"ދަމުނަމާދުކޮށްފައި، ސޫރަތެއް ހިތުދަސްކޮށްފައި، މީހަކަށް އެހީތެރިވެދީފައި، ނޫނީ ވިޔަފާރިއެއް ފަށާފައިވެސް އެއްވެސް މީހަކާއި ހިއްސާނުކުރާށެވެ. އެސްފީނާއާއި ހަސަދައަކީވެސް އޮންނަ އެއްޗެކެވެ."

***

ހަޔާ އަވި އައިނާއި މާސްކު އަޅައިގެން ބޭރަށް ނުކުތީ މެންދުރަށް ކައްކަން ބޭނުންވާ ސާމާނު ގަނެލުމަށެވެ. ޚިޔާލުތަކެއްގައި ހުރެ ބަލާނުލާ ކުއްލިއަކަށް މަގު ހުރަސްކޮށްލިތަނާ ފަހަތުން އައިސް އޭނަގެ ގައިގާ ޖެހިގަތީ ކޯނޗެއްކަމެއްވެސް ނޭގުނެވެ. ވިއްސައިގެން ދިޔަގޮތަށް މާ ދުރުގައި ޖެހުމާއެކު ހުރިހާތަނެއް ފުސްވެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.

ހަޔާ ލޯ ހުޅުވައިލުމާއެކު ހަށިގަނޑަށް ފިނީގެ އަސަރުކުރިއެވެ. ދުންފިންޏާއި ގަނޑުފެނުގެ އާލަމެއްގެ ތެރޭ އޮޔާއި ބެހެމުންގޮސް ލޯ ހުޅުވައިލެމާއެކު ލޯ ތަރަތަރަޖަހައިގެންދާ ވަރުވިއެވެ. ލޮލަށް އެޅުނީ ހޮސްޕިޓަލުގެ ހުދު އަލިތަކެވެ. އެއާއެކު އަމިއްލަ ހަށިގަނޑާއިމެދު ވިސްނައިލެވުނެވެ. އޭނަގެ ފައި ހާދަ ބަރެވެ. އައްސިވެ ހަރަކާތެއްވެސް ނެތީހެއްޔެވެ؟ ކޮންމެވެސް މައްސަލައެއް އުޅޭކަން ޔަގީންވިއެވެ. ފައިގެ އެތެރެއިން ވިންދުޖަހާ ދަމާހެންވެސް ހީވިއެވެ. ހޫނުވާފަދަ ގޮތަކަށެވެ. އޭނަގެ މެޔަށް ނުބައިގޮތެއްވިއެވެ.

"ހެލޯ.....ވާހަކަ ދައްކާއަޑު އިވޭތަ؟" ޒުވާން ފިރިހެނެއްގެ އަޑު ކަންފަތުގައި ޖެހުނެވެ.

ހަޔާ ކުޑަކޮށް މޫނު އަނބުރައިލިއެވެ. ނޫކުލައިގެ ސްކްރަބްސްގައި ހުރި ޑޮކްޓަރގެ ކަރުގައި ސްޓްތޮސްކޯޕް އަޅާފައިވާއިރު މާސްކަކުން މޫނުގެ އެއްބައިވަނީ ފޮރުވިފައެވެ. ނަމަވެސް ލޮލާއި އަޑުން ޔަގީންކޮށްދިނީ އޭނައާއި ދާދި އެއް އުމުރެއްގެ ޒުވާނެކަމެވެ.

"އަޅުގަނޑަކީ ޑޮކްޓަރ މިނާހް..."އެ ޒުވާނާ ތައާރަފުވެލިއެވެ." މަސައްކަތްކުރަނީ ސާޖިކަލް ޓީމާއެކީ..."

ދެލިކޮޅެއްހާ ކަޅުވެފައި ފުންކަނޑެއްފަދަ ލޮލެކެވެ. ނިމުމެއްނެތް އެސްފިޔަތަކާއި ކަޅުކަން ފަދަ ބުމައެކެވެ. އެލޮލުން ފެނުނީ ސަމާލުކަމާއި ކަންބޮޑުވެފައިވާވަރެވެ.

"ވަޓް...ހެޕެންޑް؟"މާސްކު އަޅައިގެން އޮތުމުން ހަޔާއަށް ވާހަކަދައްކަން އުދަގޫވިއެވެ.

"ވެހިކަލަކުން ޖެހިގެން އިމަޖެންސީއަށް ގެނެވުނީ....ޔޫ އާ ސްޓޭބަލް..."މިނާހު ވާހަކަދެއްކީ ވިސްނައިގެންނެވެ. ކޮންމެ ލަފުޒެއްވެސް ހޮވީ ބަލިމީހާ ބިރުނުގަންނާނެފަދަ ގޮތަކަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ކަޅާއި އަޅިކުލަ ގުޅުނު ސިކުންތުކޮޅެކެވެ.

"އަޅުގަނޑުގެ ބޯ؟" ހަޔާ ވަގުތުން ދުރަށް ބަލަންފެށިއެވެ.

"ސީޓީސްކޭނެއްވެސް ހެދި...ބްރެއިން އިންޖަރީއެއްނެތް..ނޯ އިންޓަނަލް ބްލީޑިން...މިހާރު ހޭ އަރައިފި..އޮރިއެންޓެޑް..އެވަރުން ހިތްހަމަޖެހޭ..."

".ٱلْحَمْدُ لِلَّٰهِ........."ހަޔާ ގެ ހިތް ޝުކުރުން ފުރުނެވެ. އެދުވަހު ހަނދާންނެތިގެން ޒިކުރުވެސް ނުކިޔާ އެހެން ކަންތައްތަކުގައި އަވަދިނެތި އުޅެވުނީއެވެ. ޟުހާ ނަމާދުވެސް ދޫކޮށްލެވުނީއެވެ. އެވަރުންވެސް ﷲ ތައާލާ އޭނަ ރައްކާތެރިކުރައްވައިފިއެވެ. އެއީ ރަހީމްވަންތަ ރަހުމާންވަންތައެވެ

މިނާހް ބަލަން ހުރީ ޑޮކްޓަރެއްގެ ހައިސިއްޔަތަކުން ނޫނެވެ. ޚިޔާލެއްގައިހުރެއެވެ. ހިނދުކޮޅަކަށްފަހު އެ ނަޒަރު ސީރިޔަސްވެ ރަސްމީކުލަ ޖެހުނެވެ.

"ފައިގާ އެބަހުރި ލަސެރޭޝަނެއް. ތަންކޮޅެއް ފުން ބޮޑު ޒަޚަމެއް...ޖެހުނު ބާރުމިނުގައި ހަންގަޑާއި ދަށުގައިވާ ޓިޝޫ ފޫއަޅުވާލާފައި..."

"ވަރަށް ގޯސްތަ؟"

މިނާހް ސިކުންތުކޮޅަކަށް ހިމޭންވިއެވެ." ފުދޭވަރަކަށް...މަސްގަނޑު ފަޅައިގެން ގޮސް ހަލާކުވެފައި އެކަމަކު ކަށިގަނޑަށް އެއްވެސް އަނިޔާއެއްނުވޭ. އެއީ އެންމެ މުހިއްމު ތަންކޮޅަކީ...."

ހަޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ތަދަށްވުރެ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ.

"ޢަޅުގަނޑުގެ ފައި ކަނޑާލާކަށް ނުޖެހޭނެ؟" އޭނަގެ ހިތަށް ފިނިވާގޮތްވިއެވެ.

"ނުޖެހޭނެ..."މިނާހްގެ ޖަވާބު ސާބިތުވެފައި އަވަހެވެ."ވިންދު ރަގަޅު، ލޭ ދައުރުކުރުމުގެ މައްސަލައެއްނެތް، އެހެންވީމަ ފުދޭވަރަކަށް ރަގަޅަށް ދިޔައީ.."

އޭނަ ފައި ހަލުވައިލަން އުޅެފައި ލޯބޮޑުކޮށްލިއެވެ.

"އެހެންނަހަދާ.."މިނާހު މަނާކުރިއެވެ."ތަދުކަނޑުވާ ބޭސްދީފައި އޮތީ..."

"މިހާރު ދެން ކޮން ޕްލޭނެއް އޮތީ؟"

"ތިއޭޓަރަށް ގެންގޮސް ޒަޚަމް ރަގަޅަށް ސާފުކޮށް، ޑެބްރިސް ރިމޫވްކޮށް، ހަލާކުވި ޓިޝޫތައް ނަގާފައި ދެން ކްލޯޒްކޮށްލަން ޖެހޭނީ..ސަބަބަކީ އެހާ ފުންކޮށް ހުރީމަ މަތިމައްޗަށް ފަހާލަންވެސް ޖެހޭތީ.."

"ސޫޗާސް؟"އޭނައަށް މަޑުމަޑުން ބުނެވުނެވެ.

