ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގިރާވަރުފަޅުން ބިން ހިއްކުން މިހާރު ގޮސްފައިވާ ހިސާބު ދައްކުވައިދޭ ފޮޓޮއެއް ހިއްސާކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމައި، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މެދުކެނޑުމަކަށް ފަހު އަލުން ފަށައިފައިވަނީ މިދިޔަ ޖަނަވަރީ މަހެވެ. އޭގެ ކުރިން އެ ސަރަހައްދުން 54 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދެ ޑްރެޖަރާ އެކު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ނިންމީ 2،000 ގޯއްޗެވެ. އެކަމަކު، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް އޭޕްރީލް ހަތެއް، 2024ގައި ހުޅުވާލިއެވެ.
އެ ފުރުސަތުގައި ގުޅިފަޅަށް ގޯތި ބަދަލު ކުރުމަށް 2210 މީހުން އެދުނެވެ. އެ މީހުންގެ މެދުގައި ޖޫން މަހު ވަނީ ގުރު ނަގާފައެވެ.
މިދިޔަ ނޮވެންބަރު 25ގައި ރައީސް ވަނީ، އެ ތާރީޚުން ފެށިގެން، ތިން މަސް ތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ހުޅުމާލޭ ފޭސް ތިނަކާއި ގުޅީފަޅުގެ އިތުރުން އުތުރު ތިލަފަޅުގެ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް، އިތުރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ހައުންސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.