ނަސާރާއިންނާއި ޔަހޫދީންގެ އުދުވާނުގައި އީރާނުގެ 3 މިލިޔަން މީހުންގެ ގެދޮރު ގެއްލިއްޖެ

އެެމެރިކާއާއި ޔަހޫދީންގެ ބޮމުގެ ހަމަލާތަކުގައި އާއިލާގެ ބަޔަކު ގެއްލިފައިވާ އީރާނުގެ ދެމީޙަކު ހިތާމަ ކުރަނީ

ތެހެރާން (21 މާޗް 2026): އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނުގެ އަސްކަރީ ތަންތަނަށް ދޭ ހަމަލާތަކުގެ އިތުރުން އީރާން ރައްޔިތުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްލޫކް ކޮލެޖް އަދި ބާޒާރުތައް ފަދަ މަދަނީ ތަންތަނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އީރާނުގައި ގެދޮރު ގެއްލޭ އާންމުންނާއި ރެފިއުޖީންގެ ގޮތުގައި ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށްދާ މީހުންގެ އަދަދު ގިނަވާކަން އެގައުން ހާމަކޮށްފިއެވެ.

އީރާނުގެ ސަރުކާރުން ބުނާގޮތުން އެގައުމުގެ އެތަށް ހާސްބަޔަކު ވެރިރަށް ތެހެރާން އާއި އީރާނުގެ ބޮޑެތި ސިޓީތައް ދޫކޮށް ރައްކާތެރި ތަންތަނަށް ވަނީ ހިޖުރަ ކުރަން ފަށާފައެވެ. ގިނަ ބަޔަކު ދަނީ ރަށްފުށުގެ ހިސާބުތަކަށް ކަމަށެވެ.

އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތައް ބުނާގޮތުން ގައުމުތަކުގެ މެދުގައި ހިނގާ ހަނގުރާމަތަކުގައި އަބަދުވެސް ހަނދާންނެތެނީ އެކަމުގެ އެންމެ ބޮޑުވޭންތައް ތަހައްމަލްކުރާ އާންމުންގެ މަތިންނެވެ.

ހަނގުރާމަތަކުގައި ގިނަބައެއްގެ ސަމާލުކަން ލިބެނީ ކާމިޔާބު ހޯދާ ފަރާތަށާއި ގިނައިން ހަމަލާތައް ދޭ ފަރާތަށެވެ. ހަނގުރާމައަކީ ފޯރުގަދަ ތަޅާލުންގަނޑެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިނަމަވެސް ހަގީގަތުގައި ހުރިހާ ގެއްލުމެއް ލިބެނީ އާންމުންނަށެވެ. އަދި އެންމެ ބޮޑަށް ހަނދާންނެތެނީވެސް އާންމުންގެ މަތިންނެވެ.

މަދަނީ ދިފާއުގައި މަސައްކަތްކުރާ އީރާންގެ ބަޔަކު ދުއާކުރަނީ

އީރާނުގެ ރަސްމީ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން އީރާނުގެ 3 މިލިޔަނެއްހާ މީހުންވަނީ ރެފިއުޖީންގެ ގޮތުގައި އެމީހުންގެ ގެދޮރުން ބޭރުވެފައެވެ. އެތަށް ހާސް ބައެއްގެ ގެދޮރުވަނީ ހަލާކުވެފައެވެ.

މިހާ ގިނަ އަދަދެއްގެ މީހުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި ވަގުތީ ހިޔާވަހިކަން ދިނުމަކީ އީރާނުގެ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

އީރާނުގެ ތެލާއި ގޭހުގެ ސަޕްލައިއަށް އަދި ލޮޅުމެއް ނާރާތީ އެގައުމަށް ބޭނުންވާ އަސާސީ ތަކެތި ޗައިނާއާއި ރަޝިއާއިން އިންޕޯޓް ކުރެވެއެވެ. ނަަމަވެސް ހަނގުރާމައިގާ ދިފާއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމުން ރެފިއުޖީންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދިނުންވަނީ އީރާނަށް ދަތިކަމަކަށް ވެފައެވެ.

ނަތީޖާއެއްގެ ގޮތުން އީރާންވަނީ އެގައުމުގެ ރެފިއުޖީންނަށް އެހީވުމަށް އދ. އަށާއި ދުނިޔޭގެ ބައެއް ގައުމުތަކަށާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާ ޖަމާއަތްތަކަށް އިލްތިމާސް ކޮށްފައެވެ.

އީރާނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ގައުމުތަކުގެ ތެރޭގައި ރަޝިއާ، ޗައިނާ އިންޑިއާ އާއި މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމުތަކާއި ޔޫރަޕްގެ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް ހިމެނެއެވެ.

އިންސާނީ ދާއިރާއިން އެހީ ފޯރުކޮށްދޭ ބައިނަލްއަގްވާމީ އެތަށް ޖަމްއިއްޔާ އެއް އީރާން ތެރޭގައި ހަރަކާތްތެރިވަމުންދާކަން އެގައުމުން ފާހަގަ ކުރެއެވެ. އެމެރިކާއާއި ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ހަނގުރާމައާ ގުޅިގެން ކަނޑާއި ވައިގެ މަގުން އީރާނަށް ތަކެތި އެތެރެކުރުންވަނީ އިންތިހާއަށް ދަތިކަމަކަށް ވެފައެވެ.

މިހާރު އީރާނަށް ތަކެތި އެތެރެކުރަނީ އެއްގަމު މަގުން އީރާން އާ ގުޅިފައިވާ ގައުމުތައް މެދުވެރިކޮށެވެ. އެއީ އިރާގާއި ތުރުކީ އަދި އަޒަރުބައިޖާން އާއި އާމީނިޔާ އާއި މެދުތެރޭ އޭޝިއާގެ އެހެން ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ހުރަސްކޮށެވެ. މިއީ ވަރަށް ދަތިކަމެވެ. ސަބަބަކީ އެއްގަމު މަގުން ތަކެތި ގެނައުމަށް ދިގުމުއްދަތެއް ބޭނުންވާތީއެވެ.

އީރާނާއި ޗައިނާ އާ ދެމެދު އަފްޣާނިސްތާން މެދުވެރިކޮށް ރެއިލްއިންވަނީ ގުޅާލާފައެވެ. އެހެންކަމުން ޗައިނާއިން ގިނަ އަދަދެއްގެ އިންސާނީ އެހީގެ ސާމާނު މި ރެއިލްވޭ މެދުވެރިކޮށް އީރާނުގެ ރައްޔިތުންނަށް ފޮނުވަމުން ގެންދެއެވެ.

ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ އީރާނުގެ ރައްޔިތުންގެ އެތަށް މިލިޔަން ބަޔަކު ގެދޮރު ގެއްލި ރެފިއުޖީންގެ ގޮތުގައި ވެގެންދާނެކަމުގެ ކަންބޮޑުވުން އެބައޮތެވެ.

އެމެރިކާއާއި ޔަހޫދީންގެ ހަމަލާތަކުގައި މަރުވެ ޒަޚަމްވާ މީހުންގެ އަދަދު ގިނަކަމުން އީރާނުގެ ހޮސްޕިޓަލްތަކަށްވެސް ވަނީ ބާރުބޮޑުވެފައެވެ. އީރާނަކީ އެގައުމަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނުގެ 90 އިން ސައްތަ އަމިއްލައަށް އުފައްދާ ގައުމެއް ނަމަވެސް އީރާންވަނީ އިންޑީއާއިން ބޭސް އެތެރެކުރަން ކުރަން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު