ސާފް 20 އަހަރުންދަށުގެ މުބާރާތް އެސްއެސްޓީވީއަށް

ސާފް 20 އަހަރުންދަށުގެ މުބާރާތާ ގުޅޭގޮތުން އެސްއެސް މީޑިއާއާއި ޕީއެސްއެމް ސޮއިކުރަނީ-- ފޮޓޯ: ޕީއެސްއެމް

މާދަމާ ފެށުމަށް ތައްޔާރުވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ދެއްކުމުގެ ފުރުސަތު އެސްއެސްޓީވީއަށް ލިބިއްޖެއެވެ.

މުބާރާތުގެ މެޗުތައް ދެއްކުމުގެ ފުރުސަތު އެސްއެސްޓީވީއަށް ލިބުނީ ޕަބްލިކް ސާރވިސް މީޑއާ (ޕީޢެސްއެމް) ގެ އެހީތެރިކަމާއެކު އެވެ. މުބާރާތުގެ މެޗުތައް ދެއްކުމުގެ ފުރުސަތު އެސްއެސްޓީވީއަށް ލިބުނުއިރު، މިކަމާ ގުޅޭ ހާއްސަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ޕީއެސްއެމް ރޭޑިއޯ ބިލްޑިންގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާރުގައި، އެސްއެސްޓީވީގެ ފަރާތުން އެގްރީމެންޓުގައި ސޮއިކުރެއްވީ އެސްއެސް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީން އާއި ސީނިއާ މެނޭޖަރ، އިވެންޓް އެންޑް ލައިވް ޕްރޮޑަކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ހަމްޒާއެވެ.

ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަބްދުﷲ ޔާމީން އާއި އެގްޒެކިއުޓިވް ޑިރެކްޓަރ، ނިއުސް އެންޑް ކަރަންޓް އެފެއާޒް، ޙުސެއިން އަމީން ނަސީރެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޒަހީން ވިދާޅުވީ ގައުމީ މިފަދަ ކަންކަމުގައި އެސްއެސް މީޑިއާގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށާއި މިކަން ކުރުމަށް ނިންމީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަމަށެވެ. އަދި ޕީއެސްއެމްގެ މި ނިންމުމަކީ ވަރަށް ފުރިހަމަ ނިންުމުމެއްގެ ގޮތުގައި ޒަހީން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑީއާ، ޕާކިސްތާން، ސްރީލަންކާގެ އިތުރުން ބޫޓާނާއި ނޭޕާލް ހިމެނޭހެން ޖުމްލަ ހަތް ޓީމުން ބައިވެރިވާ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން މިއަދު ވަނީ ރާއްޖެ އަންނަން ފަށާފައެވެ.

މުބާރާތުގެ މެޗުތަކުގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށާފައެވެ. އަދި ޓިކެޓުތަކަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ،

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ 20:30 ގައެވެ. ދެވަނަ މެޗު 25 ވަނަ ދުވަހުގެރޭ އޮންނައިރު ތިންވަނަ މެޗު އޮންނާނީ 27 ވަނަ ދުވަހުގެ ހަވީރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު