ތްރެޑްސްގެ ފީޑް ކޮންޓްރޯލް ކުރަން އާ އޭއައި ފީޗާއެއް ތައާރަފުކޮށްފި

މި އާ ފީޗާގެ ސަބަބުން ބޭނުންވާ މައުލޫމާތު ވަގުތުން ހޯދުމަށް ފަސޭހަވެގެންދާނެ ---

މެޓާގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ތްރެޑްސް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ފީޑުން ފެންނަ ކޮންޓެންޓް އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެ އާ އޭއައި ފީޗާއެއް "ޑިއާ އަލްގޯ"ގެ ނަމުގައި ތައާރަފްކޮށްފިއެވެ.

މި ފީޗާގެ އެހީގައި ފީޑުން ވަގުތީ ގޮތުން ފެންނަން ބޭނުންވާ ނުވަތަ ފެންނަން ބޭނުންނުވާ މައުޟޫއުތައް އެޕްގެ އެލްގޮރިދަމްއަށް ބުނެދިނުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މި ފީޗާ ބޭނުންކުރުމަށްޓަކައި ތްރެޑްސްގައި ޕަބްލިކް ޕޯސްޓެއް ކުރަން ޖެހޭއިރު، އެ ޕޯސްޓް ފަށަންވާނީ "ޑިއާ އަލްގޯ" މި ލަފުޒުންނެވެ. އޭގެ ފަހަތަށް ފީޑުން ފެންނަން ބޭނުންވާ ކަމެއް ނުވަތަ ނުފެންނަން ބޭނުންވާ ކަމެއް ލިޔެ ޕޯސްޓް ކުރުމުން، ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތަށް އެމީހެއްގެ ފީޑަށް އެ ބަދަލު އަންނާނެ ކަމަށް މެޓާއިން ބުނެއެވެ.

މި ފީޗާ މަސައްކަތް ކުރަނީ ޕަބްލިކް ޕޯސްޓްތަކެއްގެ ގޮތުގައި ކަމަށްވާތީ، މީހަކު ކުރާ ރިކުއެސްޓްތައް އެހެން މީހުންނަށް ފެންނާނެއެވެ. އަދި އެހެން މީހުން ކުރާ މިފަދަ ރިކުއެސްޓްތައް ރީޕޯސްޓް ކޮށްގެން، އެހެން މީހުންގެ ފީޑަށް ވެސް އެ ބަދަލު ގެނައުމުގެ ފުރުސަތު އޮންނާނެއެވެ. މެޓާއިން ދެކޭ ގޮތުގައި މިއީ އާ މައުޟޫއުތައް ހޯދުމަށް ބޭނުންކުރެވޭނެ އިޖުތިމާއީ ތަޖުރިބާއެކެވެ.

މި އާ ފީޗާގެ ސަބަބުން ތްރެޑްސް ބޭނުންކުރާ ފަރާތްތަކަށް އެމީހުން ބޭނުންވާ މައުލޫމާތު ވަގުތުން ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

މީގެ ކުރިން ތްރެޑްސް އާއި އެކްސް ފަދަ ޕްލެޓްފޯމްތަކުގައި 'ނޮޓް އިންޓްރެސްޓެޑް' ބަޓަން ބޭނުންކުރި ނަމަވެސް، "ޑިއާ އަލްގޯ" ފީޗާއާއެކު ޕާސަނަލައިޒޭޝަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"ޑިއާ އަލްގޯ" ފީޗާ މިހާރު ތައާރަފްކޮށްފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑްގައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ގައުމުތަކަށް މި ފީޗާ ފުޅާކުރުމަށް ވަނީ ރޭވިފައެވެ.

މި ފީޗާ ތައާރަފްކުރި ދަނޑިވަޅަކީ މޮބައިލް އެޕް ބޭނުންކުރާ މީހުންގެ އަދަދަށް ބަލާއިރު ތްރެޑްސް އިން އެކްސް އަށް ވުރެ ކުރި ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާ ވަގުތެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ތްރެޑްސްގެ މޮބައިލް އެޕްގައި 141.5 މިލިއަން ޔޫޒަރުން ހަރަކާތްތެރިވިއިރު، އެކްސްގައި ތިބީ 125 މިލިއަން ޔޫޒަރުންނެވެ.

comment ކޮމެންޓް