އެޗްޑީސީއާއި އަލް އަސްރުން ހުޅުމާލޭގައި ހިލޭ ހިންގާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ކުޑަކުއްޖެއް މިސްކިތުގައި: އެޗްޑީސީއާއި އަލް އަސްރުން ހުޅުމާލޭގައި ހިލޭ ހިންގާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން ވަނީ ހުޅުވާލައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކުގައި ބައިވެރިވާން މިއަދު ހުޅުވާލައިފިއެވެ.

ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)އެއްގައި ވަނީ ސޮއިކޮށްފައެވެ.

އެޗްޑީސީން ބުނީ، އެ އެމްއޯޔޫގެ ދަށުން ގުރުއާން ކްލާސްތައް ކުރިއަށްގެންދާނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި، މުޅިން ހިލޭ ކަމަށެވެ.

އެއް އަހަރު ދުވަހުގެ އެ އެމްއޯޔޫގެ ދަށުން، ހަފުތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި ކޮންމެ ސެޝަންއެއްގައި 20 ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި ކްލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް އެޗްޑީސީން ބުންޏެވެ.

https://sun.mv/211174

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. އަދި ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ތަމްރީނު ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންކަން އެޗްޑީސީން ފާހަގަކުރިއެވެ.

އެ ކްލާސްތަކާ ގުޅޭ އިތުރު މައުލޫމާތު އަލް އަސްރު ޖަމިއްޔާއާ ގުޅޭ ނަންބަރު 7925277 އަށް ގުޅުމުން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގުރުއާން ކްލާސް ކުރިއަށްގެންދާނީ މަސްޖިދް ރަޝީދާއި މަސްޖިދް ޝައިޚް ގާސިމްގައެވެ. އަދި ދެވަނަ ފިޔަވަހީގައި ކްލާސްތައް އޮންނާނީ މަސްޖިދް އުސްމާނާއި މަސްޖިދުލް އީމާންގައެވެ.

އެ ކްލާސްތަކުގައި ބައިވެރިވުމަށް، ފުރިހަމަ ކުރަން ޖެހެނީ ގޫގުލް ފޯމެކެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ސޮއިކުރި އެ އެއްބަސްވުމުގެ މަގުސަދަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމެވެ. އެގޮތުން، ކުރިއަށްއޮތް ތަނުގައިވެސް މުޖުތަމައުއަށް ފައިދާހުރި އެފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް