ފުއްޕާމޭގެ ކެންސަރަކީ ގިނަ ދުވަސްތަކެއް ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅުވައިފައިވާ ބައްޔެކެވެ. މިކަމުގެ ސަބަބުން، ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށް ގިނަ ބަޔަކަށް ހީވެފައި އޮވެއެވެ.
ނަމަވެސް، ބޭސްވެރިކަމުގެ ތަޖުރިބާތަކަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމަކީ ނާދިރު ކަމެއްނޫން ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް-މެޑިކަލް ހެމަޓޯ އޮންކޮލޮޖީ ކޮންސަލްޓަންޓް ޑރ. ރިޔާން އާޑިއަން ސަޕުތްރާ ވަނީ ވިދާޅުވެފައެވެ.
މި ހަގީގަތް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި މި ބަލީގެ ނުރައްކާ އޮތްކަމަށް އަޅުގަނޑުމެން ގަބޫލުނުކުރާ ހާލަތްތަކުގައި ވެސް، ފެންނަ އަލާމާތްތަކަށް ފަރުވާކުޑަ ނުކުރުމަށް މި މައުޟޫއާ ގުޅޭގޮތުން އާއްމުކުރައްވާފައިވާ ލިޔުމުގައި ފާހަގަކުރައްވާފައިވެއެވެ.
އެހެންވީމާ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހެން މެދުވެރިވަނީ ކީއްވެގެންތޯ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.

ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ އޮތްކަމަށް އަޅުގަނޑުމެން ގަބޫލުނުކުރާ ހާލަތްތަކުގައި ވެސް، ފެންނަ އަލާމާތްތަކަށް ފަރުވާކުޑަ ނުކުރުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައި--ފޮޓޯ/އީއެމްސީހެލްތުކެއަ
ޑރ. ރިޔާން އާޑިއަން ސަޕުތްރާގެ ލިޔުއްވުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ފުއްޕާމޭގެ ކެންސަރު ޖެހެނީ ހަމައެކަނި ސިނގިރޭޓުގެ ސަބަބަކުން ނޫނެވ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވީ ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް މި ބަލި ޖެހުމަށް ތިމާވެށީގެ އަދި ހަށިގަނޑުގެ ބައެއް ބަދަލުތަކާ ގުޅުންހުރި ތަފާތު ސަބަބުތައް މެދުވެރިވާ ކަމަށް އެ ލިޔުމުގައި ޑރ. ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ ތެރޭގައި ހިމެނޭ ކަންކަމަކީ:
- ސިނގިރޭޓުގެ ދުމަށް ހުށަހެޅުން (ޕެސިވް ސްމޯކިންގް)
ދުންފަތުގެ އިސްތިއުމާލު ނުކުރި ކަމުގައި ވިޔަސް، ގަވާއިދުން ސިނގިރޭޓުގެ ދުމަށް ހުށަހެޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެއެވެ. ގޭތެރޭގައި ނުވަތަ މަސައްކަތު މާހައުލުގައި ގިނަ ދުވަސްތަކެއް ވަންދެން ސިނގިރޭޓުގެ ދުމަށް ހުށަހެޅުމަކީ ފުއްޕާމޭގެ ސެލްތަކަށް ބަދަލު އަންނަން މެދުވެރިވާ ކަމެކެވެ.
- ވައި ނުސާފުވުން
ވައި ނުސާފު މާހައުލުތަކުގައި ގިނަ ދުވަހު އުޅެންޖެހުމަކީ ވެސް މި ބަލީގެ ނުރައްކާ އިތުރުވާ ކަމެކެވެ. ވައިގެ ތެރޭގައި ހުންނަ ކުދިކުދި ޕާޓިކަލްތައް ނޭވާލާ ނިޒާމުގެ ތެރެއަށް ގޮސް، ފުއްޕާމޭގައި ދާއިމީކޮށް އިންފްލެމޭޝަން އުފެދި، އޭގެ ސަބަބުން ވަގުތު ފާއިތުވަމުންދާ ވަރަކަށް ސެލްތަކަށް ނޭދެވޭ ބަދަލުތައް އާދެއެވެ.
- މަސައްކަތު މާހައުލުގައި ހުންނަ ނުރައްކާތެރި މާއްދާތަކަށް ހުށަހެޅުން
އެސްބެސްޓޯސް، ރޭޑޯން ނުވަތަ ބައެއް ބާވަތްތަކުގެ މެޓަލްތަކާ ގުޅުންހުރި ސިނާއީ މަސައްކަތްތައް ކުރާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ. މިފަދަ މާއްދާތަކަށް ހުށަހެޅޭ މާހައުލުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ގަވާއިދުން ސިއްހީ ޗެކަޕް ހެދުމަކީ މުހިންމު ކަމެކެވެ.
- ޖެނެޓިކް ސަބަބުތައް
އާއިލާގެ ތެރޭގައި ކެންސަރު ބަލީގެ ތާރީހެއް އޮތުމަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރި ކަމުގައި ވިޔަސް، ބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. ސެލްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކެންސަރަށް މަގުފަހިވުމުގައި އިންސާނާގެ ޖީންސް މުހިންމު ދައުރެއް އަދާކުރެއެވެ.
- ދާއިމީ ފުއްޕާމޭގެ ބަލިތައް
ފުއްޕާމޭގައި ގިނަ ދުވަސްވަންދެން ހުންނަ އިންފެކްޝަންތަކާއި ނުވަތަ ފުއްޕާމޭގެ ބައެއް ބަލިތަކުގެ ސަބަބުން، ފަހުގެ މަރުހަލާއެއްގައި ކެންސަރު އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކަކީ، ބަލީގެ ކުރީކޮޅުގައި ވަކި ހާއްސަ އަލާމާތްތަކަކަށް ނުވެދާނެއެވެ.
އެހެންނަމަވެސް ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމުގެތެރޭ:
- ރަނގަޅުނުވެ ގިނަދުވަސްވާ ކެއްސުން
- ކެއްސާއިރު ލޭ އައުން
- ނޭވާލާން އުނދަގޫވުން
- މޭގައި ރިއްސުން
- ސަބަބެއް ނޭނގި ބަރުދަން ލުއިވުން
- އަވަހަށް ވަރުބަލިވުން، ހިމެނެއެވެ.
ދުންފަތުގެ އިސްތިޢުމާލު ނުކުރާތީ، މިފަދަ އަލާމާތެއް ފެނުމުން ގިނަ މީހުންނަށް ފުރަތަމަ ވެސް ފުއްޕާމޭގެ ކެންސަރާ މެދު ޝައްކެއް ނުކުރެވެއެވެ. އެހެންކަމުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް މި ބައްޔާ ބެހޭ މަޢުލޫމާތު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ޑރ. ރިޔާން އާޑިއަން ސަޕުތްރާ ވަނީ ވިދާޅުވެފައެވެ.
މިބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ، ފަރުވާ ކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އަލާމާތްތައް ދިގުލައިގެންދާނަމަ ނުވަތަ ހާލަތު ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ ކަމަށް ވެސް ޑރ. ރިޔާން އާޑިއަން ސަޕުތްރާ ވަނީ އިރުޝާދު ދެއްވާފައެވެ.
ބަލި ދެނެގަތުމަށްޓަކައި ޑޮކްޓަރުން ކުރާނެ ކަންތައްތަކުގެ ތެރޭގައި ބަލިމީހާ ބަލައި ފާސްކުރުމާއި، އެކްސް-ރޭ ނުވަތަ ސީޓީ ސްކޭން ފަދަ ރޭޑިއޮލޮޖިކަލް ޓެސްޓުތައް ހެދުން ހިމެނެއެވެ. ހަދާނެ ޓެސްޓުތައް ކަނޑައަޅާނީ ކޮންމެ މީހެއްގެ ވެސް ހާލަތަށް ބަލައިފައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ފުއްޕާމޭގެ ދުޅަހެޔޮކަމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް މި ބަލި ޖެހިދާނެކަން ގަބޫލުކުރުމަކީ، ބިރުގަތުމުގެ ބަދަލުގައި ބައްޔަށް ސަމާލުވެ ތިބުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އެންމެ ރަނގަޅު ގޮތަކީ ބަލީގެ އަލާމާތްތައް ކުރީކޮޅުގައި ދެނެގަތުމާއި، އެއްވެސް އުނދަގުލެއް ދިގުލައިގެންދާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ކަމަށް ޑރ. ރިޔާން އާޑިއަން ސަޕުތްރާގެ ލިޔުއްވުމުގައި ބަޔާންކުރައްވާފައިވެއެވެ.
ނޭވާލާ ނިޒާމުގެ އެއްވެސް އުނދަގުލެއް ހުރިނަމަ ނުވަތަ ފުއްޕާމޭގެ ކެންސަރުގެ ނުރައްކާ އޮތް މިންވަރާ މެދު ކަންބޮޑުވާނަމަ، ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ބަލި ކުރީކޮޅު ދެނެގަނެވި، އެކަށީގެންވާ ފަރުވާ ލިބުމަކީ ހާސްކަމެއް ނެތި ސިއްހީ ކަންކަމުގައި ކުރިއަށް ދިއުމަށް އޮތް މަގެކެވެ.