އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ދުނިޔޭގެ ލީޑަރުންނަށް، މަޝްހޫރު އިމޭޖް-ޝެއަރިން ޕްލެޓްފޯމް 'ޕިންޓްރެސްޓް' ގެ ސީއީއޯ ބިލް ރެޑީ ގޮވާލައްވައިފިއެވެ.
އޭނާ މިކަމަށް ގޮވާލެއްވީ ހުކުރު ދުވަހު އޭނާގެ ލިންކްޑްއިން އެކައުންޓުގައި އާންމުކުރެއްވި ލިޔުމެއްގައެވެ.
ބިލް ރެޑީ މިފަދައިން ގޮވާލައްވާފައި މިވަނީ، ކުޑަކުދިންނާއި ޒުވާނުން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަމަށް ބުނެ ގޫގުލް އަދި މެޓާއާ ދެކޮޅަށް އެމެރިކާގެ ލޮސް އެންޖެލިސްގައި ޝަރީޢަތެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގައި ޖޫރީން މިހާރު ދަނީ ގޮތެއް ނިންމުމަށް މަޝްވަރާކުރަމުންނެވެ.
ލިންކްޑްއިންގައި އާންމުކުރެއްވި ލިޔުމުގައި ބިލް ރެޑީ ވިދާޅުވެފައިވަނީ، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭނެ ފަދަ ސާފު މިންގަނޑެއް ކަނޑައަޅައި، އެކަން ހަރުދަނާ ގޮތެއްގައި ތަންފީޒުކުރަންޖެހޭ ކަމަށެވެ. އަދި މޯބައިލް ފޯނުތަކުގެ އޮޕަރޭޓިން ސިސްޓަމްތަކާއި އެޕްލިކޭޝަންތައް މިކަމުގައި ޒިންމާދާރުކުރުވަން ޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގައި ނަމޫނާއެއްގެ ގޮތުން އޭނާ ދެއްކެވީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ދާދިފަހުން އޮސްޓްރޭލިއާއިން ނިންމި ނިންމުމެވެ.
މިކަމާ ގުޅޭގޮތުން ޕިންޓްރެސްޓްގެ ތަރުޖަމާނު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ބިލް ރެޑީ ގޮވާލެއްވިއިރު، މިއީ ދުނިޔޭގެ އެހެން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ވެރިންގެ ވިސްނުމާ މުޅިން ތަފާތު ވިސްނުމެކެވެ.
ކުޑަކުދިންނާއި ޒުވާނުންނަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކާ ގުޅިގެން، އެ ކުންފުނިތަކުގެ އުފެއްދުންތައް ކުޑަކުދިންނާ ރައްޓެހި ގޮތަކަށް ބަދަލުކުރުމަށް ގާނޫނުހަދާ މަޖިލިސްތަކުންނާއި ކޯޓުތަކުން ދަނީ ބޮޑެތި ޓެކް ކުންފުނިތަކަށް ޕްރެޝަރު ކުރަމުންނެވެ.
ޕިންޓްރެސްޓްގެ ވެބްސައިޓުގައިވާ ގޮތުން، އެމެރިކާގައި މިހާރުވެސް އެ އެޕްލިކޭޝަން ބޭނުންކުރެވޭނީ އުމުރުން 13 އަހަރު ފުރިފައިވާ ކުދިންނަށެވެ. ފަހަކަށްއައިސް "ޖެނެރޭޝަން ޒީ" (1997 އާއި 2012 އާ ދެމެދު އުފަންވެފައިވާ މީހުން) ގެ މެދުގައި ޕިންޓްރެސްޓްގެ މަގުބޫލުކަން އިތުރުކުރުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާއިރު، ރިސާޗް ކުންފުންޏެއް ކަމަށްވާ 'އެޕްޓޯޕިއާ' އިން ހާމަކުރާގޮތުގައި ޕިންޓްރެސްޓް ބޭނުންކުރާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ 17 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ފަހަކަށް އައިސް، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރެވެމުންނެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ހައްދެއްނެތި ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ކުދިންގެ މެދުގައި ޑިޕްރެޝަނާއި، އެންޒައިޓީ (ކަންބޮޑުވުން) އަދި ސައިބާ-ބުލީން ފަދަ މައްސަލަތައް އިތުރުވުމަށް މަގުފަހިކުރުވާ ކަމެކެވެ. މިކަމާ ގުޅިގެން މެޓާ، ޓިކްޓޮކް އަދި ގޫގުލް ފަދަ ބޮޑެތި ޓެކް ކުންފުނިތަކާ ދެކޮޅަށް ގިނަ ގައުމުތަކެއްގައި މައިންބަފައިންނާއި ޖަމިއްޔާތަކުން އަދި ސަރުކާރުތަކުން ދަނީ ދައުވާކުރަމުންނެވެ.
މި އެޕްލިކޭޝަންތަކަކީ ކުދިން އެއަށް ދެވިހިފާ ގޮތަށް ގަސްދުގައި ފަރުމާކޮށްފައިވާ އެއްޗެހިކަމަށް ތުހުމަތުކޮށް، އެ ކުންފުނިތައް ޒިންމާދާރުކުރުވުމަށް ގާނޫނީ ފިޔަވަޅުތައް އެޅުން ވަނީ އިތުރުވެފައެވެ.
އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ދާދިފަހުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ގާނޫނު ފާސްކުރުމަކީ، އިންޓަނެޓުގެ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށް ދުނިޔޭގެ ގައުމުތަކުން މިހާރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމުގެ ސާފު ހެއްކެކެވެ.