާއި ސިކުނޑިވެސް ތައްޔާރެއްނޫނެވެ.

"މަންމަގެ ޕިއްޒާ މީރުވެގެން ކުރީ ދުވަހު ދޮންތަ އުޅުނު..."ހަޔާ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. މަންމަވެސް އޭނަގެ ފަހަތުން ވަނެވެ.

"ވަރަށް އުފާވެއްޖެ.."ތަގުވާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ."މަންމަ ކިޔަން މި ފޮތް ގެންދަންތަ؟"

"ޝުއަރ...."ހަޔާ ބުނެލިއެވެ.

ތަގުވާ ބެލްކަނިކޮޅަށް ނިކުމެލިއެވެ. ކުޑަ ތަންކޮޅެއްނަމަވެސް ވަށިތަކުގައި ކުލަކުލައިގެ މާ ގަސްތައް އިންދާފައި ހުރުމުން ވަރަށް ލޯތްބެވެ. އޭނަފަދައިން ދަރިފުޅުވެސް ގަސްތަކާއި ގުދުރަތީ ތަންތަނަށް ލޯބިކުރަނީކަމަށް ވެދާނެއެވެ. ތަގުވާއާއި ހަޔާ މާތަކާއި ބެހޭގޮތުން އިރުކޮޅަކަށް ވާހަކަދައްކަން ތިއްބެވެ. މަންމަ ގެއަށްދާން ނުކުތުމުން ކޮޓަރިއަށްވަންގޮތަށް އެނދުގައި އަތް ވިއްދާލައިގެން ވިސްނުމެއްގެ ތެރޭގައި އިނދެވުނެވެ.

"ބައެއްމީހުން މަރުދެކެ ބިރުން އުޅޭ...ދަރިންކޮޅު ކުޑަވީމަ ބަލާނެ މީހަކުނުވާނެތީ..ބިކަ ހާލުގައި ޖެހިދާނެތީ..ނަމަވެސް އެހެން ބުނާ މީހުންނަށް ނުވިސްނެނީ....ރިޒުގު ދެއްވަނީ ހެއްދެވި ފަރާތުން....ދުނިޔެއަށް އައިގޮތަށް އުޅޭނެ ގޮތްވެސް ދައްކަވާނެ..ފައިސާވެސް އެހާ މުހިއްމުތަ؟ ކިތަންމެ ގިނަ ފައިސާއިންވެސް އުފާވެރިކަނެއް ނުގަނެވޭ. ގިނައިން ލިބޭވަރަކަށް އިތުރަށް ބޭނުންވޭ. ދަރަނި ބޮލުގައި އެޅޭ. ގެތަކާއި އިމާރާތްތަކާއި ކާރުތައް އަދި މުދާތައް ކިތަންމެ ގިނައިން އެއްކުރިޔަސް ހަމަ ދާންޖެހެނީ ހުސްއަތާ...ވަޅުލީމަ އެންމެ ލޯބިވާ މީހުންވެސް ދޫކޮށްފައިދަނީ..އެއީ ދުނިޔޭގެ ހާލަތު.ދުނިޔޭގައި އުޅެވޭވަރުވީމަ އަހަންނަށް ޔަގީނުންވެސް ފުދޭ..ﷲތައާލާ ދެއްވި މިންވަރަކަށް ރުހިގެން އުޅެން ދަސްކުރާނަން....މަންމަ އަހަރެން ކުޑައިރު ބައްޕަކައިރީގައި ބަހައްޓާފައި ދިޔަ ސަބަބު އަހަންނަކަށް ނޭގޭ. އެކަމަކު އެހެނޭ ކިޔާފައި މަންމަދެކެ ހިތްނުބައިކުރުމުގެ މާނައެއްނެތް. މަންމައެއްގެ ބަދަލުގައި މާމައެއް ދެއްވި...ޝުކުރުކުރަން ޖެހެނީ....."

ހަޔާ ހިނިތުންވެލިޔަސް ލޮލުން ކަރުނަ ތިއްކެއް ނީރައިލިއެވެ.

***

ތަގުވާ ސަލާހުއްދީން ފުރޮޅުލީ ގޮނޑިއަށް ލައިގެން ދުއްވަމުންގޮސް މޭޒުކައިރީގައި ބެހެއްޓިއެވެ. އޭރު އެހެން އެންމެން އިންތިޒާރުގައި އެމީހަކު އާދަވެގެން އިށީދެގެން ތިބޭތަނުގައި ވެރިވެފައިވަނީ ހިމޭންކަމެވެ. އޮރެންޖްކުލައިގެ ޗާންދަލިޔާގެ އަލީގައި އެމޫނުތައް ރަންކުލައިން ވިދައެވެ. އަޔާޝްގެ ގާތުގައި ޔަލްވީއިން އިރު އަނެއް ފަޅީގައި އިނީ މިނާހްއެވެ. މިނާހް ގާތުގައި އިނީ އާސީންއެވެ. އާސީންގެ ދިރިއުޅުން އޮންނަނީ ދެގެއަށް ބަހާލާފައެވެ. މިގެއާއި މާމަގެ ގޭގައެވެ.ނަމަވެސް މި ރޯގާގެ ސަބަބުން އާސީން ވެސް ލޭކްވިއުއަށް ބަދަލުވީއެވެ.

އެންމެން ކާންފެށީ އާދައިގެ ވާހަކަތަކެއްގައި ތިބެއެވެ.

"މަންމަ ހަވީރު ކޮންތަނަކަށް ދިޔައީ؟" އާސީންގެ ސުވާލުން ތަގުވާ ސިހޭގޮތްވިއެވެ.

"ޝޮޕިންއަށް...."

"ސަހަރާ ކައިރިންވެސް ފެނުނު..."

"ވަޓް؟" ތަގުވާ ލޯ ބޮޑުކޮށްލިއެވެ.

"މަންމަ އެގެއަށް ވަނީ ކޮތަޅެއް ހިފައިގެން...ގެއިން ނުކުތީ ފޮތެއް ހިފައިގެން..."އާސިން ހިނިގަނޑެއް ޖަހައިލިއެވެ.

"މަންމަ ދެން ޑްރަގް ހިފައިގެން ތަންތަނަށް ނުހިނގާނެއްނު.ފުރަތަމަ ހީކުރީވެސް ސަހަރާއަށް ވިޒިޓްކުރީކަމަށް...އަންހެންކުދިން ސަހަރާތަކަށް ވައްދަނީ އެންމެ ހާލަތެއްގައެއްނު......" މިނާހް ސަމާސާ ރާގަކަށް ބުނެލިއެވެ.

"މަންމަ ސިއްރުން ކުރިކަމަކާއި ވައްތަރީ....ހާސްވީމަ..."އާސީން ލޯ ހަނިކޮށްލިއެވެ.

"އެގޭގައި ތިބި ބަލިކުދިންތަކަކަށް ކާ އެއްޗެއް ގެންގޮސްދިނީ......"

"އަޅުގަނޑުގެ ފްރެންޑެއްވެސް އެހިސާބުގައި ދިރިއުޅޭ...އެކަމަކު ސީދާ ކޮން އެޑްރެސްއެއްކަމެއް ނޭގޭ...." ޔަލްވީވެސް ވާހަކައިގާ ބައިވެރިވެލިއެވެ.

"ބަލިކުދިންނޭ ތިބުނީ؟ ކަރަންޓީނުކޮށްފައިވާ ގެއެއްތަ؟"

އާދައިގެ މަތިން އަޔާޝްއިނީ ބުމަ ކައިރިކޮށްލައިގެންނެވެ. އެހެން މީހުންނަށް ނޭގޭ ސިއްރެއް އޭނައަށް އެނގޭފަދައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު