އީރާނުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒަށް ދިން ހަމަލާތަކުގައި ޔަހޫދީ ގިނަ އަދަދެއްގެ ސައެންޓިސްޓުން މަރާލައިފި

ތެހެރާން (22 މާޗް 2026): އީރާނުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ކަމަށްވާ ދައިމޫނާ ނިއުކްލިޔާ މަރުކަޒަށް ރޭ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ބާރުގަދަ ވޯހެޑްތަކެއް ހަރުކޮށްފައިވާ މިސައިލްތަކުން ޔަހޫދީންގެ ދައިމޫނާ ނިއުކްލިޔާ މަރުކަޒަށް ހަމަލާދިނީ އިސްރާއީލުން އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒަށް ހަމަލާދިނުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާތައް އަމާޒުކުރީ އިސްރާއީލުގެ މައި ނިއުކްލިޔާ ރިއެކްޓަރަކަށް ނޫނެވެ. އެތަނުގައި މަސައްކަތްކުރާ ޔަހޫދީ ސައެންޓިސްޓުންނާއި އިންޖިނޭރުން ތިބޭ މައި އިމާރާތްތަކަށެވެ. އޭގެތެރެއިން ދެތިން އިމާރާތް ވަނީ އެއްކޮށް އަނދައި ބިމާ ހަމަވެފައެވެ.

މީގެއިތުން އިތުރު ސަތޭކަ ވަރަކަށް އިމާރާތަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބި އަލުން އެތަންތަން ބޭނުން ނުކުރެވޭވަރު ވެފައެވެ. އިސްރާއީލު ބުނާގޮތުން ވެސް އީރާނުގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ އިމާރާތް ހަލާކުވެ އަށް މީހަކު މަރުވެ 150 މީހުން ޒަޚަމްވިއެވެ.

އީރާނުން ޔަހޫދީންގެ ދައިމޫނާގެ މައި މަރުކަޒަށް ހަމަލާދޭން ބޭނުންވާނަމަ އެކަން ފަސޭހައިން ކުރެވިދާނެކަން އެގައުމުން މިހާރު މިވަނީ ސާބިތުކޮށްދީފައެވެ. އަދި ހަތް ލޭޔަރުގެ މައްޗަށް ބިނާކޮށްފައިވާ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ވެސް މިހާރު ބަލިކަށިވެ އިސްރާއީލުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އީރާނުން ނަގާފައިވާކަން ވެސް މިވަނީ ހާމަވެފައި ކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.

އިސްރާއީލުން ދެން އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް ހަމަލާއެއް ދީފިނަމަ އީރާނުން އިސްރާއީލުގެ ދައިމޫނާ ނިއުކްލިޔާ ރިއެކްޓަރު އެއްކޮށް ގޮއްވާލާނެކަމަށް އީރާނުގެ ރަސްމީ މިޑިއާ ބުނެއެވެ.

އެ ތަނަކީ ނިއުކްލިޔާ ހަތިޔާރު އުފައްދާ ތަނަކަށްވާތީ މިފަދަ ހާލަތެއްގައި އެތަނުން ނިއުކްލިޔާ ރޭޑިއޭޝަން ބޭރުވެދާނެކަމުގެ ބިރުވެސް ވަރަށް ބޮޑެވެ. އެފަދަ ހާލަތެއްގައި އެތައް ބަޔަކު މަރުވުމުގެ އިތުރުން ރޭޑިއޭޝަންގައި ކެންސަރު ޖެހިގެން މަރުވެގެންދާނެއެވެ.

އީރާނުން ހަމަލާތައްދިނީ ހަމައެކަނި ދައިމޫނާ ރިއެކްޓަރާ ގުޅިފައިވާ އިމާރާތްތަކަށް އެކަންޏެއް ނޫނެވެ. ދައިމޫނާގެ ކައިރީގައިވާ އިސްރާއީލުގެ އުރާދު ސަރަހައްދަށް ވެސް ވަރަށް ގަދަފަދަ މިސައިލުންވަނީ ގިނަ ހަމަލާތަކެއްދީފައެވެ.

މި ހަމަލާތައްވެސް ވަނީ ސީދާ ގޮތެއްގައި އެ ސަރަހައްދަށް އަރާފައެވެ. އަލްޖަޒީރާ ބުނާގޮތުން އީރާންވަނީ އިސްރާއީލުގެ ދައިމޫނާ ނިއުކްލިޔާ މަރުކަޒުގެ ކައިރީގައި ބިނާކޮށްފައިވާ ނިއުކްލިޔާ އަވަށް އެއްކޮށް ބިމާ ހަމަކޮށް ވުޖޫދުން ފުހެލާފައެވެ.

މިއީ އިސްރާއީލުގެ ވެރިންގެ އިތުރުން އާންމުން ވެސް ޚިޔާލަށް ވެސް ނުގެންނަ ވަރުގެ ގަދަ ފަދަ ހަމަލާތަކެއްކަމަށް އިސްރާއީލުގެ މީޑީއާއިން ވެސް ވަނީ ސިފަކޮށްފައެވެ. އީރާނުގެ ހަމަލާތަކާއެކު އިސްރާއީލުގެ ހަރުކަށިވެރިންނަށް މިވަނީ ހަދާނެގޮތް ހުސްވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ހަމަލާތަކުގައި މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އިސްރާއީލުގެ ނިއުކްލިޔާ ސައެންޓިސްޓުންނާއި އިންޖިނޭރުންނާއި އަދި އެމީހުންގެ އާއިލާތައްކަމަށްވެއެވެ. ގެދޮރު ގެއްލުނު މީހުންގެ ތެރޭގައިވެސް ގިނައީ އިސްރާއީލުގެ ނިއުކްލިޔާ ރިއެކްޓަރުގައި މަސައްކަތްކުރާ މީހުންކަމަށްވެއެވެ.

comment ކޮމެންޓް