ގައުމެއްގައި ސުލްހަ ދެމެހެއްޓޭނީ، ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ނާޒިމް ވަނީ، އިއްޔެ ޕާކިސްތާނުގައި ފެށި ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވައިފިއެވެ. އޭނާ ތަގުރީރު ކުރެއްވީ "ސުުލްހައާއި ދީމިގްރާތީ އިތުބާރު: ސުުލްހަވެރިކަން ގާއިމުކުރުމުގެ އިންޖީނެއްގެ ގޮތުގައި ގާނޫނުހަދާ މަޖިލިސްތައް" އެ މައުޟޫޢަށެވެ.
ނާޒިމް ވިދާޅުވީ، ސުުލްހައަކީ ހަމައެކަނި ހަނގުރާމައެއް ނެތުން ނޫން ކަމަށާއި، އެއީ ހާމަކަން ބޮޑު، ހުރިހާ އެންމެން ޝާމިލުވާ، އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ދެމެހެއްޓޭނެ ކަމެއް ކަމަށެވެ.
ޚާއްސަކޮށް ދެކުނު އޭޝިއާގެ ސަރަހައްދުގައި، އިތުބާރު ކުޑަވުމުގެ ސަބަބުން ބައިބައިވުމާއި، ހަލަބޮލިކަމާއި، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ދެއްވަމުން، މަޝްވަރާކުރުމާއި، ޚިޔާލުތަފާތުވުންތައް ހައްލުކޮށް އެއްބަސްވުންތަކަށް ވާސިލުވުމުގައި ގާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރަށް ނާޒިމް އަލިއަޅުއްވާލެއްވިއެވެ.
ދިވެހިރާއްޖޭގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ނާޒިމް ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖެއަށް އައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ބަދަލާއެކު، ދައުލަތް ހިންގުމާއި ފާރަވެރިވުމުގެ މައި ތަނބަކަށް ރައްޔިތުންގެ މަޖިލިސް ވިކަމަށެވެ.
އެއަށްފަހު، ގާނޫނުގެ އިސްލާހީ ވެރިކަން ދަމަހައްޓައި މަދަނީ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އެންޓި ޓޯޗާ ގާނޫނާއި ޖެންޑާ އިކުއަލިޓީ ގާނޫނު ފަދަ މުހިންމު ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޖަވާބުދާރީވަނިވި ގާނޫނުހަދާ މަޖިލިސްތަކަކީ ސުުލްހަަވެރިކަމާއި ދެމެހެއްޓެނިވި ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގާ ކަމަށް ނާޒިމް ވިދާޅުވި -- ފޮޓޯ/ މަޖިލިސް
އެއީ ޑިމޮކްރެޓިކް އުސޫލުތަކަކީ ތަންފީޒުކުރެވޭނެ ހައްގުތަކަކަށް ހަދައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އޮންނަ އިތުބާރު އިތުރުކުރުމަށް މަޖިލިސްތަކަށް ކުރެވިދާނެ މަސައްކަތްތަކުގެ މިސާލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި އިޖުތިމާޢީ ބަދަހިކަން ގާއިމުކުރުމުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް ނާޒިމް އަލިއަޅުއްވައިލެއްވިއެވެ. އަދި، ދެމެހެއްޓެނިވި ހަމަޖެހުމެއް ކަށަވަރުކުރުމަށްޓަކައި، ސުުލްހައިގެ އެއްބަސްވުންތަކަކީ ގާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވަނީ، ސުުލްހައަކީ ބާރުގެ ބޭނުންކޮށްގެން މަޖުބޫރުން ކުރުވޭނެ ކަމެއް ނޫން ކަމަށާއި، ހަރުދަނާ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ ޑިމޮކްރެޓިކް އިތުބާރު ބިނާވަނީ މެދުނުކެނޑި ކުރެވޭ އިޚުލާސްްތެރި މަސައްކަތްތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އަދި ވަރުގަދަ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ އަދި ޖަވާބުދާރީވަނިވި ގާނޫނުހަދާ މަޖިލިސްތަކަކީ ސުުލްހަަވެރިކަމާއި ދެމެހެއްޓެނިވި ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ބޭއްވި ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ސީޕީއޭ އޭޝިއާ ސަރަހައްދުގެ ރިޔާސަތު، 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ.
އެ ކޮންފަރެންސް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.