އުޒްބަކިސްތާނުގެ ހޫމޯ ބަލިކޮށް ހުރައަށް ފުރަތަމަ ބައިނަލްއަޤްވާމީ މޮޅު

އުޒްބަކިސްތާނުގެ ހޫމޯ ވީސީ ބަލިކޮށް ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބުން މުބާރާތުގައި ކުޅުނު ފުރަމަ މެޗާއެކު ފުރަތަމަ ބައިނަލްއަޤްވާމީ މޮޅު ހޯދައިފިއެވެ.

ސޯޝަލް އިންޑޯގައި ކުޅުނު މި މެޗު ހުރާ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގައި ހުރާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

މި މުބާރާތުގައި ވާދަކުރާ ހުރާ ޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު ރާއްޖޭގެ ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ކޯޗު މުހައްމަދު ނަދީމްގެ މޭސްތިރިކަމުގެ ދަށުން ޓީމުން ތިން ސެޓުވެސް ގެންދިޔައީ މޮޅު ކުޅުމަކާއެކު އެވެ.

އެގޮތުން ފުރަތަމަ ސެޓު 26-24 އިން ކާމިޔާބުކުރި އިރު، ދެވަނަ ސެޓު ހުރާ ކާމިޔާބުކުރީ 25-20 އިންނެވެ. އަދި ތިންވަނަ ސެޓުވެސް ހުރާ ކާމިޔާބުކުރީ 25-20 އިންނެވެ.

މެޗުން ބަލިވި ހޫމޯ ވީސީއަކީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކާވާ ކުލަބު މުބާރާތުގެ ރަނަރަޕް ޓީމެވެ. އެ ޓީމު ފައިނަލުން ބަލިވީ މިއަހަރުގެ މުބާރާތުގައިވެސް ވާދަކުރާ ނޭޕާލް ޕޮލިސް ކުލަބު އަތުންނެވެ. މި މުބާރާތުގައި ނޭޕާލް ޕޮލިސް ކުލަބު ހިމެނެނީ ހުރައާއި ހޫމޯގެ އިތުރުން އިރާނުގެ ސެޕަހަން އާއެކު ގްރޫޕް ބީގައެވެ.

ގްރޫޕް އޭގައި ހިމެނެނީ ރާއްޖޭގެ ކުލަބު ވެމްކޯއާއި ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ.

ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ.

މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.

މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ.

ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު