އަންނަ ބުދަ ދުވަހު ރޯދަ މަސް ފެށޭއިރު, ދިވެހީންގެ ތެރޭގައި މަގުބޫލު ތ. ކަނޑޫދޫ މިރުހުގެ އަގު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެއްޖެއެވެ.
ގިނަ ރޯދަމަސްތަކުގައި ކަނޑޫދޫ މިރުހަށް ޑިމާންޑް ބޮޑުވެ, އަގު ބޮޑުވުމަކީ އާއްމު ކަމެކެވެ.
މިއަދު މާލޭ ބާޒާރުގެ އަގުތަކަށް ބަލާއިރު ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 430 ރުފިޔާ އާއި 480 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
މީގެ ދެތިން ދުވަސް ކުރިއަށް ބަލާއިރު އެ އަގު ހުރީ 280 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުއެވެ. އަދި މީގެ މަސް ދުވަހެއް ކުރިން ހުރީ 120 ރުފިޔާއަށެވެ.

މީހަކު މިރުސް ގަންނަނީ: ކަނޑޫދޫ މިރުހުގެ އަގު ވަނީ ވަރަށް ބޮޑުވެފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
މާލޭ ބާޒާރަށް ކަނޑޫދޫ މިރުސް އެންމެ ގިނައިން ގެންނަ އެއް ވިޔަފާރިވެރިޔާ, "ސަން" އަށް ބުނީ އިއްޔެއިން ފެށިގެން މިރުހަށް ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށާއި އެހެން ވެފައި އެ ވަނީ ރޯދަޔާ ދިމާކޮށް އަތޮޅުތެރެއަށް ބޯޓް ފަހަރު ފުރާތީ ގިނަ ބަޔަކު މިރުސް ގަތުމުން ކަމަށެވެ.
ރޯދަ މަސް ފެށުމާއެކު މި ޑިމާންޑް ދަށްވެ, މިހާރު ހުރި އަގަށް ވުރެން ކަނޑޫދޫ މިރުހުގެ އަގު ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
"ބާޒާރުގައި ކަނޑޫދޫ މިރުސް ވަރަށް މަދުވެސްމެ. އެއީ ހޫނު ގަދަ ދުވަސްވަރަކަށް ވީމައި އެވަރަށް މިރުސް ނުހެއްދެނީ," އޭނާ ބުންޏެވެ.
"އެކަމަކު ރޯދަ މަހުވެސް މިރުސް ލިބޭނެ."
ވަރަށް މީރު ކުޅި ރަހައެއް ހުންނަ ކަނޑޫދޫ މިރުހަކީ ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ޚާއްސަކޮށް ރޯދަ މަހު އެ މިރުހަށް އޮންނަ ޑިމާންޑް ވޮޑުވެއެވެ.