"އާނ..އެތެރެ އަދި ބޭރުންވެސް ފަހާލަން ޖެހޭ..މާބޮޑަށް ޓިޝޫ ލޮސް ވެއްޖެއްޔާ ސީނިއާ ސާޖަން ކުޑަ ގްރާފްޓެއްވެސް ހަދާލަން ނިންމަވާނެ. އެކަމަކު އެ ދެން ސާޖަރީތެރެއިން ޑިސައިޑްކުރާނީ.."

އޭނަ ހިންދިރުވައިލިއެވެ.

"އައްސިކޮށްފަތަ؟"

"ޖެނެރަލް އެނެސްތީޝީއާ. ހޭނައްތާފައި އޮތީމަ އެއްވެސް ކަމެއް ފީލްނުވާނެއްނު..." މިނާހްގެ ލޯ ހަޔާގެ މޫނަށް ހުއްޓުނެވެ. ތެމިފައިވާ ލޮލެކެވެ. ނަމަވެސް މި އަންހެންކުއްޖާގެ ލޮލުން ފެނުނީ ހިތްވަރުގަދަކަމާއި ސާބިތުކަމެވެ. މިކުއްޖާގެ އާއިލާކޮބާހެއްޔެވެ؟ އަދިވެސް އެއްވެސް މީހަކަށް ނުގުޅެނީހެއްޔެވެ؟

"ލަކުނެއް ހުންނާނެތަ؟"

އެ ސުވާލަށް ޖަވާބުދޭން މިނާހް ކުޑަކޮށް ފަސްޖެހުނެވެ.

"ޔެސް.."އޭނަ ޚިޔާރުކުރީ ތެދެވެ."ލަކުނެއް ހުންނާނެހެން ވަރަށްބޮޑަށް ހީވޭ....އެކަމަކު ލަކުނުގެ މާނައަކީ ޝިފާ ލިބުން ދޯ.."

ހަޔާ ވިސްނުމެއްގެ ތެރޭ އިރުކޮޅެއްވާންދެން އޮތްއިރު މިނާހުގެ ނަޒަރު ހުރީ ފައިލަށެވެ.

"ބޮލަށްވެސް އަނިޔާއެއް ހަމަ ލިބުނީސް..ނޫނީ މައިބަދައަށް..އެކަމަކު އެހެނެއްނޫން ވީ..ފުރާނައަށް އެހާ ގެއްލުމެއްވާވަރުގެ ހާދިސާއެއް ނުހިނގާ ސަލާމަތްވީ..."

"އާނ...ވަރަށް ނަސީބު ރަގަޅު.."

ހަޔާގެ ލޮލުން ކަރުނައިގެ މުތީއެއް ފައިބައިގެން ދިޔައެވެ."ކޮންމެ މުސީބާތެއް ނޫނީ ހިތްދަތިކަމެއް އަދި ފުރާނައެއް ގެއްލިގެން ދިޔަސް ﷲގެ ގަދަރުފުޅަށް ރުހެން ސިކުނޑިއަށް ވިސްނާދެން. ހުރިހާކަމެއްވަނީ ލިޔުއްވާފައި...އެކްސެޕްޓްކުރަން ޖެހޭނީ....ﷲތައާލާގެ ނިޔާފުޅަށް ރުހެންވާނީ.....މފަހަރު އެކްސިޑެންޓްގައި މިވަރުވިކަމީވެސް ރައްކާތެރިކަމެއް..ބައެއްފަހަރު އެއަށްވުރެ ބޮޑުކަމަކުން ﷲ ތައާލާ ރައްކާތެރިކޮށްދެއްވާ..ٱلْحَمْدُ لِلَّٰهِ ހުރިހާކަމަކަށް........ކުޑަ އަނިޔާއެއް ލިބުނީ...އެއަށްވުރެ ބޮޑުވަރުނުވެ....."

މިފަހަރު މިނާހްގެ ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. ގަދަރެވެ. އެ ވިސްނުމަށް އޭނަވެސް އެއްބަސްވިފަދައެވެ.

"އަޅުގަނޑަށްވެސް ބޮޑެތި އެކްސިޑެންޓް ކޭސްތައް ފެނިފައިވޭ..ބައެއްފަހަރު ސަލާމަވްވުމަކީ ވަގުތުން ވަގުތަށް ދެނެނުގަނެވުނަސް ހަދިޔާއެއް..އަލުން ދިރިއުޅުމަށް ލިބޭ ފުރުސަތެއް.ދިރިހުންނަން ލިބުމުގެ އަގު ވަޒަންކުރަން އެންމެނަށް ނޭގޭނެ........." މިނާހު ބުނެލިއެވެ.

