ރާއްޖޭގެ ސިމްޑީ ގުރޫޕް އަދި، ޔޫއޭއީގެ އެރަބިސްކް ކުންފުނިން އުފެއްދި "ބިއޯންޑް" އެއާލައިނުން ހަ ޓިކެޓް ނެގި، އިޓަލީ މީހަކަށް ރީފަންޑް ނުދީގެ އެ އެއާލައިނުން 16،000 ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމެއްކޮށްފިއެވެ.
ބިއޯންޑްއަކީ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިންއެވެ. ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި ބިއޯންޑްއަކީ ހަމައެކަނި ބިޒްނަސް ކްލާހުގެ ސީޓުތައް ހިމެނޭ އެއާލައިނެކެވެ.
މި އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ ލަގްޒަރީ ތަޖުރިބާ ކަށަވަރު ކުރުމަށް ފްލައިޓުގެ ސީޓުތަކުން ފެށިގެން، ދަތުރުމަތީގައި މުނިފޫހިފިލުވުމަށް ބޭނުންވާނެ ވަސީލަތްތައް ހިޔާރު ކުރުމުގައި ވެސް ޚާއްސަ އިސްކަމެއް ދޭއިރު، މައްސަލަ ދިމާވެގެން އުޅޭ ކޭސްއަކީ އެއާ ލައިނުން އިޓަލީ މީހަކު ނެގި ހަ ޓިކެޓް ކެންސަލް ކުރުމަށް ފަހު ރިފަންޑް ނުލިބުން މައްސަލައެވެ.
ރިފަންޑް ނުދީގެން އިޓަލީ މީހާގެ ފަރާތުން ދައުވާ ކުރި މައްސަލައިގައި ބުނެފައިވަނީ ރިފަންޑް ޕޮލިސީއާ އެއްގޮތަށް ރިފަންޑަށް އެދުމުންވެސް ދީފައި ނުވާ ކަމަށެވެ. އެގޮތުން 17782 ޑޮލަރަށް ގަތް ހަ ޓިކެޓްގެ ރިފަންޑްގެ ގޮތުގައި އިޓަލީ މީހާގެ ފަރާތުން އެދިފައިވަނީ 14000 ޑޮލަރު އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 2160 ޑޮލަރު ހޯދާށެވެ.
މި މައްސަލައިގެ ޝަރިއަތަށް ބިއޯންޑް އެއާލައިންގެ ފަރާތުން ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ސިވިލް ކޯޓުން މި ހަފްތާގައި މައްސަލަ ނިންމާފައިވަނީ އެ އެއާލައިންގެ ޤައިރު ހާޒިރުގައެވެ.
ސިވިލް ކޯޓުގެ ގާޒީ، ފައްޔާޒް ޝާތިރު ކުރެއްވި ހުކުމުގައިވަނީ ހަތް ދުވަހުގެ ތެރޭގައި 16000 ޑޮލަރު އިޓަލީ މީހާއަށް ދޭން އަމުރު ކޮށްފައިވެއެވެ.