ރަށްރަށުގެ އެމްބިއުލާންސް މަރާމާތުކުރުން ބަނދަރު ބަލަހައްޓާ ކުންފުންޏަށް ދީފި

ރަށްރަށުގެ އެމްބިއުލާންސް މަރާމާތުކުރުން ބަނދަރު ބަލަހައްޓާ ކުންފުންޏަށް ދިނުން -- ފޮޓޯ: އެމްޕީއެލް

ރާއްޖޭގެ އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކުރުމަށް ހެލްތު މިނިސްޓްރީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކޮށް، ސިއްހީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ. މީގެ ކުރިން 65.3 މިލިއަން ރުފިޔާގެ އަގުހުރި 56 އެމްބިއުލާންސް ރާއްޖެ ގެނެސް ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް މަސައްކަތްކޮށްފައިވެއެވެ.

  • އަތޮޅުތެރޭގެ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފި.
  • މި މަސައްކަތް ހަވާލުކުރީ ހެލްތު މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއެއްގެ ދަށުން.
  • މި އެއްބަސްވުމުގެ ސަބަބުން އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރެވޭނެ.
  • ޖުމުލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 56 އެމްބިއުލާންސް މީގެ ކުރިން ވަނީ ގެނެސްފައި.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އެމްބިއުލަންސްތަކާއި އެހެނިހެން ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް، ބަނދަރު ބެލެހެއްޓުމުގެ މަސައްކަތްކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އިއްޔެ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޕީއެލްއާ ހަވާލުކުރުމަށްޓަކައި އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އެމްޕީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރޭގެ ޞިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އެމްބިއުލަންސްތައް މަރާމާތުކުރުމާއި ސާވިސްކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީނެވެ.

މި މަސައްކަތް އެމްޕީއެލާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުންޏާ ހަވާލުކޮށްގެން ގެނައި 56 އެމްބިއުލާންސް މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ޖުމުލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި މި އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ އެކި ރަށްތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކުރުމަށް ގެނައި އުޅަނދުތަކެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކޮށް، މަރާމާތުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް