ސަރުކާރުގެ ކަރަންޓް ކުންފުނި, ސްޓެލްކޯ އޮފީހުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު އެތަނަށް ވަނީ މުރަގަފަތް ބިންނަން ވެގެން ކަމަށް ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ, ސ. ހުޅުދުއަށް ނިސްބަތްވާ 45 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ކުށެއް ކުރަން އުޅުމާއި ވައްކަން ކުރި ކަމަށެވެ.
ބަންދު އަމުރުން އެނގޭގޮތުގައި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ސްޓެލްކޯއިން ވައްކަން ކުރަން އުޅުނު ކަމަށެވެ. ނަމަވެސް އޭނާ ވަގަށް ނެގި ތަކެތީގެ ތަފްސީލެއް ނުދެއެވެ.
ނަމަވެސް ތުހުމަތު ކުރެވޭ މީހާ ކޯޓުގައި ބުނެފައިވަނީ ހުއްދަ ނެތި އޭނާ ސްޓެލްކޯއަށް ވަދެފައިވާނެ ކަމަށާއި އެތަނަށް ވަނީ މުރަނގަފަތް ބިންނަން ކަމަށެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ ބަންދުގެ ރެކޯޑް އޮންނަ މީހެކެވެ.
އޭނާ އިއްޔެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރު ކޮށްފައެވެ.