އީރާނުގެ ރައްދު ޓްރަމްޕަށް: "ހަނގުރާމަ ނިންމާނީ އަހަރެމެން"

މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެންނާނެ ވަގުތަކީ އީރާނުން ކަނޑައަޅާނެ ކަމެއް ކަމަށް އެ ގައުމުގެ އައިއާރްޖީސީން ބުނެފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ވިދާޅުވި ވާހަކަފުޅަށް ދިން ރައްދެކެވެ. އީރާނުން އިންޒާރު ދީފައިވަނީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް ހުއްޓާނުލައިފިނަމަ، ހުރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމަށް ހުރަސްއަޅާނެ ކަމަށެވެ. ޓްރަމްޕް ވަނީ މިފަދަ ހަރަކާތަކަށް ވަރުގަދަ އަސްކަރީ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

  • ހަނގުރާމަ ނިންމުމުގެ އިހުތިޔާރު އޮތީ އީރާނުގެ އަސްކަރިއްޔާގެ އަތްމަތީގައި ކަމަށް އައިއާރްޖީސީން ބުނުން.
  • އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް ހުއްޓާނުލައިފިނަމަ ތެޔޮ ދަތުރުފަތުރަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު.
  • ހުރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ 20 ގުނަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވުން.
  • އީރާނުން އެމެރިކާގެ އަގުބޮޑު ރޭޑަރު ސިސްޓަމްތަކާއި ޑްރޯންތައް ހަލާކުކޮށްލާފައިވާ ކަމަށް އައިއާރްޖީސީން ހާމަކުރުން.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ވަގުތެއް ކަނޑައަޅާނީ އީރާނުން ކަމަށް، އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.

އައިއާރްޖީސީން މިހެން ބުނެފައިވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދުގެ މުސްތަގުބަލު އޮތީ އެ މީހުންގެ އަސްކަރިއްޔާގެ އަތްމަތީގައި ކަމަށާއި، އެމެރިކާގެ ސިފައިންނަށް ހަނގުރާމަ ނުނިންމޭނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ، މެދުއިރުމަތިން "އެއް ލީޓަރުގެ ތެޔޮ" ވެސް ބޭރުކުރުމަށް ފުރުސަތު ނުދޭނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

https://www.sun.mv/218961

އީރާނުގެ މި އިންޒާރާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ހުރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް އީރާނުން ހުރަސްއަޅައިފިނަމަ، މިހާރު ދެމުންދާ ހަމަލާތަކަށްވުރެ 20 ގުނަ ވަރުގަދަ ހަމަލާތަކެއް އީރާނަށް ދޭނެ ކަމަށެވެ.

އައިއާރްޖީސީން ވަނީ އެމެރިކާގެ ޒަމާނީ 10 ރޭޑަރު ސިސްޓަމަކާއި އަގުބޮޑު ޑްރޯންތަކެއް ހަލާކުކޮށްލާފައިވާ ކަމަށްވެސް ބުނެފައެވެ.

އަދި އީރާނުގެ އަސްކަރީ ބާރު ދަށްވެފައިވާ ކަމަށް ބުނެ ޓްރަމްޕް ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެ ޖަމާއަތުން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް