މިއަދު އިއްޔެއަށް ވުރެ ވައި ނުސާފު

މީހުންތަކެއް މާސްކު އަޅައިގެން: މިއަދު އިއްޔެ އަށް ވުރެ ވައި ނުސާފު ކަމަށް މެޓުން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގެ ވައިގެ ސާފުމިން ދަށްވެ، މިއަދަކީ މި ހާލަތުގެ އެންމެ އިންތިހާ ދުވަހެވެ. މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ކޮލިޓީ ވަނީ ނުރައްކާތެރި މިންވަރަކަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާއިރު، ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް، ލަފާކުރެވޭ ގޮތުގައި މާދަމާއިން ފެށިގެން ވައިގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނާނެއެވެ.

  • މިއަދަކީ ވައި ނުސާފުވުމުގެ އެންމެ ޕީކް ދުވަސްކަމަށް މެޓް އޮފީހުން ކަނޑައަޅައިފި.
  • މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ 150އިން މަތީގައި ހުރުމުން ނުރައްކާތެރިކަން އިތުރު.
  • އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި ވައިގެ ސާފުމިން ދަށްވެ ދުރު ފެންނަ މިންވަރު ކުޑަވެފައި.
  • މާދަމާއިން ފެށިގެން ވައިގެ ހާލަތު މަޑުމަޑުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.
  • ނާޒުކު ހާލަތުގައި ތިބި މީހުން މާސްކު އެޅުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރާ.

ޕީކް ދުވަހަކަށް ވާތީ އިއްޔެއަށް ވުރެ މިއަދު ވައި ނުސާފު ކަމަށާއި މާދަމާއިން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

އައިކިއުއެއާއިން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގައި މިއަދު ވައިގެ ސާފު މިން ހުރީ 150އިން މަތީގައެވެ. އެއީ، އިއްޔެއަށް ވުރެ ނުރައްކާ މިންވަރެއް ކަމަށްވާއިރު، ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ވައި ނުސާފެވެ.

އެގޮތުން، އުތުރުން ކުޅުދުއްފުށި ސިޓީގައި ވައިގެ ކޮލިޓީ ހުރީ، 153ގައި ރަތް ސަމާލުގައި ކަމަށްވާއިރު، ދ. ކުޑަހުވަދޫގައި ވައިގެ ކޮލިޓީ ހުރީ ނުރައްކަލުގެ އޮރެންޖު ސަމާލުގައެވެ.

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި: މިއަދު އިއްޔެއަށް ވުރެ ވައި ވަނީ ނުސާފުވެފައި -- ސަން ފޮޓޯ: ފާތިމަތު ޝައުނާ

އޭގެއިތުރަށް، ލ. ގަމުގައި ވައިގެ ސާފުމިން ހުރީ 144ގައި ކަމަށްވާއިރު، ދެކުނުން ފުވައްމުލައް ސިޓީގައި ވައިގެ ކޮލިޓީ ހުރީ 132ގައެވެ.

މެޓު އޮފީހުން 'ސަން'އަށް ބުނި ގޮތުގައި، ޕީކް ދުވަހަކަށް ވާތީ، މިއަދު އިއްޔެއަށް ވުރެ ވައި ނުސާފެވެ.

މިގޮތުން، ހދ. ހަނިމާދޫއަށް ދުރުފެންނަ މިންވަރު ހަތަރު ކިލޯ މީޓަރުގައި ހުރިއިރު، މާލެއަށް ތިން ކިލޯމީޓަރުގައި ދުރު ފެނެއެވެ. ދެކުނުން ކާޑެއްދުއަށް އަށް ކިލޯ މީޓަރުގައި މިއަދު ދުރުފެނެއެވެ. ނަމަވެސް، ކައްދުއަށް ދުރު ފެންނަނީ ހަ ކިލޯ މީޓަރުގައި ކަމަށްވާއިރު، އައްޑުއަށް މިއަދު ދުރު ފެންނަނީ އެއަށް ވުރެ ދަށުން ފަސް ކިލޯ މީޓަރުގައެވެ.

އެ އޮފީހުން ބުނީ، މިއަދު އިއްޔެއަށް ވުރެ ވައި ނުސާފު ނަމަވެސް، މަޑުމަޑުން ރަނގަޅުވަމުން އަންނާނެ ކަމަށެވެ. އަދި، މާދަމާއިން ފެށިގެން ވައިގެ ސާފުމިން ރަނގަޅުވާން ފަށާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ. މި ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު އަންނަނީ ބޮޑުވަމުންނެވެ.

"ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.

މާލޭގެ ބާޒާރު ސަރަހައްދުގައި ބަޔަކު މާސްކެއް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.

comment ކޮމެންޓް