ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ "ގްރޭންޑް މޮސްކް" ހުޅުމާލޭގައި ބިނާކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި މަޝްރޫޢުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރުގައި ކަމަށެވެ. އެއީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ "ގްރޭންޑް މޮސްކް"ގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭގެ ފޭސް ދެއަކާއި ފޭސް ތިނަކާ ދެމެދު ބިނާކުރާ މި މިސްކިތަކީ ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ވަރުގެ ބޮޑު މިސްކިތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތުގެ ކޮންސެޕްޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަފްސީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންކަމަށް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ "ގްރޭންޑް މޮސްކް"ގެ އަޅާ ސަރަހައްދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މަޝްރޫޢުގެ ދަށުން ބިނާކުރާ ކޮމްޕްލެކްސްގައި ހިމެނޭނެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ:
- ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގް
- ޕާކިންގް ސަރަޙައްދެއް
- ޤުރުއާން މިއުޒިއަމެއް
މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ޑިޒައިނިންއާއި އަމަލީ މަސައްކަތް ހިމެނޭހެން މުޅި މަޝްރޫޢަށް ބޭނުންވާ ފަންޑު ވަނީ ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުން ހަމަޖައްސައިދީފައެވެ.
އަދި މިސްކިތުގެ ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ "ގްރޭންޑް މޮސްކް"ގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މި މަޝްރޫޢަށް ފަންޑުކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެޅި އިސްލާމީ މަރުކަޒެވެ. އެ ތަނަށް 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އޭގެ ފަހުން ރާއްޖޭގައި އެޅި އެންމެ ބޮޑު ޒަމާނީ ފެންވަރުގެ މިސްކިތް އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއީ ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް ޢަޒީޒްގެ ޚާއްސަ އެހީތެރިކަމާއެކު އެޅި، ސަލްމާން މިސްކިތެވެ.