އޭއައި ފީޗާތައް ނުނިމޭތީ އެޕަލްގެ ސްމާޓް ހޯމް ޑިސްޕްލޭ ނެރުން ފަސްކޮށްފި

މިޑިވައިސް ފުރަތަމަ ނެރެން އޮތީ 2025 ވަނައަހަރު ---

އެޕަލް ކުންފުނިން ތައްޔާރުކުރަމުންދާ ސްމާޓް ހޯމް ޑިސްޕްލޭ ނެރުން، އޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ނުނިމޭތީ ފަސްކޮށްފިއެވެ. މައިގަނޑު ގޮތެއްގައި މި ލަސްވުންތައް ދިމާވަނީ ސިރީގެ އާ ފެންވަރުގެ މަސައްކަތްތައް ފުރިހަމަނުވެ ހުރުމުންނެވެ. މި ޑިވައިސް މިހާރު ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ހަތް އިންޗީގެ ސްކްރީނަކާއެކު އުފައްދާ މި ޑިވައިސްއަކީ ޒާތީ މައުލޫމާތުތައް ދެނެގަނެ، އެ މީހަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތެކެވެ. މިއީ އެޕަލްގެ ސްމާޓް ހޯމް އާލާތްތަކުގެ ތެރެއިން ފުރަތަމަ އުފެއްދުން ކަމަށްވާއިރު، ކުރިއަށް އޮތްތަނުގައި ރޮބޮޓިކް އަތް ހިމެނޭ ޑިވައިސްތަކާއި އޭއައި އައިނު ފަދަ އުފެއްދުންތައް ވެސް އެ ކުންފުނިން ތައާރަފުކުރާނެއެވެ.

  • އޭއައި ފީޗާތައް ނުނިމޭތީ ސްމާޓް ހޯމް ޑިސްޕްލޭ ނެރުން ފަސްކުރުން.
  • ސިރީގެ އާ ފެންވަރުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އިސްކަންދިނުން.
  • އާ ތާރީހަކަށް ސެޕްޓެމްބަރު މަސް ކަނޑައެޅުން.
  • ފޭޝަލް ރިކޮގްނިޝަންގެ އެހީގައި ޒާތީ މައުލޫމާތު ދެނެގަނެވޭނެ އިންތިޒާމު ހަމަޖެއްސުން.

އެޕަލް ކުންފުނިން އުފައްދަމުންދާ ސްމާޓް ހޯމް ޑިސްޕްލޭ ނެރުން، އޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކުގެ މަސައްކަތް ނުނިމޭތީ އަނެއްކާވެސް ފަސްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އާލާތް ނެރުން ފަސްކުރަން ޖެހުނީ އެ އާލާތުގެ މައިގަނޑު ބާރަކަށްވާ "ސިރީ" ޑިޖިޓަލް އެސިސްޓެންޓްގެ އާ ފެންވަރުގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ ކަމަށް ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން ވަނީ ހާމަކޮށްފައެވެ.

ކުރިން 2025 ވަނަ އަހަރުގެ ކުރީކޮޅު ނެރުމަށް އަމާޒު ހިފި މި ޑިވައިސް، ސިރީގެ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި މިހާރު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި ސްމާޓް ހޯމް ޑިސްޕްލޭ ފަރުމާކޮށްފައިވަނީ ހަތް އިންޗީގެ އައިޕެޑެއް ފަދަ ސްކްރީނެއް، ހާފް-ޑޯމް ބައްޓަމުގެ ސްޕީކަރެއްގެ މަތީގައި ހަރުކޮށްފައިވާ ގޮތަށެވެ.

އެލްމިނިއަމް ބޮޑީއަކާއެކު އުފައްދާ މި އާލާތަކީ ފާރުގައިވެސް ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ޔޫއެސްބީ ޓައިޕް-ސީ ޕޯޓަކުން ޗާޖުކުރެވޭނެ ޑިވައިސްއެކެވެ.

މި ޑިވައިސްގެ ޔޫޒާ އިންޓަފޭސް އެޕަލް ވޮޗްގެ ހޯމް ސްކްރީނާ އެއްގޮތަށް ބޮޅު އައިކަންތަކެއްގެ ގޮތުގައި ފެންނަން ހުންނައިރު، މީގައި ހިމެނޭ ފޭޝަލް ރިކޮގްނިޝަންގެ އެހީގައި ބޭނުންކުރާ މީހާ ދެނެގަނެ، އެ މީހެއްގެ ޒާތީ ކަލަންޑަރާއި، ނޯޓްސް އަދި މިއުޒިކް ފަދަ މައުލޫމާތުތައް ސްކްރީނުން ދައްކައިދޭނެއެވެ.

އެޕަލްއިން މިހާރު މަސައްކަތް ކުރަމުންދަނީ ސިރީއަކީ ބޭނުންކުރާ މީހާގެ މައުލޫމާތުތައް ރަނގަޅަށް ދެނެގަނެ، މި ޒަމާނުގެ ޗެޓްބޮޓެއްގެ ގޮތުގައި މައުލޫމާތު ފޯރުކޮށްދޭ ފެންވަރުގެ ވަސީލަތަކަށް ހެދުމަށެވެ.

މި އާ ސިރީ ފީޗާތައް ފުރަތަމަ ފެނިގެންދާނީ މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރޭ އައިފޯން 18 ޕްރޯއާ އެކުގައެވެ.

މި ސްމާޓް ހޯމް ޑިސްޕްލޭއަކީ އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ ސްމާޓް ހޯމް އާލާތްތަކުގެ ތެރެއިން ފުރަތަމަ އުފެއްދުމެވެ.

މީގެ އިތުރުން، ރޮބޮޓިކް އަތެއް ހަރުކޮށްފައިވާ ނުވަ އިންޗީގެ ބޮޑު ސްމާޓް ޑިސްޕްލޭއަކާއި، އޭއައި ސިސްޓަމް ހިމެނޭ ސްމާޓް އައިނާއި، ކެމެރާ ހަރުކޮށްފައިވާ އެއާޕޮޑްސް ފަދަ އާ އުފެއްދުންތަކެއްގެ މަސައްކަތް ވެސް އެޕަލްއިން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް