ސަރުކާރުން 10 ރިސޯޓު ހަދައި، ދިވެހީންނަށް އާމްދަނީގެ ބޮޑު ބައި ބަހަނީ، އަންދާޒާއަކީ އަހަރަކަށް މީހަކަށް 400 ޑޮލަރު

ރާއްޖޭގެ ރިސޯޓެއް: --- ފޮޓޯ/ ޓްރިޕް އެޑްވައިޒާ

ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް, ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކެބިނެޓުން ނިންމައިފައިވަނީ ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް، މަދުވެގެން 10 ރިސޯޓު ހަދައި، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާ ޖަމާ ކޮށްދިނުން ކަމަށެވެ.

"މި ހުރިހާ ރިސޯޓެއްގެ ހިއްސާދާރަަކަށް ކޮންމެ ރައްޔިތެއް ހަމަހަމަކަމާއެކު ހަދާނަން," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިސާ ދިވެހި އައިޑީ ކާޑު އޮތް ކޮންމެ ދިވެއްސަކަށް ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި އަންދާޒާ ކުރެވެނީ މި އިންވެސްޓްމެންޓުން ލިބޭ ފައިދާ 2030އިން ފެށިގެން ޖަމާ ކުރެވޭނެ ކަމަށެވެ.

"ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރު 400 ޑޮލަރު ލިބި، ފަސް މެންބަރުންގެ އާއިލާއަކަށް އަހަރަކު އިރާދަކުރެއްވިއްޔާ 2000 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ," ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ, ފަތުރުވެރިކަމުގެ ވިޔަފާރިއަށް މީގެ ކުރިން ވެސް އެކި ދިވެހި ސަރުކާރުތަކުން ވަނުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަމިއްލަ މީހުން އެ ވިޔަފާރީގައި އިންވެސްޓް ކޮށްގެން ބޮޑު ފައިދާއެއް ހޯދި ނަމަވެސް ސަރުކާރުތަކުން މިހާތަނަށް ކުރި އިންވެސްޓްމަންޓްތައް މާ ކާމިޔާބު ވެފައެއް ނުވެއެވެ.

އޭގެ އެއް ހެއްހަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް އުފެއްދެވި, މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ. އާއްމުންނަށް ހިއްސާ ވިއްކައިގެން ހިންގަން ފެއްޓެވި އެ ކުންފުނިން މިހާތަނަށް މާ ބޮޑު އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

comment ކޮމެންޓް