މިއަދަކީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހެވެ. މި ދުވަސް މާރިޗު މަހުގެ 21 ވަނަ ދުވަހު ފާހަގަކުރަނީ ޑައުން ސިންޑްރޯމް މެދުވެރިވާ ސަބަބާ ގުޅުވައިގެންނެވެ. އެއީ އިންސާނާގެ 21 ވަނަ ކްރޮމޮޒޯމްގައި ޖޯޑެއްގެ ބަދަލުގައި ތިން ކްރޮމޮސޯމް ހުރުމުންނެވެ.
މި އަހަރު ޑައުންސިންޑްރޯމް ދުވަހުގެ ޝިއާރަކީ 'ޓުގެދާ އެގެންސްޓް ލޯންލިނެސް' ނުވަތަ 'އެކަނިވެރިކަމާ ދެކޮޅަށް އެންމެން އެކީގައި' މިއެވެ.
ޑައުން ސިންޑްރޯމްއަކީ ކޮބާ؟
ޑައުން ސިންޑްރޯމް އަކީ ބަލިމަޑުކަމެއް ނޫނެވެ. މިއީ އުފަންވާއިރު ހުންނަ ޖެނެޓިކް (އަމިއްލަ ޒާތުގައި އުފެދޭ) ހާލަތެކެވެ. އާންމުކޮށް އިންސާނެއްގެ ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި 46 ކްރޮމޮޒޯމް ހުންނައިރު، ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހަށިގަނޑުގައި 47 ކްރޮމޮޒޯމް ހުރެއެވެ.
ބަޔޮލޮޖިކަލް ހަގީގަތްތައް
ޑައުން ސިންޑްރޯމް މެދުވެރިވާ މައިގަނޑު 3 ގޮތެއް ވެއެވެ:
* ޓްރައިސޯމީ 21: މިއީ އެންމެ އާންމު ބާވަތެވެ. މި ހާލަތުގައި ހުރިހާ ސެލްއެއްގައި 21 ވަނަ ކްރޮމޮޒޯމްގެ އިތުރު ކޮޕީއެއް އޮވެއެވެ.
* މޯޒޭއިކް ޑައުން ސިންޑްރޯމް: މިއީ ވަރަށް މަދު ހާލަތެކެވެ. ބައެއް ސެލްތަކުގައި އިތުރު ކްރޮމޮޒޯމް ހުންނައިރު، އަނެއްބައި ސެލްތައް އާންމު ގޮތަށް ހުރެއެވެ.
* ޓްރާންސް ލޮކޭޝަން ޑައުން ސިންޑްރޯމް: މިއީ 21 ވަނަ ކްރޮމޮޒޯމްގެ ބައެއް އެހެން ކްރޮމޮޒޯމެއްގައި ތަތްވެފައި ހުރުމެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފަންވާ ކޮންމެ 700 އާއި 800 އާ ދެމެދުގެ ކުދިންގެ ތެރެއިން އެކަކީ ޑައުން ސިންޑްރޯމް ހުންނަ ކުއްޖެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު 3,000 އާއި 5,000 އާ ދެމެދުގެ އަދަދަކަށް ޑައުން ސިންޑްރޯމް ކުދިން އުފަންވެއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެހެން ކުދިންނެކޭ އެއްފަދައިން ސްކޫލްގައި ކިޔެވުމުގެ ފުރުސަތު ދޭން ޖެހޭ --
ރާއްޖޭގައި ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ސީދާ އަދަދެއް ރަސްމީ ހިސާބުތަކުން ނޭނގެއެވެ. ނަމަވެސް އާބާދީގައި ހިމެނޭ، ޑައުން ސިންޑްރޯމް ކުދިންނަށް އެހީވުމަށް އެކި ހަރަކާތްތައް ހިންގައެވެ. އެގޮތުން، ރާއްޖޭގައި ޑައުން ސިންޑްރޯމް ކުދިންނަށް އެހީތެރިވުމަށް 'ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން' ފަދަ ޖަމިއްޔާތަކުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ.
މީގެ އިތުރުން، ސަރުކާރުގެ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު"ގައި ގިނަ އަދަދެއްގެ ޑައުން ސިންޑްރޯމް ކުދިން ހިމެނެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ކިބައިން ފެންނަ ބައެއް އާންމު ސިފަތަކުގެ ތެރޭގައި، މޫނު ފަތިކޮށް ފުޅާކޮށް ހުރުން، ލޯ ކުޑަކޮށް މައްޗަށް ދެމިފައި ހުރުން، އަދި އިސްކޮޅުން ކުރުވުން ހިމެނެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ކުދިން އުފަންވާއިރު ހިތުގެ މައްސަލަތައް ހުރެއެވެ. އަދި ގިނަ ކުދިންނަށް ލޮލުގެ ފެނުމާއި ކަންފަތަށް އިވުމުގައި ދަތިތަކެއް ހުރެދާނެއެވެ.
ހަމައެއާއެކު، އެ ކުދިންނަށް ތައިރޮއިޑް ގްލޭންޑްގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި މީހުންނަށް ފުރުސަތުތައް ދީ، މުޖުތަމައުގައި ޝާމިލްކުރަން ޖެހެއެވެ. އެގޮތުން، އެހެން ކުދިންނެކޭ އެއްފަދައިން އާންމު ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ދީ، ހުނަރުތަކާ ގުޅޭ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ދިނުން މުހިންމެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ ތަފާތު ކުދިންނެވެ. އެކަމަކު އެއީ "އުނި" ބައެއް ނޫނެވެ. މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެ މީހުންނަށް އުފާވެރި، ބާއްޖަވެރި މުސްތަގުބަލެއް ހޯދައިދިނުމަށެވެ.