"ދީނީ ކުއްޖެއް...ލޯ ރީތި...ވިސްނުން ތަފާތު...ޕޮޒިޓިވް......"އޭނަގެ ހިތަށް އެރި ލަފުޒުތަކުން އަމިއްލަ ނަފުސަށް ނުރުހުންވިއެވެ. އޭނަ ބަލިމީހުންގެ ގާތަށް އަންނަނީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ. އެހެން ނަޒަރަކުން ދުށުން ކުށްވެެރިކުރެވުނެވެ.

"ބިރުންތަ؟"

"ލައްބަ...."ހަޔާ އެއްބަސްވިއެވެ.

"ތީ ހަމަ ނޯމަލް ކަމެއް..އެކަމަކު ސްޓޭބަލް....ވައިޓަލްސް ހަމަ ރަގަޅު....ޒަޚަމް ކިތަންމެ ސީރިޔަސްވިޔަސް ހަމަ ސާޖަނުންނަށް މެނޭޖްކުރެވޭވަރު....ރަގަޅު ޓައިމްއަށް އާދެވުނީ...."

"ޑޮކްޓަރވެސް ހުންނާނަން؟"ހަޔާއަށް އަހައިލެވުނެވެ. މިޑޮކްޓަރަށް އިތުބާރުކުރެވުނީ ކީއްވެކަމެއްވެސް ނޭގުނެވެ. ފުރަތަމަ ނަޒަރަށްފަހު ދުރަށް ބަލަން އޮތަސް އޭނަގެ ސިކުނޑީގައި މިނާހުގެ މޫނުގެ ފޮޓޯ ކުރެހިއްޖެއެވެ. ދުވަހަކު ހަނދާން ނައްތައިނުލެވޭވަރަށެވެ. ނުބެލިޔަސް އެމޫނަށް ބަލަންއޮވެ ވާހަކަދެއްކޭފަދައެވެ.

މާސްކު އަޅައިގެން ހުއްޓަސް މިނާހުގެ ހިނިތުންވުން އެލޮލުން ފެނުނެވެ. ހަޔާއަށް ދެވަނަފަހަރަށް ބަލައިލެވުނީވެސް އެސިކުންތުކޮޅުގައެވެ. ބަލަހައްޓައިގެން ހުންނަން އުދަގޫވާހާ ތޫނު ލޮލެކެވެ. ނަމަވެސް މިހާ އޯގާތެރި ތޫނު ފުން ދެލޮލުން ހަޔާތުގައިވެސް ދެކެފައެއްނުވެއެވެ.

"ލައްބަ..އަޅުގަނޑުވެސް ތިއޭޓަރުގައި އެސިސްޓްކުރާނަން.."

އެލަފުޒުތަކުން އުއްމީދުކުރި ވަރަށްވުރެ ބޮޑަށް ހަޔާގެ ސިކުނޑިއަށް އަރާމުވިއެވެ.

"ނޯ ވޮރީސް...ވީ އާ ގޮއިން ޓު ޓޭކް ކެއާ އޮފް ޔޫ....ގޯލްއަކަށްވާނީ އިންފެކްޝަން ހެދިޔަނުދިނުން. ޓިޝޫތައް އިއާދަކުރުން، އަދި ފާރުގަނޑު ރަގަޅަށް ހިކެން އެހީތެރިވުން. އެންޓިބައޮޓިކްސް ދިނުމާއި ޑްރެސިން ޗޭންޖްކުރުން އަދި ފިޒިއޯތެރަޕީވެސް ފަހުން ފަށާނެ...."

"އޯކޭ...."ހަޔާ މަޑުމަޑުން ބުނެލިއެވެ.

އެވަގުތު ނަރސްކުދިންތައް އެތަނަށް އައުމުން ހަޔާއަށް ބަލައިލެވުނީ މިނާހްއަށެވެ.

"ތެންކިއު ޑޮކްޓަރ..."

މިނާހް ހިނިތުންވެލާފައި ހިތްވަރުދިނުމުގެ ގޮތުން ބުނެލި ލަފުޒުވެސް އޭނަގެ ސިކުނޑީގައި ރައްކާކުރެވުނެވެ.

ހަޔާ އޭނަގެ ދޮންތައަށް ގުޅަން ކުރި މަސައްކަތް ވީ ނާމާކިޔާބެވެ. މިގަޑީގައި އޮންނާނީ ނިދާފައިކަން ނޭގެއެވެ. އޭނަ މަންމައަށް ގުޅީ ގޮތްހުސްުވުމުންނެވެ. އޭނަ ގުޅައިފިއްޔާ މަންމަ އަންނާނެކަމީ ޝައްކެއްހުރިކަމެއް ނޫނެވެ. މިފަދަ ހާލެއްގައި ޔަގީނުންވެސް އެހީތެރިއަކު ގާތުގައި އިންނަންވާނެއެވެ. މަންމަ ނޫނީ އޭނަގެ ހުރީ ވަކި ކާކުހެއްޔެވެ؟ ހަޔާ އުއްމީދާއެކު މަންމައަށް ގުޅާފައި ވެގެން އުޅޭގޮތް ތަފްސީލުކޮށް ކިޔާދިނެވެ. މަންމަވެސް އޭނަފަދައިން ހިތްވަރުގަދަ އަންހެނަކަށްވިޔަސް އަޑުން ދޭހަވީ އެހާދިސާއިން އަސަރުކުރިކަމެވެ.

"މަންމަ އަންނާނަން ދޯ...ތިއޭޓަރަށް ވައްދަން އުޅެނީ.ދޮންތައަށްވެސް ނުގުޅުނު...ސޮއިކޮށްލަންވެސް ޖެހޭ..."

"ސޮރީ ހަޔާ...ވަރަށް ބޮޑަށް ބޮލުގައި ރިއްސައިގެން...މައިގްރެއިން ވީމަ ވާނެ ވަރު ހަޔާއަކަށްވެސް ނޭގޭނެ. ނުތެދުވެ މިއޮތީ..ދޮންތައަށް އަދި ގުޅާ..."

"އޯ.....މަންމަ ބޭސްކައިގެން ނިދާލާ..ރޯގާގެ ކަމެއް ނެތް ދޯ...."

"އެކަހަލަ ކަމެއްނޫން، އަލްހަމްދުލިﷲ..ހަޔާ ދެން ބާއްވަނީ އިނގޭ.. ﷲ ރައްކާތެރިކުރައްވާށި........ބާއި....."

ހަޔާއަށް އިރުކޮލެއްވާންދެން އަތުގައިވާ ފޯނަށް ބަލަން އިނދެވުނެވެ. މަންމަވެސް ބަލިވީއެވެ. ހާދަ ދެރައެވެ.

އޭނަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ފޯމުގައި ސޮއިކުރާނެ ބެލެނިވެރިޔަކު ނެތްތާ ހާލު ބަލައިލާނެ މީހަކުވެސް ނެތެވެ. އެންމެ ރަގަޅެވެ. އެއްވެސް މީހަކު ނެތަސް އެކަނިވެރިވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟

"ސިސްޓަރ...އަޅުގަނޑަށް ވުޟޫކޮށްލަން ކުޑަ ހެލްޕެއް ވެދީފާނަންތަ؟އަދި ނަމާދުނުކޮށް މިއޮތީ......"ހަޔާ އެދުނެވެ.

***

އަޔާޝް ދޮރު ލެއްޕި އަޑުއިވުމުންވެސް ޔަލްވީގެ މެޔަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. ފިރިމީހާދެކެ ލޯބިވުމުގެ ބަދަލުގައި ހިތުގައި ބިރުވެރިކަން ހިނގުމަކީ ހަމަ "ނޯމަލް"ކަމެއް ހެއްޔެވެ؟ އަޔާޝްދެކެ އޭނަ ބިރުގަންނަން ފެށީހެއްޔެވެ؟ އޭނަ އަޔާޝްގެ ގާތުގައި ދޮންމަންމަގެ ވާހަކަދެއްކީ ރުހުން ލިބޭނެކަމުގެ އުއްމީދުގައެވެ. ކާއެއްޗެއްސަށް ޒަހަރު އަޅާފާނެކަމުގެ ވާހަކަދެއްކުމުން އަޔާޝް އޭނައަށް އެންގީ ކެއްކުމަށެވެ. އޭނައަށް އެކަން ކުރެވޭނީ ކިހިނެއްހެއްޔެވެ؟ މުއްސަދި ފިރިހެނެކެވެ. ޚާދިމާއެއް ގެނައިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެވަގުތު ހަޔާގެ ފޯނެއް އައެވެ.

"ޔަލްވީ..އަހަރެން މިއޮތީ ހޮސްޕިޓަލުގައި...."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު