ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ކައިރީގައި އޮންނަ ސަރުކާރުގެ ޓައުންޝިޕް މަޝްރޫއަކާ ގުޅިފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ 10 އަހަރަށް ޖަލަށް ލައި، އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ކޮއްކޮ އަދި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޓިއުލިޕް ސިއްދީގު ހަތަރު އަހަރަށް ޖަލަށް ލާން ބަންގްލަދޭޝްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ސްޕެޝަލް ގާޒީ ކޯޓު-4 ގެ ގާޒީ މުހައްމަދު ރަބީއުލް އަލަމް އެ ދެމީހުންނަށް ހުކުމް އިއްވާފައިވާއިރު، ބަންގްލަދޭޝް ކައިރީގައި އޮންނަ ޕޫރްބާޗަލް ނިއު ޓައުން ޕްރޮޖެކްޓްގެ ބިން ހޯދުމުގައި ގާނޫނާ ޚިލާފުވެފައިވާތީ، ބޮޑުދައިތަ ވިދާޅުވާ ކޮއްކޮ އަޒްމީނާ ސިއްދީގާއި ރަދުވާން މުޖީބު ސިއްދީގުގެ މައްޗަށްވެސް ހަތް އަހަރުގެ ހުކުމެއް އިއްވާފައިވެއެވެ.
ބަންގްލަދޭޝްގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި ސަރުކާރުގެ ގަވާއިދުތަކުގެ ދަށުން ޝަރުތު ހަމަނުވި ނަމަވެސް ހަސީނާ ވަނީ ގަވާއިދާ ހިލާފަށް އެކަމަނާ އާއި އާއިލާގެ މެމްބަރުންނަށް ދިރިއުޅުމަށް ހަ ގޯތި އިސް އޮފިޝަލުންނާ ގުޅިގެން ނަހަމަގޮތުގައި ހޯދާދީފައެވެ.
މި ހުކުމްތައް އިއްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ގައުމުގެ އާންމު އިންތިހާބަށް ތައްޔާރުވަމުން ދަނިކޮށެވެ. މިދިޔަ އޮގަސްޓް މަހު ހަސީނާގެ ދިގު ވެރިކަން ވައްޓާލި ފަހުން ބަންގްލަދޭޝްގައި އޮންނަނީ ވަގުތީ ސަރުކާރެކެވެ.
އިންތިޚާބުގައި ހަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގަށް ވާދަނުކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ.
ހަސީނާ އާއި ޓިއުލިޕްގެ މައްޗަށް މީގެކުރިން ވެސް މިފަދަ މައްސަލަތަކެއް ސާބިތުވެފައިވާއިރު، އެ ދައުވާތަކަށް ދެ މީހުންވެސް ވަނީ އިންކާރުކޮށްފައެވެ.
ދުވަހަކުވެސް ބަންގްލަދޭޝް ސަރުކާރުން ގޯއްޗެއް ލިބިފަި ނުވާ ކަމަށާއި އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ނޫން ކަމަށް ޓިއުލިޕް ވަނީ ބުނެފައެވެ.
ހަމަ އެ މަޝްރޫއާ ގުޅުން ހުރި އިތުރު ހަތަރު ކޮރަޕްޝަންގެ މައްސަލައެއްގައި ހަސީނާގެ މައްޗަށް މިހާރު ވެސް ވަނީ ކުށް ސާބިތުވެ، ޖުމްލަ 26 އަހަރުގެ ހުކުމެއް އިއްވާފައެވެ.
އެ މައްސަލައިގައި އެކަމަނާގެ ދަރިކަލުން ސަޖީބު ވަޒީދާއި އަންހެން ދަރިކަނބަލުން ސައިމާ ވަޒީދަށްް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ހަސީނާގެ އަންހެން ކޮއްކޮ ޝައިޚް ރެހާނާގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ އެންމެންވެސް މިވަގުތު ތިބީ ގައުމުން ބޭރުގައެވެ.
ހަސީނާގެ 15 އަހަރު ވީ ދިގު ވެރިކަން 2024 ވަނަ އަހަރު ދަރިވަރުންތަކެއް އިސްވެ ކުރި މުޒާހާރާތަކުގައި ވައްޓާލުމުން ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.
އަދި މުޒާހަރާތައް ހުއްޓުވުމާ ގުޅުން ހުރި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން ދައުވާކުރި އެހެން މައްސަލައެއްގައި ހަސީނާއަށް ވަނީ މަރުގެ ހުކުމްވެސް އިއްވާފައެވެ.