މިދިޔަ ހުކުރު ދުވަހު ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 38 އެޕާޓުމަންޓެއްގެ ނަރުދަމާއާއި ފެން ހޮޅިއަށް ލިބުނު ގެއްލުން މަރާމާތުކޮށް ނިންމައި، އެތަނަށް މިހާރު މީހުންނަށް ވަދެވޭވަރުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު އެމްއެންޑީއެފަށް މި ހާދިސާ ރިޕޯޓުކުރީ، އިއްޔެ 18:33 ހާއިރެވެ. އެ ހާދިސާ ހިނގީ، އެ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާއާއި 14 ވަނަ ފަންގިފިލައާ ދެމެދުގެ ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯއެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންވެ، އެ ޓަވަރުގައި ހުންނަ ވައި ގޮޅީގައި ހުރި ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ހާދިސާގައި 38 އެޕާޓުމަންޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ ޚިދުމަތް މެދުކެނޑުނެވެ. ނަމަވެސް އެޗްޑީސީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން މިހާރު އެ ހުރިހާ ތަނެއް މަރާމާތުކޮށް، ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދޭން ފަށައިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެޕާޓްމަންޓްތަކުގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން، 31 އެޕާޓްމަންޓަކަށް ނިސްބަތްވާ 148 މީހުންނަށް އެ އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، މި އާއިލާތަކަށް ދިން އެހީތެރިކަމުގެ މުއްދަތު މިއަދު ހަމަވުމާއެކު، ހުރިހާ އާއިލާތަކުން ވެސް މިހާރު ވަނީ އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވާން ފަށާފައެވެ.
ބޮޑު އާބާދީއެއް އޮންނަ ހިޔާ ޓަވަރުތަކުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގައި، ގެއްލުންތައް ވެފައި އެބަހުއްޓެވެ. އެންމެ ބޮޑަށް މިފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބުތަކުގެ ތެރޭ ދުންފަތުގެ އިސްތިއުމާލުކުރުމަށްފަހު ސިނގިރޭޓު އެއްލައިލައިއިރު ރަނގަޅަށް އަލިފާން ނިއްވައިނުލައި އެކި ތަންތަނަށް އުކުން ހިމެނެއެވެ.